މި ސީޒަނުގެ ސްޕެނިޝް ލީގު ރޭހުގައި ރެއާލް މެޑްރިޑާ ރަނގަޅު ވާދައެއްކުރަމުން އައި ޖިރޯނާ ރޭ ލީގުގައި އެތުލެޓިކް ބިލްބާއޯ ދެކޮޅަށް ކުޅުނު މެޗުން 2-3 އިން ބަލިވެއްޖެ އެވެ.
ލީގުގައި އާދީއްތަ ދުވަހުގެ ހަވީރު ރެއާލް ވަނީ އަވައްޓެރި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވެފަ އެވެ. އެހެންވެ ޖިރޯނާ ރޭގެ މެޗަށް ނުކުތީ މޮޅަކާ އެކު ރެއާލްއާ ތިން ޕޮއިންޓް ގާތަށް ޖެހިލުމުގެ އަޒުމުގަ އެވެ. އެކަމަކު ރަށުން ބޭރުގައި ބަލިވުމާ އެކު ރަނގަޅަށް ބުރެކި ޖެހި ރެއާލް އަތުލަން ޖިރޯނާ އަށް ވަނީ އުނދަގޫވެފަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު ދެ ވަނަ މިނެޓުގައި ޖެހީ ބިލްބާއޯގެ އަލެހަންދްރޯ ރެމީރޯ އެވެ. ޖިރޯނާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 49 ވަނަ މިނެޓުގައި ވިކްޓޯ ސިހަންކޯވް އެވެ. ބިލްބާއޯގެ ދެ ވަނަ ގޯލު ވެސް ޖެހީ ފުރަތަމަ ގޯލު ޖެހި ރެމީރޯ އެވެ. އޭނާ 56 ވަނަ މިނެޓުގައި ނަގައިދިން ލީޑަށް ފަހު 60 ވަނަ މިނެޓުގައި އިނާކީ ވިލިއަމްސް ވަނީ ބިލްބާއޯގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.
ދެ ގޯލު ފަހަތުގައި އޮވެ ޖިރޯނާ އިން ވަނީ ހިތްވަރާ އެކު ކުޅެ 75 ވަނަ މިނެޓުގައި ގޯލެއް ޖަހައިފަ އެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ އެރިކް ގާސިއާ އެވެ. އެކަމަކު މެޗުގެ ބާކީ ބައިގައި ޖިރޯނާ އިން ގޯލެއް ޖެހިޔަނުދީ ބިލްބާއޯ އިން ހިފެހެއްޓި އެވެ.
ލީގު އެއް ވަނައިގައި ރެއާލް އޮތީ 25 މެޗުން ލިބުނު 62 ޕޮއިންޓާ އެކު އެވެ. ޖިރޯނާ ދެ ވަނައިގައި އޮތީ 56 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ 54 ޕޮއިންޓް ލިބިފަ އެވެ.
މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އައި ޖިރޯނާ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އެންމެ ފަހުން ކުޅުނު ލީގު ތިން މެޗުން ވެސް އެޓީމަށް މޮޅެއް ނުލިބުނެވެ.
ރޭގެ މޮޅާ އެކު ބިލްބާއޯ ވަނީ 49 ޕޮއިންޓް ހަމަކޮށް ފަސް ވަނަ މަގާމް ވަރުގަދަކޮށްފަ އެވެ.