ކްލަބް ވެލެންސިއާ އަށް ކުޅޭ ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް، އަލީ ފާސިރު (ސެންޓޭ) މި ސީޒަނުގައި ކުޅުނު ހަތަރު ވަނަ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފި އެވެ.
ތަފާތު ފޯމެއްގައި ހުރި ސެންޓޭ މިއަދު މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕްރެޒިޑެންޓްސް ކަޕްގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން ކްލަބް ވެލެންސިއާ 1-2 އިން މޮޅުވި މެޗުގަ އެވެ. ސެންޓޭ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހަތަރު މެޗަކީ ޔުނައިޓެޑް ވިކްޓްރީ އަތުން 0-5 އިން ވެލެންސިއާ މޮޅުވި މެޗާއި ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް 3-1 އިން މޮޅުވި މެޗުގެ އިތުރުން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 0-1 އިން މޮޅުވި މެޗު އަދި މިއަދުގެ މެޗެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ ހަތަރު މެޗުން ވެލެންސިއާ މޮޅުވިއިރު ސެންޓޭ ވަނީ ފަސް ގޯލު ޖަހައިފަ އެވެ. ޔުނައިޓެޑް ވިކްޓްރީ އާއި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ސެންޓޭ ހަތަރު ގޯލު ޖެހިއިރު ދަ ގްރާންޑޭ އަތުން ވެލެންސިއާ މޮޅުވި ލަނޑު ވެސް ޖެހީ ސެންޓޭ އެވެ. މިއަދުގެ މެޗުގައި ގޯލެއް ނުޖެހުނު ނަމަވެސް އެއް ގޯލު ޖަހަން އެހީތެރިވި އެވެ.
ބ. އޭދަފުއްޓަށް އުފަން ސެންޓޭ ވަނީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ހޯދައިފަ އެވެ. 2016 ވަނަ އަހަރު 34 ގޯލު ސެންޓޭ ޖެހިއިރު 2017 ވަނަ އަހަރު ވަނީ 24 ގޯލު ޖަހައިފަ އެވެ.

ގޯލު ޖެހުމަށް ފަހު ވެލެންސިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ. – ފޮޓޯ: އެފްއޭއެމް
ޓީސީއާ ދެކޮޅަށް އަލީ އަޝްފާގް (ދަގަނޑޭ) ނުހިމަނައި ކުޅުނު ވެލެންސިއާ ޓީމަށް މެޗުގެ ކުރީކޮޅު އެދެވޭ ކުޅުމެއް ނުދެއްކުނެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޓީސީ އިންނެވެ. 39 ވަނަ މިނެޓުގައި އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޒަޔާން ނަސީރު އެވެ. މެޗުގެ 10 ވަނަ މިނެޓުގައި ޒަޔާން ކުޅެން އެރީ ޓީސީގެ ޒުވާން ފޯވާޑް މުހައްމަދު މާއިޝް މައުސޫމަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ. ވެލެންސިއާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހުސައިން ހަނާން ޖެހި ގޯލުންނެވެ. މިއީ ސެންޓޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހަނާން ޖެހި ލަނޑެކެވެ. ވެލެންސިއާ މޮޅުވި ގޯލު 70 ވަނަ މިނެޓުގައި ޖެހީ ސްޕެއިންގެ ކުޅުންތެރިޔާ ބޯހާސް މާޓިން އެވެ. މެޗުގެ ފަހުކޮޅު ވެލެންސިއާ އިން އުފެއްދި ހަމަލާތަކުގައި ސެންޓޭ އަށް ގޯލު ޖަހާނެ ދެ ފުރުސަތެއް ލިބި ބޭކާރުވި އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް ދާނީ އަށް ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މިވަގުތު ތާވަލުގެ އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ވެލެންސިއާ އަށް 12 ޕޮއިންޓް ވަނީ ލިބިފަ އެވެ. ދެޓީމު ވެސް ފައިދާ ނުވަ ގޯލު އޮތްއިރު މާޒިޔާ އަށް އެއް ވަނަ ލިބެނީ ވެލެންސިއާ އަށް ވުރެ އިތުރަށް އެއް ގޯލު ޖަހާފައިވުމުންނެވެ.

ވެލެންސިއާ އާއި ޓީސީ ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް
ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ހަތަރު ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ލިބިފައިވަނީ ހަ ޕޮއިންޓް އެވެ. ފަސް ވަނައިގައި އޮތީ ތިން ޕޮއިންޓް ލިބިފައިވާ ކްލަބް އީގަލްސް އެވެ. ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ފައިދާ ގޯލުގެ ތަފާތުން ޓީސީ މިހާރު ވަނީ ހަ ވަނަ އަށް ވެއްޓިފަ އެވެ. ހަތް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ އާއި އަށް ވަނައިގައި އޮތް ދަ ގްރާންޑޭ އޮތީ ޕޮއިންޓަކާ އެކު އެވެ. މުބާރާތުގައި މިރޭ 9 ޖަހާއިރު ފަށާ މެޗުގައި ބައްދަލުކުރާނީ ގްރީން ސްޓްރީޓްސް އާއި ސަސް އެވެ.