ފުރަތަމަ ސަފްޙާ / ޚަބަރު / އީގަލްސް އިން ފަހު ވަގުތު ޔުނައިޓެޑް ވިކްޓްރީއާ އެއްވަރުކޮށްފި
ފަހުމިނެޓް

އީގަލްސް އިން ފަހު ވަގުތު ޔުނައިޓެޑް ވިކްޓްރީއާ އެއްވަރުކޮށްފި

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 3 މާރޗް 2022

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ މޮޅުވާން ދަނިކޮށް ކްލަބް އީގަލްސް އިން މެޗުގެ ފަހުކޮޅު ގޯލު ޖަހައި 1-1 އިން ނަތީޖާ އެއްވަރުކޮށްފި އެވެ.

ލީގުގައި ކުރިއަށްދާން ބަލާއިރު މިއަދުގެ މެޗަކީ ދެޓީމަށް ވެސް ތިން ޕޮއިންޓް މުހިއްމު މެޗެކެވެ. ލީގުގެ އެއް ވަނައިގައި ތިން މެޗުން ނުވަ ޕޮއިންޓް ހޯދާފައިވާ މާޒިޔާ އޮތްއިރު ދެ ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ އާއި ތިން ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ.

މިއަދުގެ މެޗުގެ ހަތް ވަނަ މިނެޓުގައި ޔުނައިޓެޑް ވިކްޓްރީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ބެލަރޫސްގެ ފޯވާޑް އިވާން ވެރާސް އެވެ. މިއީ ޔުނައިޓެޑް ވިކްޓްރީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަނަޓޯލީ ވްލަޝީޗޭފްގެ އެހީތެރިކަމާ އެކު އީވާން ޖެހި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އާއި އިބްރާހީމް މައިޝާން އަށް ލިބުނު ދެ ފުރުސަތުގެ ބޭނުން ނުހިފުނުއިރު ޔުނައިޓެޑް ވިކްޓްރީގެ އަލީ ހަމްދާން އަށް ލިބުނު ފުރުސަތު ވެސް ބޭކާރުވި އެވެ.

އީގަލްސް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 86 ވަނަ މިނެޓުގަ އެވެ. މިއީ އަބްދުﷲ ޒިޔާންގެ އެހީތެރިކަމާ އެކު އަލީ އަޒުވާން ޖެހި ލަނޑެކެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. މިރޭގެ މެޗުން މޮޅުވެގެން މާޒިޔާ އަށް ހަތަރު މެޗުން 12 ޕޮއިންޓް ހަމަކުރެވޭނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!