އަހުމަދު ރިޒުވާން (ރިޒޭ) ހެދި ހެޓްރިކާ އެކު ރޭ ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އިން 2-5 އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބަލިކޮށްފި އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ރިޒޭގެ ގޯލުން އީގަލްސް ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފު ފަށައިގެން އިރުކޮޅެއްތެރޭ އިބްރާހީމް އަތީގު ހަސަން (އިއްބެ) ޖެހި ގޯލުން ސަސް ނަތީޖާ ހަމަހަމަކުރި އެވެ.
އީގަލްސް އިން ދެ ވަނަ ފަހަރަށް ލީޑު ނެގީ 69 ވަނަ މިނެޓުގައި ޕެޓްރޮވިޗް މިލޮވާން ޖެހި ގޯލުންނެވެ. އޭގެފަހުން އީގަލްސް އިން ވަނީ މުޅި މެޗުގެ ކޮންޓްރޯލް ހޯދައި އިތުރު ތިން ގޯލު ޖަހައިފަ އެވެ. އެތަނުން ދެ ގޯލު ޖަހައި ރިޒޭ ހެޓްރިކް ފުރިހަމަކުރިއިރު އަނެއް ގޯލު ޖެހީ ޒައިން ޒަފަރު އެވެ. ސަސްގެ ދެ ވަނަ ގޯލު ޖެހީ އަލީ ނަސޫހު ރަޝީދު އެވެ.
ރޭގެ ހެޓްރިކަކީ ސީޒަނުގައި ރިޒޭ ހެދި ހަތަރު ވަނަ ހެޓްރިކެވެ. ލީގުގައި ރިޒޭ ކުޅުނު 12 މެޗުގައި 23 ގޯލު ވަނީ ޖަހައިފަ އެވެ.

މެޗަށް ނުކުތް އީގަލްސްގެ ފުރަތަމަ އެގާރަ. އެޓީމަށް ލީގު ހޯދުމުގެ ފުރުސަތު އެބައޮތް. ފޮޓޯ: އެފްއޭއެމް
ރޭގެ މޮޅާ އެކު އީގަލްސް އޮތީ 13 މެޗުން ހޯދި 35 ޕޮއިންޓާ އެކު އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް 11 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. މާޒިޔާ އަށް ބާކީ އޮތީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ބުރު ސްޕޯޓްސް ކްލަބާއި ދެކޮޅަށް ކުޅޭ މެޗާއި އަންނަ މަހުގެ 15 ވަނަ ދުވަހު ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ.
އީގަލްސް އަށް ބާކީ އޮތީ އަންނަ މަހުގެ 19 ވަނަ ދުވަހު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗެވެ. ބާކީ އޮތް ދެ މެޗުން މާޒިޔާ މޮޅުވެއްޖެ ނަމަ ފަހު މެޗަށް ދާއިރު އެ ޓީމު އޮންނާނީ އީގަލްސް އަށް ވުރެ ކުރީގަ އެވެ. އެ ހާލަތުގައި އީގަލްސް އަށް ލީގު ލިބޭނީ އަންނަ މަހު މާޒިޔާ ބަލިކޮށްގެންނެވެ.
ލީގު ތިން ވަނައިގައި އޮތީ 13 މެޗުން 27 ޕޮއިންޓް ހޯދާފައިވާ ސަސް އެވެ.
މެދުކެނޑުމަކަށް ފަހު ލީގުގެ އަލުން ކުޅުން ފެށީ ހަ ޓީމާ އެކު އެވެ. މާލީ މައްސަލަތަކާއި ގުޅިގެން ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓްސް ވަނީ ލީގުން ވަކިވެފަ އެވެ. އެހެންވެ ލީގުގައި މިހާރު ބާކީ އޮތީ ހަ ޓީމެވެ.
ޓީމުތައް މަދުވުމާ އެކު ލީގުގެ ތިން ވަނަ ބުރު ނުބާއްވަން އެފްއޭއެމް އިން ވަނީ ނިންމައިފަ އެވެ.