ފުރަތަމަ ސަފްޙާ / ޚަބަރު / ދަގަނޑޭ އެފްއޭއެމްގެ ރައީސް ކަމަށް ގެންނަން ބޮޑު ތާއީދެއް

ދަގަނޑޭ އެފްއޭއެމްގެ ރައީސް ކަމަށް ގެންނަން ބޮޑު ތާއީދެއް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 14 އޮކްޓޫބަރު 2023

ސޯޝަލް މީޑިއާގެ ފޭސްބުކް ޕްލެޓްފޯމްގައި މިއަދު “ދަގަނޑޭ ފޯ އެފްއޭއެމް” ގެ ނަމުގައި ހަދާފައިވާ ޕޭޖަކުން، އަލީ އަޝްފާގް (ދަގަނޑޭ) ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްކަމަށް ގެންނަން ޕްރޮމޯޓް ކުރަން ފެށުމާ އެކު އޭނާ އަށް ބޮޑު ތާއީދެއް ލިބިއްޖެ އެވެ.

ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސްކަމަށް ގެނައުމުގެ ހަރަކާތެއް ފެށުނީ ކުއްލިއަކަށް މިއަދު އެވެ. ފޭސްބުކްގައި އާއްމުކުރި ޕޯސްޓާ އެކު ގިނަ ބަޔަކު އަންނަނީ ދަގަނޑޭ އަށް ތާއީދުކޮށް އޭނާ ރައީސްކަމަށް ގެނައުމަށް ކެމްޕޭން ކުރަމުންނެވެ.

އެފްއޭއެމްގެ ހިންގުން ފަހަތަށް ސޮއްސާލައި ފުޓްބޯޅަ އަށް ގިނަ ބަޔަކު ފާޑުކިޔަމުން އަންނަ މި ދަނޑިވަޅުގައި އެފްއޭގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާ އަށް ގިނަ ބަޔަކު އަންނަނީ ގޮވަމުންނެވެ. ބައްސާމްގެ މެނޭޖްމަންޓާ ދެކޮޅަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އާއްމުން އަންނަނީ ޝުއޫރުފާޅުކުރަމުންނެވެ.

ދަގަނޑޭ އެފްއޭއެމްގެ ރައީސްކަމަށް ގެނައުމަށް ސޯޝަލް މީޑިއާގައި ފެށި ކެމްޕޭން. ގިނަ ބަޔަކު ވަނީ ދަގަނޑޭ އަށް ތާއީދުކޮށްފައި

ބައްސާމްގެ އިސްތިއުފާގެ އަޑުގަދަވެ ދަގަނޑޭގެ ނަން ކުރިއަށް އައުމާ އެކު ސަޕޯޓަރުން މިހާރު ތިބީ އެ ބަދަލު ބޭނުންވެފަ އެވެ.

ސޯޝަލް މީޑިއާގައި އެކަކު ބުނީ “ދަގަނޑޭ ގެންނަން މިހާރުވެސް މާ ލަސްވެއްޖެ” ކަމަށެވެ. އެއާ އެކު، ދަގަނޑޭ އަކީ ފުޓްބޯޅަ ސަލާމަތްކުރެވޭނެ ފަރާތްކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ޝުއޫރުފާޅުކުރި އެވެ.

“މި އުނދަގޫ ހާލަތުގައި ފުޓްބޯޅަ ބަދަލުކޮށްލަން އަޝްފާގަށް ވުރެ ވަކި ރަނގަޅު ހުރީ ކާކު؟” ދަގަނޑޭ އެފްއޭއެމްގެ ރައީސްކަމަށް ގެންނަން ތާއީދުކޮށް ސޯޝަލް މީޑިއާގައި މީހަކު އާއްމުކުރި ކޮމެންޓެއްގައިވެ އެވެ.

އެހެން ސަޕޯޓަރަކު ބުނީ ފުޓްބޯޅަ މިހާރު އޮތް ހާލަތަށް ވުރެ އިތުރަށް ވާނެ ގޯހެއް ނެތް ކަމަށާއި، އެކަމުގެ ހައްލަކަށް ރާއްޖޭގެ “ކިންގް” އަށް އެ މަގާމް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ދަގަނޑޭގެ ވާހަކަ ކުއްލިއަކަށް އާއްމުވިއިރު އެފްއޭއެމްގެ ރައީސްކަމުން ބައްސާމް އަދީލް ޖަލީލް އިސްތިއުފާ ދޭންއުޅޭ ކަމުގެ އަޑުވެސް ވަނީ ފެތުރިފަ އެވެ. ބައްސާމްގެ މެނޭޖްމަންޓުގެ އެކްސްކޯގައި ހިމެނޭ ދެ މެމްބަރަކު މިހާރު ވަނީ މަގާމުން އިސްތިއުފާދީފަ އެވެ. އިސްތިއުފާ ދިނީ ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލް (މުއާބެ) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީއީއޯ، ހުސައިން ޝާފިއު (ކޮކީ) އެވެ. މުއާބެ އާއި ކޮކީ ވެސް ވަނީ ދަގަނޑޭ ރައީސްކަމަށް ގެންނަން ތާއީދުކުރާ މޭރުމުން ވާހަކަދައްކައިފަ އެވެ.

އެފްއޭއެމްގެ ރައީސްކަމަށް އައުމާ ގުޅޭ ވާހަކަތަކަށް ދަގަނޑޭ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއްނުވެ އެވެ. ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް އެފްއޭއެމްގެ ރައީސްކަމަށް އައުން ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅަ އަށް އަންނާނެ ބޮޑު ބަދަލަކަށެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ ބަޔަކު ދަގަނޑޭގެ ފަހަތަށް އެރުމާ އެކު އެ މަންޒަރު ހަގީގަތަކަށް ވާނެތޯ އެއީ މިހާރު އުފެދޭ ސުވާލެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!