ފުރަތަމަ ސަފްޙާ / ޚަބަރު / މެސީ ވޯލްޑް ކަޕްގައި ބޭނުންކުރި ޖާޒީތައް ނީލަމުގައި ވިއްކާލައިފި

މެސީ ވޯލްޑް ކަޕްގައި ބޭނުންކުރި ޖާޒީތައް ނީލަމުގައި ވިއްކާލައިފި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 15 ޑިސެމްބަރު 2023

މިދިޔަ އަހަރުގެ ގަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބޭނުންކުރި 6 ޖާޒީ ނީލަމުގައި 7.8 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ.

ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ ހޯދިއިރު މެސީ ވަނީ ހަތް މެޗުގައި ވެސް ކުޅެފަ އެވެ. އެކަމަކު ނީލަމަށް ލީ އެތަނުން 6 ޖާޒީ އެވެ.

ނީލަން ކުރިއަށް ދިޔައީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެމެރިކާގެ ނިއު ޔޯކްގަ އެވެ. ވޯލްޑް ކަޕްގައި މެސީ ބޭނުންކުރި ޖާޒީތަކުގެ ތެރެއިން ނީލަމުގައި ވިއްކާލީ ފްރާންސާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ބޭނުންކުރި ޖާޒީ އާއި ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއާ އަދި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ޖާޒީ އާއި ގަދަ 16 ގައި ކުޅުނު އޮސްޓްރޭލިއާ މެޗުގައި ބޭނުންކުރި ޖާޒީގެ އިތުރުން ކުއާޓާ ފައިނަލުގައި ނެދަލެންޑްސް އަދި ސެމީ ފައިނަލުގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު ޖާޒީ އެވެ.

ނީލަމުގައި ވިއްކާލި މެސީގެ ޖާޒީތައް. ޖުމްލަ އަގު 7.8 މިލިއަން ޑޮލަރަށް އަރާ

ގްރޫޕް ސްޓޭޖުގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ބޭނުންކުރި ޖާޒީ މެސީ ދިނީ ގަދަ 16 ގައި އާޖެންޓީނާ އަތުން ބަލިވި އޮސްޓްރޭލިއާގެ ކެމެރޮން ޑެލްވިން އަށެވެ. ސްކޮޓްލެންޑުގެ ހާޓްސް އަށް ކުޅެމުން އަންނަ ޑެލްވިން ވޯލްޑް ކަޕްގެ އެއްވެސް މެޗެއްގައި ނުކުޅެ އެވެ. އެކަމަކު ގަދަ 16 ގައި އޮސްޓްރޭލިއާ ކެޓި މެޗަށް ފަހު މެސީ ގާތަށް ގޮސް ޑެލްވިން ޖާޒީ އަށް އެދުނެވެ.

އެ މެޗަށް ފަހު މެސީ ވަނީ ޕޮލެންޑް މެޗުގައި ބޭނުންކުރި ޖާޒީ ޑެލްވިން އަށް ދީފަ އެވެ. ޑެލްވިން ބުނީ އެ ޖާޒީ މިހާރު އޮތީ އޭނާގެ ގޭގައި ބައްޕަގެ ބެލުމުގެ ދަށުގައި ކަމަށެވެ.

މެސީގެ ޖާޒީތައް ވިއްކާލައިގެން ލިބުނު ފައިސާއިން ބައެއް ހަދިޔާކުރާނީ މެސީ ފައުންޑޭޝަންގެ އެހީތެރިކަމާ އެކު ހިންގަމުން އަންނަ ބާސެލޯނާގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށެވެ. އެ ހޮސްޕިޓަލަކީ ކުޑަކުދިންނަށް އާއްމުކޮށް ދިމާނުވާ ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލެކެވެ.

ފުޓްބޯޅައިގެ ތާރީހުގައި އެންމެ އަގުބޮޑުކޮށް ވިކުނު ޖާޒީއަކީ 1986 ވަނަ އަހަރު އިންގްލެންޑް އަތުން އާޖެންޓީނާ މޮޅުވި މެޗުގައި ޑިއޭގޯ މަރަޑޯނާ ބޭނުންކުރި ޖާޒީ އެވެ. އެ ޖާޒީގެ މަގްބޫލުކަން ބޮޑުވީ މެޗުގައި މަރަޑޯނާ “އަތުން” ޖެހި މޮޅު ގޯލުންނެވެ. މިދިޔަ އަހަރު އެ ޖާޒީ ވިއްކާލީ 9 މިލިއަން ޑޮލަރަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!