ފުރަތަމަ ސަފްޙާ / ޚަބަރު / ބްރެޒިލް ޓީމަށް އާ ފަސް ކުޅުންތެރިން އިތުރުކޮށްފި

ބްރެޒިލް ޓީމަށް އާ ފަސް ކުޅުންތެރިން އިތުރުކޮށްފި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 7 ނޮވެމްބަރު 2023

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މި މަހު ކުޅޭ ދެ މެޗަށް ނެގި ބްރެޒިލް ޓީމުން މުޅިން އާ ފަސް ކުޅުންތެރިންނަށް ކޯޗު ފެނާންޑޯ ޑިނިޒް ފުރުސަތު ދީފި އެވެ.

ބްރެޒިލް ސީނިއާ ޓީމުން ފުރަތަމަ ފަހަރަށް ފުރުސަތު ހޯދި އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ 17 އަހަރުގެ އެންޑްރިކް އެވެ. ބްރެޒިލްގެ ޕަލްމެއިރަސް އަށް ކުޅެމުން އަންނަ އެންޑްރިކަކީ ރެއާލް މެޑްރިޑަށް ބަދަލުވާން ނިންމާފައިވާ ކުޅުންތެރިއެކެވެ. އޭނާ ރެއާލާ ގުޅޭނީ އަންނަ އަހަރުގެ ޖުލައި މަހު 18 އަހަރު ފުރުމުންނެވެ.

ފޯވާޑް އެންޑްރިކްގެ އިތުރުން ބްރެޒިލް ޓީމުން ފުރުސަތު ހޯދީ މި ސީޒަނުގައި އެސްޓަން ވިލާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މިޑްފީލްޑަރު ޑަގްލަސް ލުއިޒް އާއި ބްރައިޓަންގެ ފޯވާޑް ޔާއޯ ޕެޑްރޯގެ އިތުރުން ޕޯޓޯ އަށް ކުޅޭ ޕެޕޭ އާއި އެތުލެޓިކޯ މިނެއިރޯގެ ޕައުލީނިއޯ އެވެ. ޕެޕޭ، 26، ވިންގަށް ކުޅޭއިރު ޕައުލީނިއޯ، 23، އަކީ ފޯވާޑެކެވެ.

ދެކުނު އެމެރިކާގެ ކޮލިފައިން ބުރުގައި ބްރެޒިލުން ކޮލަމްބިއާއާ ދެކޮޅަށް ނޮވެމްބަރު 16 ވަނަ ދުވަހު ނުކުންނައިރު އޭގެ ފަސް ދުވަސް ފަހުން ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއާ ވާދަކުރާނެ އެވެ.

“މެޗުތައް ވަރަށް އުނދަގޫ ވާނެ. އާޖެންޓީނާ އަކީ ދުނިޔޭގެ ޗެމްޕިއަނުން. އަދި އެޓީމުގައި އެންމެ މޮޅު އެއް ކުޅުންތެރިޔާގެ އިތުރުން މޮޅެތި ބައިވަރު ކުޅުންތެރިން އެބަތިބި” ލިއޮނެލް މެސީގެ ވާހަކަ ފާހަގަކުރަމުން ބްރެޒިލްގެ ކޯޗުކަމާ މިދިޔަ ޖުލައި މަހު ހަވާލުވި ޑިނިޒް ބުންޏެވެ.

ކޮލިފައިންގައި ބްރެޒިލް މިވަގުތު އޮތީ ތިން ވަނައިގަ އެވެ. އެޓީމަށް ހަތް ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް އުރުގުއޭ ވެސް ވަނީ ހަތް ޕޮއިންޓް ހޯދައިފަ އެވެ. ކޮލިފައިންގެ އެއް ވަނައިގައި އޮތީ އާޖެންޓީނާ އެވެ. ވެނިޒުއޭލާ ހަތަރު ވަނައިގައި އޮތްއިރު ކޮލަމްބިއާ އޮތީ ހަ ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!