ޖަރުމަނު ލީގުގައި ރޭ ހެރީ ކޭން ހެދި ހެޓްރިކާ އެކު ބަޔާން މިއުނިކުން ރަށުން ބޭރުގައި ބޮރޫޝިއާ ޑޯޓްމަންޓް 0-4 އިން ބަލިކޮށްފި އެވެ.
މެޗުގެ ފުރަތަމަ 10 މިނެޓުގައި ބަޔާނުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ގޯލު ބޮލުން ކާމިޔާބުކޮށްދިނީ ޑަޔޮޓް އުޕަމެކާނޯ އެވެ. މެޗުގައި އަނެއް ތިން ގޯލު ޖެހީ ކޭން އެވެ. ކޭން ގޯލުތައް ޖެހީ 9، 72 އަދި މެޗުގެ އިތުރު ވަގުތުގަ އެވެ.
ރޭގެ މެޗަކީ ޓޮޓެންހަމް ހޮޓްސްޕާ ދޫކޮށް މި ސީޒަނުގައި ބަޔާން އަށް ބަދަލުވުމަށް ފަހު ކޭން އެޓީމަށް ހެދި ތިން ވަނަ ހެޓްރިކެވެ. ލީގުގައި މިހާތަނަށް ކޭން ވަނީ 15 ގޯލު ޖަހައިފަ އެވެ. ޔޫރަޕްގެ ގަދަ ހަތް ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އުޅެނީ ކޭން އެވެ.
ބަޔާން އާއި އިންގްލެންޑް ހިމެނޭހެން ކޭން މި ސީޒަނުގައި ވަނީ 20 ގޯލު ޖަހައިފަ އެވެ. ބަޔާން އަށް ސީޒަނުގައި ޖެހި ޖުމްލަ ގޯލުގެ އަދަދު އުޅެނީ 17 ގަ އެވެ.
ބަޔާން މެޗާ ހަމައަށް ޑޯޓްމަންޑް ވަނީ ލީގުގައި ބަލިނުވެ ގިނަ ދުވަސްތަކެއް ހޭދަކޮށްފަ އެވެ. ރޭގެ މެޗުގެ ކުރިން ޑޯޓްމަންޑް ލީގުގައި އެންމެ ފަހުން ބަލިވީ މިދިޔަ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު އެވެ.
މެޗުގައި ޑޯޓްމަންޑުގެ ޑޮންޔެލް މާލެން އާއި މާކޯ ރިއުސް އަށް ގޯލު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވި އެވެ.
މިފަހަރު ޖަރުމަނު ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބަޔާން ލެވަކޫސެން ރޭ ވަނީ ހޮފެންހެއިމް 2-3 އިން ބަލިކޮށް އެއް ވަނަ މަގާމް ދަމަހައްޓައިފަ އެވެ.
ލެވަކޫސެން 28 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ބަޔާނަށް ލިބިފައިވަނީ 26 ޕޮއިންޓެވެ. ޑޯޓްމަންޑް 21 ޕޮއިންޓާ އެކު އޮތީ ހަތަރު ވަނައިގަ އެވެ. ޑޯޓްމަންޑާ އެއްވަރަށް ޕޮއިންޓް ހޯދައި ފައިދާ ގޯލުގެ ތަފާތުން ތިން ވަނައިގައި އޮތީ ސްޓަޓްގާޑް އެވެ.