ފައިނަލުގައި 0-1 އިން އެޕެކްސް ސްޕޯޓްސް ކްލަބް ބަލިކޮށް ޅ. ނައިފަރުގައި އެފްއޭއެމް އިން ކުރިއަށްގެންދިޔަ ވިމެންސް އިންވިޓޭޝަން ކަޕްގެ ޗެމްޕިއަންކަން ޑޮޓްކޮމް ސްޕޯޓްސް ކްލަބް ހޯދައިފި އެވެ.
އެޕެކްސް އާއި ޑޮޓްކޮމްގެ އިތުރުން މުބާރާތުގައި ވާދަކުރީ ކުރެންދޫ އެފްސީ އާއި އައިޑިއަލް މޫވްމަންޓް އަދި ބަޒޫކާ އެވެ. ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން އެޕެކްސް ފައިނަލަށް ދިޔައީ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ގޯލުގެ ތަފާތުން ޑޮޓްކޮމް ފައިނަލަށް ދިޔައީ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ލީގު ބުރުގައި އެޕެކްސް އިން ޑޮޓްކޮމް 2-0 އިން ބަލިކުރި ނަމަވެސް އިއްޔެ ފައިނަލުގައި ޑޮޓްކޮމް އިން ވަނީ އެ ނަތީޖާ އަނބުރާލައި ޗެމްޕިއަންކަން ހޯދައިފަ އެވެ.
މެޗުގެ ހަމައެކަނި ލަނޑަކީ ފަހު މިނެޓުގައި އެޕެކްސްފެ ފާތިމަތު މިއުޝާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ ޑޮޓްކޮމްގެ ޝަހުލާ ތައުފީގް ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި މިއުޝާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޝަހުލާ ހޯދިއިރު 11 ގޯލާ އެކު ލަނޑު ލިސްޓުގެ އެއް ވަނަ ހޯދީ އެޕެކްސްގެ މިއުޝާ އެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ ކުރެންދޫ އެފްސީ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޑޮޓްކޮމްގެ ޝަހުލާ އެވެ.
އަންހެން ފުޓްބޯޅަ ކުރިއެރުވުމުގެ ގޮތުން މި ސީޒަނުގައި ގިނަ މުބާރާތްތަކެއް ކުޅުމަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. ނައިފަރުގެ އިތުރުން މިއަހަރު އިންވިޓޭޝަން އަންހެން މުބާރާތްތައް ކުރިއަށްގެންދަން ނިންމާފައިވަނީ ލ. އަތޮޅާއި ހދ. ކުޅުދުއްފުށި އަދި ފުވައްމުލައް ސިޓީގަ އެވެ. މީގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ އަށް ޓީމަށް ނިސްބަތްވާ އަންހެން ޓީމުތަކުގެ މުބާރާތެއް ވެސް ކުރިއަށްގެންދާނެ އެވެ. އެއަށްފަހު އެފްއޭއެމްގެ ވިސްނުމަކީ ކޮންމެ މުބާރާތެއްގެ ޗެމްޕިއަނުންގެ މެދުގައި ފައިނަލް ބުރެއް ކުޅުމަށެވެ.