އެންމެ ނުވަ ދުވަސްތެރޭ ތިން މެޗުން ބަލިވެ ޖަރުމަނުގެ ޗެމްޕިއަން އަދި ޔޫރަޕްގެ ހައިބަތު ބޮޑު ކްލަބް ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހިދާނެކަމުގެ ބިރު ހީވެއްޖެ އެވެ.
ބަޔާންގެ ސީޒަން ގޯހުންގޯހަށް ދިޔައީ ރޭ ޖަރުމަނު ލީގުގައި ރަށުން ބޭރުގައި ބޮޗުމްއާ ވާދަކޮށް 2-3 އިން ބަލިވުމުންނެވެ.
އޭގެކުރިން މިދިޔަ ހަފްތާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގްގައި އިޓަލީގެ ލާޒިއޯ އަތުން 1-0 އިން ބަޔާން ބަލިވި އެވެ. އަދި ލީގުގައި މިދިޔަ ހަފްތާ ބަޔާން ލެވަލޫސެންއާ ވާދަކޮށް ރަށުން ބޭރުގައި 3-0 އިން ވަނީ ބަލިވެފަ އެވެ.
ޖެހިޖެހިގެން ތިން މެޗުން ބަޔާން އެންމެ ފަހުން ބަލިވީ ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި 2015 ވަނަ އަހަރު އެވެ.
ލީގު ރޭހުގައި ބަޔާން މިހާރު ދެ ވަނައިގައި އޮތީ ލެވަކޫސެން އަށް ވުރެ އަށް ޕޮއިންޓް ފަހަތުގަ އެވެ. މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ލެވަކޫސެން އަދި ބަލިވެފައެއްނުވެ އެވެ. ލެވަކޫސެން އަތުން ލީގު އަތުލަން މި ސީޒަނުގައި ޔަގީނުން ވެސް ބަޔާން އަށް ފަސޭހައެއްނުވާނެ އެވެ.
ރޭގެ މެޗުގައި ބަޔާނަށް ލީޑު ނަގައިދިނީ ޖަމާލް މުސިއާލާ އެވެ. އެކަމަކު އޭގެފަހުން ކުޅުން ރަނގަޅުކޮށް ބޮޗުން ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައިފަ އެވެ. މެޗުގެ ފަހުކޮޅު ބަޔާންގެ ދެ ވަނަ ގޯލު ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. ބަޔާން މެޗު ނިންމާލީ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ އަށް ދެކި ރަތް ކާޑާ އެކު 10 ކުޅުންތެރިންނާއި އެކު އެވެ.
މިދިޔަ 11 ސީޒަނުގައި ވެސް ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ހޯދީ ބަޔާން އެވެ. މިދިޔަ ސީޒަނުގައި އެޓީމަށް ލީގު ޗެމްޕިއަންކަން ލިބުނީ ފަހު މެޗުންނެވެ. އެވެސް ލީގު ހޯދުމުގެ އަމިއްލަ ބާރު އޮވެމެ، ފަހު މެޗުގައި ބްރޫޝިއާ ޑޯޓްމަންޑަށް މޮޅެއް ނުލިބުމުން ނަސީބު ގަދަ ގޮތަކަށް ބަޔާނަށް ލިބުނު ލީގެކެވެ.
ރޭގެ މެޗަށް ފަހު ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މި ސީޒަނުގައި ލީގު ހޯދުމަކީ އެޓީމަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
“ލީގު ހޯދުން ފެންނަނީ ފަސޭހަ ގޮތަކަށް ނޫން. މިދިޔަ ސީޒަނުގައި ވެސް އެންމެ ފަހު ވަގުތާ ހަމައަށް އުއްމީދުކުރިން. އެކަން އަހަރެމެންނަށް ކާމިޔާބުވި. މިފަހަރު ވެސް އޮތީ މަސައްކަތްކުރުން” ރޭގެ މެޗަށް ފަހު ޕްރެޝަރުގައި ހުރި ކޯޗު ޓުޗެލް ބުންޏެވެ.
ބަޔާން ވަނީ މި ސީޒަނުގައި ޑޮމެސްޓިކް މުބާރާތްތަކުން ވެސް ކަޓައިފަ އެވެ. ޖަރުމަނު ސުޕަ ކަޕްގައި އޮގަސްޓް މަހު ބަލިވިއިރު ޖަރުމަނު ކަޕްގެ ދެ ވަނަ ބުރުގައި ތިން ވަނަ ޑިވިޝަނުގެ ޓީމެއް އަތުން ބަލިވެ އެޓީމު ވަނީ ކަޓައިފަ އެވެ.
ސީޒަނުގައި ބަޔާން އަށް ތައްޓެއް ލިބެން އޮތީ ލީގާއި ޗެމްޕިއަންސް ލީގުގައި ކުޅުން ރަނގަޅު ކޮށްގެންނެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އެޓީމަށް ޔަގީންވާނީ އަމިއްލަ ދަނޑުގައި ލާޒިއޯ ދެ ގޯލުން ބަލިކޮށްގެންނެވެ. ލީގު ރޭހުގައި ބަޔާނަށް އޮތީ ލެވަކޫސެން ބަލިވޭތޯ ބަލަން ތިބުމެވެ.