ސައުދީ އަރަބިއާގައި މިހާރު ކުރިއަށްދާ ސްޕެނިޝް ސުޕަ ކަޕް ފައިނަލުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރަން ޖެހިއްޖެ އެވެ.
ބާސެލޯނާ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި އޮސަސޫނާ 0-2 އިން ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. ބާސެލޯނާގެ ފުރަތަމަ ގޯލު 59 ވަނަ މިނެޓުގައި ޖެހީ ރޮބާޓް ލެވަންޑޯސްކީ އެވެ. ފަހު ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ ލެމީން ޔަމާލް އެވެ.
ސްޕެނިޝް ސުޕަ ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ ރެއާލް މެޑްރިޑް ހޯދީ ސެމީގައި އެތުލެޓިކޯ މެޑްރިޑް 3-5 އިން ބަލިކޮށްގެންނެވެ. އެ މެޗުގެ 90 މިނެޓް ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. ރެއާލް މެޗުން މޮޅުވީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ޖެހި ދެ ގޯލުންނެވެ.
ސްޕެނިޝް ސުޕަ ކަޕްގައި ވާދަކުރަނީ ކޮންމެ ސީޒަނެއްގެވެސް ލީގުގެ އެންމެ ކުރި ހޯދާ ތިން ޓީމާއި ސްޕެނިޝް ކަޕްގެ ޗެމްޕިއަން ޓީމެވެ. އޮސަސޫނާ މިފަހަރުގެ މުބާރާތުގައި ވާދަކުރަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ކަޕްގެ ރަނަރަޕް ޓީމުގެ ގޮތުގަ އެވެ. އޮސަސޫނާ ބަލިކޮށް މިދިޔަ ސީޒަނުގައި ސްޕެނިޝް ކަޕް ކާމިޔާބުކުރީ ރެއާލް މެޑްރިޑެވެ.
މުބާރާތުގެ އެންމެ ކާމިޔާބީ ޓީމަކީ ބާސެލޯނާ އެވެ. އެޓީމުން ވަނީ ސްޕެނިޝް ސުޕަ ކަޕް 14 ފަހަރު ކާމިޔާބުކޮށްފަ އެވެ.
ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރާ ފައިނަލް އޮންނާނީ އާދީއްތަ ދުވަހުގެ ރެ އެވެ.