ސްޕެނިޝް ކަޕްގައި ރޭ ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެ ރެއާލް މެޑްރިޑް ކަޓައިފި އެވެ.
ވާދަވެރި ކުޅުމެއް ފެނުނު މެޗުގެ 90 މިނެޓު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެކަމަކު އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި ޖެހި ގޯލުތަކާ އެކު އެތުލެޓިކޯ މެޗު ކާމިޔާބުކުރީ 2-4 އިންނެވެ.
މިދިޔަ ހަފްތާ ސައުދީ އަރަބިއާގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލުގައި ރެއާލުން ވަނީ އެތުލެޓިކޯ މެޑްރިޑް 3-5 އިން ބަލިކޮށްފަ އެވެ. އެހެންވެ ރޭގެ މެޗަކީ އެތުލެޓިކޯ އިން ރެއާލްގެ މައްޗަށް ހޯދި ރަނގަޅު ބަދަލުހިފުމެކެވެ.
މޮޅާ އެކު އެތުލެޓިކޯ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ގޯލު 39 ވަނަ މިނެޓުގައި ޖެހީ އެތުލެޓިކޯގެ ސަމުއެލް ލީނޯ އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓު ރެއާލުން ނަތީޖާ ހަމަހަމަކުރީ ޔަން ގޯލްކީޕަރު ޔަން އޮބްލަކް އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. އެތުލެޓިކޯ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ 57 ވަނަ މިނެޓުގައި އަލްވާރޯ މޮރާޓާ އެވެ. ނަތީޖާ ހަމަހަމަ ކުރި ގޯލު ރެއާލަށް ކާމިޔާބުކޮށްދިނީ 82 ވަނަ މިނެޓުގައި ހޮސެލޫ އެވެ.
އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އޮންޓުއަން ގްރީޒްމަން އެވެ. އަދި، މެޗުގެ ފަހު މިނެޓުގައި އެތުލެޓިކޯގެ ފަހު ގޯލު ޖެހީ ރޮޑްރީގޯ ރިކެލްމޭ އެވެ.
ލީގުގައި ރެއާލް އަންނަ އާދީއްތަ ދުވަހު ނުކުންނާނީ އަލްމީރިއާއާ ދެކޮޅަށެވެ. އެތުލެޓިކޯ އަންނަ ހޯމަ ދުވަހު ކުޅުނީ ގްރަނާޑާ އެވެ. ލީގުގެ ދެ ވަނައިގައި ރެއާލް އޮތްއިރު އެތުލެޓިކޯ އޮތީ ފަސް ވަނައިގަ އެވެ.
ސްޕެނިޝް ކަޕްގައި ރޭ ބާސެލޯނާ ވަނީ ރަށުން ބޭރުގައި ޔޫނިއަނިސްޓާސް 3-1 އިން ބަލިކޮށްފަ އެވެ. ބާސެލޯނާ އާއި އެތުލެޓިކޯގެ އިތުރުން ކުއާޓާ ފައިނަލުން ޖާގަ ހޯދީ ސެވިއްޔާ، އެތުލެޓިކް ބިލްބާއޯ، މަޔޯކާ، ސެލްޓަ ވީގޯ، ރެއާލް ސޮސިއެޑާޑް އަދި ޖިރޯނާ އެވެ.