ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް އަށް ވަނަ ފަހަރަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހޯދައިފި އެވެ.
މިހާރު އެމެރިކާގެ އިންޓަ މަޔާމީ އަށް ކުޅެމުން އަންނަ މެސީ، 36، އަށް ވަނަ ފަހަރަށް އެވޯޑް ހޯދީ ރޭ ޕެރިހުގައި ބޭއްވީ ފީފާ އެވޯޑް ހަފްލާގަ އެވެ.
މެސީގެ ފަހަތުން ދެ ވަނަ ލިބުނީ ނޯވޭ އާއި މެންޗެސްޓާ ސިޓީގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑަށެވެ. ތިން ވަނަ ލިބުނީ ފްރާންސާއި ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ އަށެވެ.
ބެލޮންޑިއޯ މެސީ އަށް ލިބުމުގެ އެންމެ ބޮޑު ސަބަބަކީ މިދިޔަ އަހަރު ގަތަރުގައި ކުޅުނު ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދުމެވެ. އަދި ޕީއެސްޖީ ދޫކޮށް މިއަހަރު އިންޓަ މަޔާމީ އަށް ބަދަލުވުމަށް ފަހު އެ ކްލަބަށް ފުރަތަމަ ތަށި ހޯދައިދިނުމުގައި މެސީގެ ދައުރު ބޮޑެވެ. އިންޓަ މަޔާމީގައި މެސީ ކުޅުނު 14 މެޗުގައި 11 ގޯލު ވަނީ ޖަހައިފަ އެވެ.
މެސީ އަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ގިނައިން ބެލޮންޑިއޯ ހޯދި ކުޅުންތެރިޔާ އެވެ. އޭނާގެ ފަހަތުން ދެ ވަނައިގައި އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ އަށް ފަސް ފަހަރު ބެލޮންޑިއޯ ލިބުނުއިރު މިފަހަރުގެ އެވޯޑަށް އޭނާ ވާދައެއް ނުކުރެ އެވެ. ރޮނާލްޑޯ އަށް ބެލޮންޑިއޯ އެވޯޑް އެންމެ ފަހުން ލިބުނީ 2017 ވަނަ އަހަރު އެވެ.
ޒުވާން ކުޅުންތެރިންގެ ތެރެއިން 21 އަހަރުން ދަށުގެ ކެޕާ ޓްރޮފީ ހޯދީ ރެއާލް މެޑްރިޑާއި އިންގްލެންޑުގެ މިޑްފީލްޑަރު ޖޫޑް ބެލިންހަމް އެވެ.
އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑް ލިބުނީ އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި އެމިލިއާނޯ މާޓިނޭޒް އަށެވެ. ވޯލްޑް ކަޕްގައި މުހިއްމު ސޭވްތަކެއް މާޓިނޭޒް ކުރިއިރު އޭނާ އެސްޓަން ވިލާއާ އެކު މިދިޔަ ސީޒަން ނިންމާލީ ޕްރިމިއާ ލީގުގެ ހަތް ވަނައިގަ އެވެ.
އެވޯޑް ހަފްލާގައި އެންމެ މޮޅު ކްލަބަކަށް ހޮވުނީ މެންޗެސްޓާ ސިޓީ އެވެ. ސިޓީ ވަނީ މިދިޔަ ސީޒަނުގައި ތިން ތަށި ކާމިޔާބުކޮށްފަ އެވެ. އެއީ ޔޫއެފާ ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގެވެ. ސިޓީގެ ކާމިޔާބު ސީޒަނާ އެކު ބެލޮންޑިއޯ އެވޯޑަށް އެ ކްލަބުގެ ހަތް ކުޅުންތެރިއަކު ނޮމިނޭޓްވި އެވެ.
މެސީ، ހާލަންޑް އަދި އެމްބާޕޭގެ އިތުރުން ގަދަ 10 ގައި ހިމެނުނީ ކެވިން ޑި ބްރޭނާ، ރޮޑްރީ، ވިނީޝިއުސް ޖޫނިއާ، ހޫލިއަން އަލްވަރޭޒް، ވިކްޓަ އޮސިމެން، ބެނާޑޯ ސިލްވާ އަދި ލޫކަ މޮޑްރިޗެވެ.