ފުރަތަމަ ސަފްޙާ / ޚަބަރު / މާޒިޔާ ނުހުއްޓުވުނު، އެ ހޯދީ ޖެހިޖެހިގެން ފަސް ލީގު ތަށި
ފަހުމިނެޓް

މާޒިޔާ ނުހުއްޓުވުނު، އެ ހޯދީ ޖެހިޖެހިގެން ފަސް ލީގު ތަށި

އެޑްމިން
އެޑްމިން
3 ހަފްތާ ކުރިން 29 ޖެނުއަރީ 2026

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މާޒިޔާއިން ހޯދައިފި އެވެ. މާޒިޔާއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ އިއްޔެ ހަވީރު ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި، ބުރު ސްޕޯޓްސް ކްލަބް ވާދަކުރި މެޗް 1-1 އިން އެއްވަރުވެ އޮޑިއަށް މާޒިޔާއާ އަރާ ހަމަ ކުރުމުގެ ހުރިހާ ފުރުސަތެއް ބަންދުވުމުންނެވެ.

އިއްޔެ ހަވީރު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ރޭ މާޒިޔާއިން ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗުން ޕޮއިންޓެއް ހޯދައިގެންވެސް މާޒިޔާއަށް ލީގު ކަށަވަރުކުރެވެން އޮތެވެ. ރޭ މާޒިޔާއާ ނިއު ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މިއީ މާޒިޔާއިން ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރި ހަވަނަ ފަހަރެވެ. މިފަހަރުގެ ލީގު މާޒިޔާއިން ކާމިޔާބުކުރިއިރު ރޭގެ ނިޔަލަށް މާޒިޔާއިން ވަނީ ލީގުގައި 17 މެޗު ކުޅެގެން 45 ޕޮއިންޓް ހޯދައިފައެވެ. މާޒިޔާއާ އެންމެ ގާތުގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ލިބިފައިވަނީ 17 މެޗުން 39 ޕޮއިންޓެވެ.

2015 ވަނަ އަހަރު ތައާރަފްކުރި ދިވެހި ޕްރިމިއާ ލީގުގެ ތަށި މާޒިޔާ ނޫން އެހެން ޓީމަކުން އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ. އެ ފަހަރު ޓީސީ ސްޕޯޓްސް ކްލަބުން ލީގު ޗެމްޕިއަންކަން ހޯދިއިރު ދެން މި ލީގު ކާމިޔާބުކޮށްފައިވަނީ 2015 ވަނަ އަހަރާއި، 2017 ވަނަ އަހަރު ނިއުރޭޑިއަންޓުންނެވެ.

ލީގު އުސޫލުން ރާއްޖޭގައި ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ ކުޅެން ފެށީ 2000 ވަނަ އަހަރުން ފެށިގެންނެވެ. ދިވެހި ލީގުގެ ނަމުގައި ލީގު އުސޫލުން މުބާރާތް ބާއްވަން ފެށި ފަހުން މާޒިޔާ ލީގު ތަށި ހޯދި އަދަދަށް ތަށި ހޯދާފައިވަނީ ނިއުރޭޑިއަންޓުންނެވެ. އެ ކްލަބުން ވަނީ ދިވެހި ލީގުގެ ނަމުގައި ކުޅުނު މުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ތަށި މާޒިޔާއިން ކަށަވަރުކުރުމާއެކު ރޭ ނިއުރޭޑިއަންޓުން ވަނީ މާޒިޔާއަށް ގާޑް އޮފް އޮނާ އެއްވެސް އަރުވާފަ އެވެ. ނިއުއިން އެ ޝަރަފް މާޒިޔާއަށް އެރުވި އިރު ނިއުގެ ކޯޗަކަށް ހުރީ މާޒިޔާއަށް ދިވެހި ޕްރިމިއާ ލީގު ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްދިން ކޯޗް އަލީ ސުޒޭނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!