ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު ޔުނައިޓެޑް ވިކްޓްރީ 1-2 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ލީގުގެ އެއް ވަނައިގެ ލީޑު 9 ޕޮއިންޓަށް ފުޅާކޮށްފި އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި މާޒިޔާ އަށް ލީޑު ނަގައިދިން ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މާޒިޔާގެ ދެވަނަ ގޯލު 82 ވަނަ މިނެޓުގައި ޖެހީ ނާއިޒް ހަސަން (ދާދު) އެވެ. މެޗުގައި ޔުނައިޓެޑް ވިކްޓްރީގެ ހަމައެކަނި ގޯލު އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސާމިރު އެވެ.
ލީގުގެ އެއް ވަނައިގައި މާޒިޔާއި އޮތީ 13 މެޗުން 37 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް 12 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. ތިން ވަނައިގައި އޮތީ 12 މެޗުން 23 ޕޮއިންޓް ލިބިފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.
ލީގުގައި އޮޑި ސްޕޯޓްސް ދެން ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންގާރަ ދުވަހުގެ ހަވީރު އެވެ.
ލީގުގައި މިރޭ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ލީޑު ނެގީ ވެލެންސިއާ އިންނެވެ. މި ގޯލު 58 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ސްޓެފަން ބްލޯންކް އެވެ.
ވިކްޓްރީން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގަ އެވެ. އެޓީމުގެ ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް ޝަފްރާޒް އެވެ.
ލައިޓް މައްސަލަ ޖެހިގެން މެޗު 20 ވަރަކަށް މިނެޓަށް މެދުކަނޑާލަން ޖެހުނެވެ. ދިގުލައިގެން ދިޔަ މެޗު ނިމުނީ އިތުރު ވަގުތުގެ ފަހު މިނެޓުގައި ވިކްޓްރީގެ އަލީ ޝާމިސް (ތޮއްޕޭ) އަށް ރަތް ކާޑު ދައްކައިގެންނެވެ.
ވެލެންސިއާ އޮތީ 13 މެޗުން ލިބުނު 8 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގަ އެވެ. މިއަދު މާޒިޔާ އަތުން ބަލިވި ޔުނައިޓެޑް ވިކްޓްރީ އޮތީ 13 މެޗުން ލިބުނު 7 ޕޮއިންޓާ އެކު ލީގުގެ ފުލުގަ އެވެ.
ވިކްޓްރީ އަށް 13 މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު އެޓީމު އޮތީ ލީގުގެ 5 ވަނައިގަ އެވެ.
ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ބުރު ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.