އިނގިރޭސި ކްލަބް ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ އިތުބާރު ފޯވާޑް ހެރީ ކޭން އެ ކްލަބުގައި 2024 ވަނަ އަހަރާ ހަމައަށް ހުންނަން ނިންމައިފި އެވެ. އިތުރު 6 އަހަރަށް ޓޮޓެންހަމްގައި މަޑުކުރަން ކޭން ނިންމި އިރު އެޓީމުގެ ކޯޗު މައުރިޗިއޯ ޕޮޗެޓީނޯ ވެސް ވަނީ މިދިޔަ މޭ މަހުގެ ތެރޭގައި އެ ކްލަބާއެކު އިތުރު ފަސް އަހަރު މަޑުކުރަން ނިންމާފައެވެ.
އުމުރުން 24 އަހަރުގެ ކޭން ވަނީ މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގުގައި އެޓީމަށް 30 ލަނޑު ޖަހައިދީފައެވެ. ކޭންގެ އެހީތެރިކަމާއެކު ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް އެޓީމު ދިޔައިރު ޕްރިމިއަރ ލީގުގެ ތިންވަނަ ވަނީ ހޯދާފައެވެ. މީގެ އިތުރުން މިފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި ޓީމުގެ ކެޕްޓަންކަންވެސް ކުރާނީ އޭނާއެވެ.
” އަހަރެން މި ބަލަނީ ކުރިމަގަށް. ޖެހިޖެހިގެން ޗެމްޕިއަންސް ލީގަށް ކޮލިފައިވެ އަދި ޕްރިމިއަރ ލީގާ އެފްއޭކަޕްގައި ވެސް ވީހާވެސް ދުރަށް ދާން ބޭނުން. އަނެއްކާ ވޯލްޑް ކަޕްގެ ކުރިން ޓީމުގެ މަޑުކުރުމުގެ ކަންތައް ނިންމާލެވުނީމަ ހިތްހަމަ ޖެހޭ ” ކްލަބްގެ އޮފިޝަލް ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ކޭން ބުންޏެވެ.
ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ ކޭން ވަނީ 2017 ވަނަ އަހަރު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. ޔޫރަޕްގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ކްލަބަށާއި ގައުމަށް 2017 ވަނަ އަހަރު ކޭން ވަނީ 56 ލަނޑު ޖަހައިދީފައެވެ. މީގެ އިތުރުން މިދިޔަ އަހަރު ޕްރިމިއަރ ލީގުގައި ކޭން ޖެހި 39 ލަނޑަކީވެސް އެއް އަހަރަށް ބަލާއިރު ރެކޯޑެކެވެ. އެއް ފެންވަރެއްގައި ގިނަ ސީޒަންތަކެއް ކުޅެފައިވާ ކޭން އަކީ ޓޮޓެންހަމްގެ ތާރީހުގައި ޕްރިމިއަރ ލީގު ލަނޑު އެންމެ ގިނައިން ޖަހާދީފައިވާ ކުޅުންތެރިޔާ އެވެ.