ފުރަތަމަ ސަފްޙާ / ޚަބަރު / ޓީސީ ބަލިކޮށް ވެލެންސިއާ ދެ ވަނަ އަށް
ފަހުމިނެޓް

ޓީސީ ބަލިކޮށް ވެލެންސިއާ ދެ ވަނަ އަށް

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 4 މާރޗް 2022

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު 1-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް ވެލެންސިއާ ދެ ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވި މާޒިޔާ އެވެ. އެޓީމު 12 ޕޮއިންޓާ އެކު އޮތްއިރު ދެ ވަނައިގައި ވެލެންސިއާ އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ އާއި ހަތަރު ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޔޫވީ އާއި އީގަލްސް މި ހަފްތާ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގައި ވެލެންސިއާގެ ހަމައެކަނި ލަނޑު 14 ވަނަ މިނެޓުގައި ޖެހީ ލިބުނު ޕެނަލްޓީއަކުން ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން އެވެ. މިއީ ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) އަށް ކުރި ފައުލަކަށް ވެލެންސިއާ އަށް ލިބުނު ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފާއި ދެ ވަނަ ހާފުގެ ވެސް ކުރީކޮޅު ޓީސީން ވަނީ ވެލެންސިއާ އަށް ވުރެ ރަނގަޅަށް ކުޅެފަ އެވެ. އެކަމަކު ގޯލާ އަމާޒުކޮށް މާ ނުރައްކާތެރި ހަމަލާއެއް ޓީސީ އަށް ފޮނުވައެއްނުލެވުނެވެ. މެޗުގައި ވެލެންސިއާ އަށް ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ބޭކާރުވެފަ އެވެ. މިގޮތުން ބޯހާސް ފޮނުވާލި ބޯޅައެއް ޓީސީގެ ގޯލްކީޕަރު ސުޖަން ޕެރޭރާ މަތަކުރިއިރު މެޗުގެ ފަހުކޮޅު އަހުމަދު ރިލްވާން (ރިލޭ) އަށް ލިބުނު ރަނގަޅު ފުރުސަތެއް ބޭކާރުވި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެލެންސިއާ މޮޅުވި ލަނޑު ބޯހާސް އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!