ފުރަތަމަ ސަފްޙާ / ޚަބަރު / ޓީމު ރެލިގޭޓްވިޔަސް ކޮމްޕެނީ ޗެމްޕިއަންސް ލީގަށް

ޓީމު ރެލިގޭޓްވިޔަސް ކޮމްޕެނީ ޗެމްޕިއަންސް ލީގަށް

އެޑްމިން
އެޑްމިން
1 އަހަރު ކުރިން 30 މެއި 2024

ހުސްވެފައިވާ ބަޔާން މިއުނިކްގެ ކޯޗުކަމުގެ މަގާމަށް، މިދިޔަ ސީޒަނުގައި އިނގިރޭސި ކްލަބް ބާންލީ ރެލިގޭޓްވިއިރު ކޯޗުކަން ކުރި ވިންސެންޓް ކޮމްޕެނީ ހަމަޖައްސައިފި އެވެ.

ކުރިން ބެލްޖިއަމް އާއި މެންޗެސްޓާ ސިޓީގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރު ބަޔާންއާ ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ. ކޮމްޕެނީ، 38، ގެންދަން ބަޔާނުން ގާތްގަނޑަކަށް 13 މިލިއަން ޑޮލަރު ހަރަދުކުރި އެވެ.

ކޮމްޕެނީ 2020 ވަނަ އަހަރު ފުޓްބޯޅައިން ރިޓަޔާކުރުމަށް ފަހު ކޯޗިން ފެށީ ބެލްޖިއަމްގެ އެންޑަލެކްޓް އިންނެވެ. އެ ކްލަބުގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށް ފަހު ކޮމްޕެނީ 2022 ވަނަ އަހަރު ބަދަލުވީ ބާންލީ އަށެވެ. އޭރު ބާންލީ ކުޅުނީ އިނގިރޭސި ޗެމްޕިއަންޝިޕްގަ އެވެ. ކޮމްޕެނީގެ ފުރަތަމަ ސީޒަނުގައި ބާންލީ އަށް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީ އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓް ކޮށްދިނެވެ. އެކަމަކު މިދިޔަ ސީޒަނުގެ ލީގުގައި ބާންލީގެ ކޮމްޕެނީ ނިންމާލީ ފަހަތުން ދެ ވަނައިގަ އެވެ.

ރެލިގޭޓް ވިޔަސް ބާންލީ އިން ބޭނުންވީ ކޮމްޕެނީ މަގާމުގައި ބަހައްޓާށެވެ.

“މި ކްލަބަށް މަސައްކަތްކުރަން ލިބުމަކީ ފަހުރެއް. މިއީ ބައިނަލްއަގްވާމީ ފުޓްބޯޅައިގެ ބޮޑު ނަމެއް” ޗެމްޕިއަންސް ލީގުގެ ކްލަބާ ހަވާލުވުމަށް ފަހު ކޮމްޕެނީ ބުންޏެވެ.

މިދިޔަ ސީޒަނަށް ފަހު ތޯމަސް ޓުޗެލް ވަނީ ބަޔާންގެ ކޯޗުކަމުން ދުރުވެފަ އެވެ. ޓުޗެލްގެ ކޯޗުކަމުގައި ބަޔާން ލީގު ނިންމާލީ ތިން ވަނައިގަ އެވެ.

ކޮމްޕެނީގެ އިތުރުން ބަޔާ ލެވަކޫސަންއާ އެކު ކާމިޔާބު ސީޒަނެއް ނިންމާލި ޒަބީ އަލޮންސޯ އާއި ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން އަދި އޮސްޓްރިއާގެ ކޯޗު ރަލްފް ރަންގްނިކް ގެންދަން ބަޔާން ޝައުގުވެރިވި އެވެ. އެކަމަކު އެއިން އެކަކު ވެސް ބަޔާން އަށް ދާން އެއްބަހެއްނުވި އެވެ.

ކެރިއަރުގެ ޅަފަތުގައި ކޮމްޕެނީ ބަޔާންއާ ހަވާލުވުން އެއީ ފުޓްބޯޅަ ސަޕޯޓަރުންނަށް ލިބުނު ހައިރާން ކަމެކެވެ. އެކަމަކު ބާންލީއާ އެކު ރެލިގޭޓްވިޔަސް އަންނަ ސީޒަނުގައި ކޮމްޕެނީ ހުންނާނީ ޖަރުމަނުގެ އެންމެ ކާމިޔާބު ފުޓްބޯޅަ ޓީމަށް އިރުޝާދުދޭށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!