ފުރަތަމަ ސަފްޙާ / ޚަބަރު / ޕީއެސްޖީ އަށް ލީގު އެއް ވަނައިގައި ބޮޑު ލީޑެއް

ޕީއެސްޖީ އަށް ލީގު އެއް ވަނައިގައި ބޮޑު ލީޑެއް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 3 ފެބްރުއަރީ 2024

ފްރެންޗް ލީގުގައި ރޭ ރަށުން ބޭރުގައި ސްޓްރާސްބާގް 2-1 އިން ބަލިކޮށް ލީގު އެއް ވަނައިގައި ޕީއެސްޖީ ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

އެއް ވަނައިގައި ޕީއެސްޖީ އޮތީ 20 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ނީސް އަށް ލިބިފައިވަނީ 38 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ 35 ޕޮއިންޓް ހޯދާފައިވާ ބްރިސްޓް އެވެ.

ރޭގެ މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ޕީއެސްޖީ އަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެކަމަކު އެޓީމުގެ ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ސްޓްރާސްބާގްގެ ގޯލްކީޕަރު މަތަކުރީ އެވެ.

ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް ލީޑު ނަގައިދިނީ އެމްބާޕޭ އެވެ. ސްޓްރާސްބާގްގެ ގޯލްކީޕަރަށް ހެދުނު ގޯހަކުން އެމްބާޕޭ ގޯލު ޖެހީ 31 ވަނަ މިނެޓުގަ އެވެ. އެމްބާޕޭގެ އެހީގައި ޕީއެސްޖީގެ ދެ ވަނަ ގޯލު 49 ވަނަ މިނެޓުގައި ޖެހީ މާކޯ އަސެންސިއޯ އެވެ.

ޕީއެސްޖީ ދެ ގޯލުގެ ލީޑެއްގައި އޮއްވައި ސްޓްރާސްބާގްގެ ހަމައެކަނި ގޯލު 68 ވަނަ މިނެޓުގައި ޖެހީ ޑިލާން ބަކްވާ އެވެ.

ރޭގެ ގޯލަކީ މި ސީޒަނުގެ ލީގުގައި އެމްބާޕޭ ޖެހި 20 ވަނަ ގޯލެވެ. ފްރެންޗް ލީގު ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ ވެސް އެމްބާޕޭ އެވެ.

ޕީއެސްޖީ އަތުން ބަލިވި ސްޓްރާސްބާގް އޮތީ ލީގުގެ 10 ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!