ފުރަތަމަ ސަފްޙާ / ޚަބަރު / ހަކަތަ ހުސްވަނީ ކަމަށްބުނެ ލިވަޕޫލް ދޫކޮށްލަން ކްލޮޕް ނިންމައިފި

ހަކަތަ ހުސްވަނީ ކަމަށްބުނެ ލިވަޕޫލް ދޫކޮށްލަން ކްލޮޕް ނިންމައިފި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 26 ޖެނުއަރީ 2024

ކޯޗިންގައި މާބޮޑަށް ވަރުބަލިވެ ހަކަތަ ހުސްވަނީ ކަމަށް ބުނެ ލިވަޕޫލްގެ ކާމިޔާބު ކޯޗު ޔާގެން ކްލޮޕް މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލަން ނިންމައިފި އެވެ.

ކްލޮޕް ލިވަޕޫލް ދޫކޮށްލަން ނިންމިކަން ހާމަކުރީ އެ ކްލަބުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް މިއަދު އާއްމުކުރި މެސެޖުގަ އެވެ.

“އަހަރެންގެ ނިންމުން ނޮވެމްބަރު މަހު ކްލަބުގައި ބުނިން. އިނގޭ މިއީ ގިނަ ބަޔަކަށް ވަރަށް ބޮޑު ސިހުމެއްކަން” ލިވަޕޫލް ދޫކޮށްލާކަން ހާމަކުރަމުން ކްލޮޕް ބުންޏެވެ.

ލިވަޕޫލްގެ ކޯޗުކަމާ ކްލޮޕް ހަވާލުވީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭނާގެ އެއްބަސްވުން ލިވަޕޫލާ އެކު ހަމަވާން އޮތީ 2026 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ.

ލިވަޕޫލްގައި ހޭދަކުރި އަށް އަހަރަށް ވުރެ ގިނަ މުއްދަތުގައި ކްލޮޕް ވަނީ އެ ކްލަބް ރަނގަޅު މިސްރާބަކަށް ގެންގޮސްފަ އެވެ. ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލުން 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް 30 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގު 2020 ވަނަ އަހަރު ކާމިޔާބުކުރި އެވެ.

“ކީކޭ އަހަރެން ބުނާނީ؟ އަހަރެންގެ ހަކަތަ އެބަ ހުސްވޭ. މިވަގުތު ހިތްވަރު އެބަހުރި. އެކަމަކު ކްލަބް ދޫކޮށްލާކަން ކޮންމެވެސް ދުވަހަކުން އަހަރެން ހާމަކުރަން ޖެހޭނެ. މިވަގުތު އަހަރެން ރަނގަޅަށް ހުއްޓަސް އަބަދު އަބަދު މިކަން ނުކުރެވޭނެ” ކްލޮޕް ބުންޏެވެ.

ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލް މިހާތަނަށް ކުޅުނު 466 މެޗުގެ ތެރެއިން 283 މެޗުން ވަނީ މޮޅުވެފަ އެވެ. 105 މެޗު އެއްވަރުވިއިރު ބަލިވީ 78 މެޗުންނެވެ. ކްލޮޕްގެ ކާމިޔާބު މުއްދަތުގައި 972 ގޯލު އެޓީމުން ޖެހިއިރު ބައިކޮޅަށް ވަނީ 469 ގޯލެވެ. ކްލޮޕާ އެކު ލިވަޕޫލް މޮޅު ހޯދި އިންސައްތައަކީ 60.7 އެވެ.

ޗެމްޕިއަންސް ލީގާއި ޕްރިމިއާ ލީގުގެ އިތުރުން ކްލޮޕް ވަނީ ލިވަޕޫލަށް އިނގިރޭސި އެފްއޭ ކަޕްގެ އިތުރުން އިނގިރޭސި ލީގު ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް އަދި ޔޫއެފާ ސުޕަ ކަޕް ކާމިޔާބުކޮށްދީފަ އެވެ. ކްލޮޕް އަކީ އެ ހުރިހާ ތައްޓެއް ލިވަޕޫލަށް ކާމިޔާބުކޮށްދިން ހަމައެކަނި ކޯޗެވެ.

ކްލޮޕާ އެކު އެޓީމުގެ އެސިސްޓެންޓް މެނޭޖަރުން ކަމަށްވާ ޕެޕިން ލިންޑާސް އާއި ޕީޓާ ރަވިޓްޒްގެ އިތުރުން އެލީޓް ޑިވެލޮޕްމަންޓް ކޯޗު ވިޓޯ މަޓޯސް ވެސް މި ސީޒަނަށް ފަހު އެ ކްލަބް ދޫކޮށްލާނެ އެވެ.

ކްލޮޕްގެ ކޯޗިން ޓީމުގެ ބައެއް މެމްބަރުންގެ އިތުރުން މި ޖެނުއަރީ މަހަށް ފަހު އެ ކްލަބުގެ ސްޕޯޓިން ޑިރެކްޓަރު ޖޯގް ޝްމަޑްޓްކް ވެސް ކްލަބް ދޫކޮށްލަން ވަނީ ނިންމާފަ އެވެ.

މި ސީޒަނުގެ އިނގިރޭސި ލީގު ކަޕްގެ ފައިނަލުން ލިވަޕޫލް ވަނީ ޖާގަ ހޯދާފަ އެވެ. އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި އަންނަ އާދީއްތަ ދުވަހު އެޓީމު ނުކުންނާނީ ނޯވިޗް ސިޓީއާ ދެކޮޅަށެވެ. އިނގިރޭސި ލީގުގެ އެއް ވަނައިގައި އެ ޓީމު މިވަގުތު އޮތްއިރު ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 އިން ވެސް ލިވަޕޫލް ވަނީ ފުރުސަތު ހޯދައިފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!