ގާތްގަނޑަކަށް ތިން އަހަރު ފަހުން ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ އަށް އެނބުރި އައި އަލީ އަޝްފާގް (ދަގަނޑޭ) އެނބުރި އައި މެޗުން ނިއު ރޭޑިއަން ސްޕޯޓްސް ކްލަބް ރޭ މޮޅުވެއްޖެ އެވެ.
ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުން ނިއު ރޭޑިއަންޓް މޮޅުވީ 0-3 އިންނެވެ.
މެޗުގައި އެންމެ ފާހަގަކުރެވުނީ އަނިޔާ އަށް ފަހު ނިއުގެ ދަގަނޑޭ ކުޅެން އެރުމެވެ. ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ރޭ ކުޅެން އެރީ ފަހު 20 ވަރަކަށް މިނެޓަށެވެ.
ނިއު އަށް ބަދަލުވި ނަމަވެސް އަނިޔާގެ ސަބަބުން ކުޅެވޭ ގޮތެއްނުވި އެވެ. މިދިޔަ އަހަރުތަކުގައި ދަގަނޑޭގެ ކުޅުން ނުފެނުނު ސަބަބަކީ ވެސް އެއީ އެވެ. ރޭ ދަގަނޑޭ ގަލޮޅު ދަނޑުގައި ފުރަތަމަ ޑިވިޝަނުން އެ ފެނުނީ 982 ދުވަހަށް ފަހު އެވެ.
ރޭގެ މެޗުގެ ކުރިން ގަލޮޅު ދަނޑުގައި ދަގަނޑޭ އެންމެ ފަހުން ކުޅުނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް ގައި އަނިޔާވީ އޭޕްރީލް މަހު ޕްރެޒިޑެންޓްސް ކަޕް ގަ އެވެ.
އުމުރުން 40 އަހަރުގެ ދަގަނޑޭ އަކީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ނިއު އަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.
ރޭގެ މެޗުގައި ނިއުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ހަސަން ރާއިފް (ހަންނަ) އެވެ. ފަހު ދެ ގޯލު ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ފާސިރު (ސެންޓޭ) އެވެ.
މޮޅާ އެކު ނިއު ވަނީ 23 ޕޮއިންޓާ އެކު ލީގުގެ ތިން ވަނަ އަށް އަރައިފަ އެވެ. ލީގުގެ އެއްވަނައިގައި އޮތީ 34 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. ދެ ވަނައިގައި އޮތީ 28 ޕޮއިންޓް ލިބިފައިވާ އޮޑި ސްޕޯޓްސް ކްލަބެވެ.