ފުރަތަމަ ސަފްޙާ / ޚަބަރު / ޗެމްޕިއަންސް ލީގުގައި ވެސް ބަޔާން ޕްރެޝަރަށް

ޗެމްޕިއަންސް ލީގުގައި ވެސް ބަޔާން ޕްރެޝަރަށް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 15 ފެބްރުއަރީ 2024

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގްގެ މެޗުގައި ރަށުން ބޭރުގައި ބަޔާން މިއުނިކް، ލާޒިއޯއާ ވާދަކޮށް 0-1 އިން ބަލިވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ޕީއެސްޖީ ވަނީ އަމިއްލަ ދަނޑުގައި 0-2 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށްފަ އެވެ.

އިޓަލީގެ ލާޒިއޯ އަތުން ބަލިވުމަކީ ބަޔާން އަށް ކުރިމަތިވި ބޮޑު ޕްރެޝަރެކެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދަން ބަޔާން ދެން ޖެހޭނީ އަމިއްލަ ދަނޑުގައި ދެ ގޯލުގެ ތަފާތުން ލާޒިއޯ ބަލިކުރާށެވެ.

ޖަރުމަނު ލީގުގައި ވެސް ބަޔާން އޮތީ ދެ ވަނައިގަ އެވެ. މިދިޔަ ހަފްތާ ލީގުގައި ރަށުން ބޭރުގައި ބަޔާން ވަނީ ބަޔާން ލެވަކޫސެންއާ ވާދަކޮށް 0-3 އިން ބަލިވެފަ އެވެ.

ރޭގެ މެޗުގައި ލާޒިއޯގެ ހަމައެކަނި ގޯލު ލިބުނު ޕެނަލްޓީއަކުން 69 ވަނަ މިނެޓުގައި ޖެހީ ޗީރޯ އިމޯބިލޭ އެވެ. އެ ޕެނަލްޓީ ދިނީ ބަޔާންގެ ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ ކުރި ފައުލަކަށް އޭނާ އަށް ރަތް ކާޑު ދެއްކުމަށް ފަހު އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އަމިއްލަ ދަނޑުގައި މުހިއްމު މޮޅު ހޯދީ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކުންނެވެ.

ފުރަތަމަ ގޯލު ކިލިއަން އެމްބާޕޭ ޖެހިއިރު އެޓީމަށް ލީޑު ފުޅާކޮށްދިން ގޯލު ޖެހީ ބްރެޑްލީ ބާކޯލާ އެވެ.

މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނީ ފުރަތަމަ ހާފުގެ ކުޅުމަށް ބަލައި ދެ ވަނަ ހާފުގައި ދެ ގޯލު ޖެހޭނެކަމަށް އޭނާ އުއްމީދު ނުކުރާ ކަމަށެވެ. ދެ ވަނަ ހާފަށް އެޓީމު ނުކުންނަން ޖެހުނީ ޓީމުގެ ހުރިހާ ކަމެއް ބަދަލުކޮށްގެން ކަމަށް ކޯޗު ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!