އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް 0-3 ގެ ނަތީޖާ އަކުން ބޯންމައުތު ބަލިކުރި އިރު، އާސެނަލް އަމިއްލަ ދަނޑުގައި ނިއުކާސަލް އާ ވާދަކުރި މެޗު 0-0 ކުން އެއްވަރު ވެއްޖެ އެވެ.
ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅެ މޮޅުވި މެޗުގެ ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ކަސެމީރޯ އާއި ލޫކް ޝޯގެ އިތުރުން މާކަސް ރަޝްފާޑް އެވެ. މެޗުގެ އޯޕެނިން ގޯލު 23 ވަނަ މިނެޓުގައި ކަސެމީރޯ ޖަހާފައި ވަނީ ކްރިސްޓިއަން އެރިކްސެން ނަގައިދިން ހިލޭ ޖެހުމަކުންނެވެ. އެއައް ފަހު ޑޮނީ ވެންޑަ ބީކަށް އަނިޔާ ވުމުގެ ސަބަބުން، ބަދަލުގައި އަހެންދްރޯ ގަނާޗޯ ވަނީ ކުޅެން އަރުވާފަ އެވެ.
ދެވަނަ ހާފުގެ ހަތަރު ވަނަ މިނެޓުގައި ޔުނައިޓެޑް ގެ ދެވަނަ ލަނޑު ޝޯ ކާމިޔާބު ކޮށްދީފައި ވަނީ ގަނާޗޯ ނަގައިދިން ހުރަހަކުންނެވެ. މޮޅުކުޅުމެއް ޔުނައިޓެޑުން ދައްކަމުން ގޮސް މެޗުގެ ފަހު ވަގުތުގައި ތިން ވަނަ ލަނޑު ރަޝްފޯޑު ޖެހީ ބްރޫނޯ ފެނާންޑޭސްގެ އެހީގަ އެވެ.
މި މެޗުގައި ބޯންމައުތުން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ޔުނައިޓްގެ ގޯލަށް ފޮނުވާލައިފަ އެވެ. އެއާހިލާފަށް ޔުނައިޓެޑް ގެ ކީޕާ ޑޭވިޑް ޑެހެއާ ވަނީ އޭނާގެ މޮޅު ހުނަރު ދައްކާ ބޯންމައުތުގެ ޝޮޓުތައް މަތަކޮއްފަ އެވެ.
ލީގުގެ ޓޭބަލްގެ އެއްވަނަ އަށް ވާދަކުރަމުން އަންނަ އާސެނަލް އާއި ނިއުކާސަލް އާ ދެމެދު ކުޅެވުނު މެޗުގައި އާސެނަލް ކާމިޔާބު ހޯދިނަމަ، ޓޭބަލްގެ އެއްވަނަ ދިފާއު ކުރަން 10 ޕޮއިންޓްގެ ފަރަގެއް ބޭއްވުނީހެވެ. މިހާރު ޓޭބްލްގެ އެއްވަނައިގައި އާސެނަލް އޮތީ 44 ޕޮއިންޓާ އެކުގަ އެވެ. މި މެޗުގައި އެއްވެސް ޓީމަކުން ގޯލެއް ކާމިޔާބު ނުކުރެވުނެއް ކަމަކު، ދެ ޓީމުން ވެސް ގޯލް ޖަހާނެ ފުރުސަތުތައް ތަނަވަސް ކުރި އެވެ. ގިނަ ފައުލްތަކެއް ފެނުނު މެޗުގައި ރެފްރީ ވަނީ ނުވަ ރީނދޫ ކާޑު ދައްކާފަ އެވެ.
ނިއުކާސަލް އޮތީ 35 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. މި މެޗު ނިއުކާސަލުން ކާމިޔާބު ކުރެވުނު ނަމަ ދެ ވަނައިގަ އޮތް މެންޗެސްޓާ ސިޓީ ފަހަތައް ޖައްސާލާ ޓޭބަލް ގެ ދެވަނަ ހޯދުނީހެވެ. ހަތަރު ވަނައިގާ އޮތް ޔުނައިޓެޑް ވެސް ވަނީ 35 ޕޮއިންޓް ހޯދާފަ އެވެ. ނިއުކާސަލުން ފައިދާ ގޯލުގެ ގޮތުގައި 21 ގޯލު އޮތް އިރު، ޔުނައިޓެޑް އޮތީ ފައިދާ 7 ގޯލެވެ.
ޕްރިމިއާ ލީގުގައި މިރ ހަތަރު މެޗު ކުޅޭނެއެވެ. އެ ހަތަރު މެޗު ގެ ތެރެއިން އެންމެ ފާހަގަ ކޮއްލެވޭ މެޗަކަށް ވާނީ ޓޮޓެންހަމް ހޮޓްސްޕާ އާ ކްރިސްޓަލް ޕެލެސްއާ ވާދަ ކުރާ މެޗެވެ. މި މެޗު ފަށާނީ ދަންވަރު އެކެއް ޖަހާ އިރު އެވެ.