ފުރަތަމަ ސަފްޙާ / ޚަބަރު / ގަރުނެއް ފަހުން ބްރެޒިލްގެ ސަންޓޯސް ރެލިގޭޓްވެއްޖެ

ގަރުނެއް ފަހުން ބްރެޒިލްގެ ސަންޓޯސް ރެލިގޭޓްވެއްޖެ

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 8 ޑިސެމްބަރު 2023

ބްރެޒިލާއި ދެކުނު އެމެރިކާ ފުޓްބޯޅައިގެ ވިދުންގަދަ ކްލަބް، ސަންޓޯސް ގަރުނެއް ފަހުން ރެލިގޭޓްވެއްޖެ އެވެ.

ސަންޓޯސް ރެލިގޭޓްވީ ބްރެޒިލް ލީގު ފަހު މެޗުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފޯޓަލިޒާއާ ވާދަކޮށް 1-2 އިން ބަލިވުމުންނެވެ.

ބްރެޒިލް ފުރަތަމަ ޑިވިޝަނުގެ ލީގުގައި ވާދަކުރަނީ 20 ކްލަބެވެ. ލީގުގެ 38 މެޗު ނިމުނުއިރު ސަންޓޯސް އަށް ލިބުނީ 43 ޕޮއިންޓާ އެކު 17 ވަނަ އެވެ. ބްރެޒިލް ލީގުގައި އެންމެ ފުލުގައި ނިންމާލާ ހަތަރު ޓީމު ރެލިގޭޓްވެ އެވެ. ސަންޓޯސްގެ މަތިން 44 ޕޮއިންޓާ އެކު ނިންމާލީ މެންޗެސްޓާ ސިޓީ ފުޓްބޯލް ގްރޫޕުގެ ހިއްސާ އޮންނަ ބާހިއާ އެވެ.

ސަންޓޯސް 1912 ވަނަ އަހަރު އުފެދި މިދިޔަ 111 އަހަރުތެރޭ ފުރަތަމަ ފަހަރަށް ރެލިގޭޓްވުމަކީ ބްރެޒިލްގެ ފުޓްބޯޅަ އަށް ލިބުނު ދެރައެކެވެ. އެޓީމަކީ ދުނިޔޭގެ މަޝްހޫރު ކުޅުންތެރިން އުފައްދާފައިވާ ކްލަބެކެވެ.

ސަންޓޯސް ޓީމުގައި ކުޅުނު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ޕެލޭ އެވެ. ޕެލޭގެ އިތުރުން ނޭމާ އާއި މިހާރު ރެއާލް މެޑްރިޑްގެ ފޯވާޑް ރޮޑްރިގޯ އަކީ ވެސް ސަންޓޯސް އިން ފުޓްބޯޅަ އަށް ނުކުތް ކުޅުންތެރިންނެވެ. ކުރީގެ ކުޅުންތެރިންނަށް ބަލާއިރު ރޮބީނިއޯ އާއި އެޑޫ އަކީ ވެސް ސަންޓޯސް އަށް ކުޅެ، ފަހުން ދުނިޔޭގެ މަގުބޫލުކަން ހޯދި ކުޅުންތެރިންނެވެ.

ސަންޓޯސް ރެލިގޭޝަނަށް ވެއްޓުނީ މިދިޔަ އަހަރުތަކުގައި އެ ކްލަބުގެ މާލީ ހާލަތު ދަށްވެ ރަނގަޅަށް މެނޭޖް ނުކުރެވުމުންނެވެ.

ސަންޓޯސް ވަނީ ބްރެޒިލް ލީގު ޗެމްޕިއަންކަން ހަ ފަހަރު ހޯދައި ސަރަހައްދީ މުބާރާތް ކަމަށްވާ ކޮޕަ ލިބަޓަޑޮރެސް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. ސަރަހައްދީ މުބާރާތް ސަންޓޯސް އިން ކާމިޔާބުކުރީ އެ ކްލަބުގެ ރަން ޒަމާނުގައި 1950 އިން 1960 ގެ އަހަރުތަކުގަ އެވެ.

ބްރެޒިލް ލީގުގެ ޗެމްޕިއަންކަން ހޯދީ ޕަލްމެއިރަސް އެވެ. އެޓީމު ވަނީ ބްރެޒިލް ލީގުގެ ޗެމްޕިއަންކަން 12 ފަހަރު ހޯދައިފަ އެވެ.

ސަންޓޯސް ރެލިގޭޓް ވުމާއެކު ބްރެޒިލްގެ ތާރީހުގައި ރެލިގޭޓް ނުވެ އޮތީ ހަމައެކަނި ފްލަމެންގޯ އާއި ސައޯ ޕައޮލޯ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!