ފުރަތަމަ ސަފްޙާ / ޚަބަރު / ބެލޮންޑިއޯގައި މެސީ އަށް ހަދަންވީ ވަކި ސެކްޝަނެއް: ގާޑިއޯލާ

ބެލޮންޑިއޯގައި މެސީ އަށް ހަދަންވީ ވަކި ސެކްޝަނެއް: ގާޑިއޯލާ

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 20 އޮކްޓޫބަރު 2023

މެންޗެސްޓާ (އޮކްޓޫބަރ 20) – ފްރާންސް ފުޓްބޯޅައިން ހޮވާ ބެލޮންޑިއޯ އެވޯޑުގައި މެސީ އަށް ހާއްސަ ސެކްޝަނެއް ހަދަންޖެހޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ބެލޮންޑިއޯއާ ގުޅޭގޮތުން ގާޑިއޯލާ ވާހަކަދެއްކީ އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ މާދަމާ ރޭ ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އެކަމާ ގުޅޭގޮތުން ސުވާލުކުރުމުންނެވެ.

ގާޑިއޯލާ ބުނީ މެސީ އަށް ވަކި ސެކްޝަނެއް ހެދުމަށް ފަހު އެހެން ކުޅުންތެރިންނަށް ބެލޮންޑިއޯ ދޭންޖެހޭ ކަމަށެވެ.

މިއަހަރުގެ ބެލޮންޑިއޯ އެވޯޑް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އެވޯޑަށް އެންމެ ގާތުން ވާދަކުރަނީ މިދިޔަ އަހަރު އާޖެންޓީނާއާ އެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި މެސީ އާއި ގާޑިއޯލާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ނޯވޭގެ އާލިން ބްރައުޓް ހާލަންޑް އެވެ.

“އަހަރެން އަބަދުވެސް ބުނަން ބެލޮންޑިއޯގަ ދެ ސެކްޝަން އޮންނަން ޖެހޭނެ ކަމަށް. އެއް ސެކްޝަން އެއީ މެސީ އަށް. ދެން އެހެން ކުޅުންތެރިންނަށް” މިފަހަރުގެ ބެލޮންޑިއޯ އެވޯޑުގައި ގާޑިއޯލާ ވޯޓު ދޭނެ ކުޅުންތެރިއަކާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުންޏެވެ.

މިހާރު އެމެރިކާ ލީގުގެ އިންޓަ މަޔާމީ އަށް ކުޅެމުން އަންނަ މެސީ ވަނީ ރެކޯޑް އަދަދަކަށް ހަތް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދައިފަ އެވެ. މިފަހަރު ވެސް އެ މަގާމް ހާސިލްކުރާނެކަމަށް ބެލެވެނީ މެސީ އެވެ.

“މެސީގެ އެންމެ ދަށް ސީޒަން އެއީ އެހެން ކުޅުންތެރިންގެ އެންމެ މޮޅު ސީޒަން” މެސީ އަށް ތައުރީފްކުރަމުން ގާޑިއޯލާ ބުންޏެވެ.

ހާލަންޑް ވަނީ މިދިޔަ ސީޒަނުގައި ސިޓީއިން އެފްއޭ ކަޕާއި ޕްރިމިއާ ލީގު އަދި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު 53 މެޗުގައި 52 ގޯލު ޖަހައިފަ އެވެ. ގާޑިއޯލާ ބުނީ އޭނާގެ ނަޒަރުގައި ހާލަންޑަށް މިފަހަރުގެ ބެލޮންޑިއޯ ހައްގު ކަމަށެވެ.

“ހާލަންޑަށް އެވޯޑް ލިބެންޖެހޭ. އަހަރެމެން ތިން ތަށި ހޯދިއިރު 50 އަށް ވުރެ ގިނަ ގޯލު ހާލަންޑް ޖެހި. ވަރަށް ބޭނުން ހާލަންޑް އެވޯޑް ހޯދަން. އެކަމަކު މެސީ ވޯލްޑް ކަޕް ކާމިޔާބުކުރި” ކުރިން ބާސެލޯނާގައި މެސީ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!