ފުރަތަމަ ސަފްޙާ / ޚަބަރު / 2034 ވަނަ އަހަރު ވޯލްޑް ކަޕް އޮންނާނީ ސައުދީގައި

2034 ވަނަ އަހަރު ވޯލްޑް ކަޕް އޮންނާނީ ސައުދީގައި

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 31 އޮކްޓޫބަރު 2023

ފީފާ ވޯލްޑް ކަޕަށް ބިޑް ކުރުމުގެ ސުންގަޑި ހަމަވިއިރު އިތުރު ގައުމަކުން ބިޑްކޮށްފައި ނުވާތީ ސައުދީ އަރަބިއާ އަށް 2034 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ލިބިއްޖެ އެވެ.

ސައުދީގެ އިތުރުން ވޯލްޑް ކަޕަށް ބިޑްކުރަން ތައްޔާރުވަމުން އައީ އޮސްޓްރޭލިއާ އިންނެވެ. އެކަމަކު އަންގާރަ ދުވަހުގެ ނިޔަލަށް ވަގުތު ހަމަވިއިރު ބިޑްކޮށްފައިވަނީ ހަމައެކަނި ސައުދީ އިންނެވެ.

ސައުދީ އަށް ވޯލްޑް ކަޕް ހޯސްޓް ކުރުމުގެ ފުރުސަތު ކަށަވަރުވިޔަސް ފީފާ އިން އެކަން ރަސްމީކޮށް އިއުލާންކުރާނީ 2024 ވަނަ އަހަރުގެ ފަހުކޮޅު އޮންނަ ފީފާ ކޮންގްރެސްގަ އެވެ.

“އޮސްޓްރޭލިއާ އިން ނިންމައިފިން ވޯލްޑް ކަޕަށް ބިޑް ނުކުރަން” އޮސްޓްރޭލިއާގެ ފުޓްބޯޅަ ފެޑެރޭޝަނުން އާއްމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.

އޮސްޓްރޭލިއާ އިން ބުނީ އެ ގައުމުގެ ޓާގެޓަކީ 2026 ވަނަ އަހަރުގެ އޭއެފްސީ ވިމެންސް އޭޝިއަން ކަޕާއި 2029 ވަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕް ބޭއްވުން ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން އޮސްޓްރޭލިއާ އިން ވޯލްޑް ކަޕަށް ބިޑް ނުކުރަން ނިންމީ ސައުދީއާ ވާދަކޮށް ބިޑް ކާމިޔާބު ކުރެވޭނެކަމުގެ އުއްމީދެއް ނެތުމުންނެވެ.

“ސައުދީގެ ބިޑް މާ ވަރުގަދަ ވާނެ. އެމީހުންގެ ބައިވަރު ވަސީލަތްތައް އެބަހުރި. އެއީ ހަމައެކަނި 2034 ވަނަ އަހަރުގެ ވޯލްޑް ކަޕަކަށް ނޫން” ސައުދީގެ ވަރުގަދަ ހުށަހެޅުމާ ގުޅޭގޮތުން އޮސްޓްރޭލިއާ ފުޓްބޯޅައިގެ ޗީފް އެގްޒެކެޓިވް ޖޭމްސް ޖޯންސަން ވިދާޅުވި އެވެ.

އޮސްޓްރޭލިއާ އިން ބުނީ ސައުދީ އިން މިހާރު ފުޓްބޯޅަ އަށް ކުރަމުން އަންނަ ހަރަދާ އެކު އެގައުމާ ވާދަކުރުމަކީ ނުބައްދަލު ކަމެއް ކަމަށެވެ.

ވޯލްޑް ކަޕް 2026 ވަނަ އަހަރު އޮންނާނީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގަ އެވެ. 2030 ވަނަ އަހަރު ވޯލްޑް ކަޕް އޮންނާނީ ޕޯޗުގަލް، މޮރޮކޯ އަދި ސްޕެއިންގަ އެވެ. އެކަމަކު ވޯލްޑް ކަޕަށް ގަރުނެއް ފުރުން ފާހަގަކުރުމުގެ ގޮތުން ދެކުނު އެމެރިކާގެ އާޖެންޓީނާ އާއި ޕެރަގުއޭ އަދި އުރުގުއޭގައި ވެސް އެ ވޯލްޑް ކަޕްގެ މަދު މެޗުތަކެއް ކުޅޭނެ އެވެ. އުރުގުއޭ އަކީ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މުބާރާތް 1930 ވަނަ އަހަރު ހޯސްޓް ކުރި ގައުމެވެ.

މިދިޔަ އަހަރު ގަތަރުގައި ނޮވެމްބަރު އަދި ޑިސެމްބަރުގައި ވޯލްޑް ކަޕް ބޭއްވި ގޮތަށް 2034 ވަނަ އަހަރު ސައުދީގައި ވެސް ވޯލްޑް ކަޕް ބާއްވާނެ ކަމަށް ބެލެވެނީ އެދުވަސްވަރު އެވެ.

ސައުދީ އިން އަންނަނީ ފަހަކަށް އައިސް ބައިނަލްއަގްވާމީ ކުޅިވަރުގެ ބޮޑެތި މުބާރާތްތައް ހޯސްޓް ކުރަމުންނެވެ. އޭގެތެރޭގައި ފުޓްބޯޅަ އާއި ފޯމިއުލާ ވަންގެ އިތުރުން ގޯލްފް، ބޮކްސިން މުބާރާތްތައް ހިމެނެ އެވެ. އަދި، މިއަހަރުގެ ކްލަބް ވޯލްޑް ކަޕް ވެސް ޑިސެމްބަރު މަހު އޮންނާނީ އެގައުމުގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!