އަލީ ފާސިރު (ސެންޓޭ) ހެދި ހެޓްރިކާ އެކު ބްލޫ ސްޕޯޓްސް ކްލަބް ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެފްއޭ ކަޕްގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފި އެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި، ތިން ވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ބްލޫ ސްޕޯޓްސްގެ މައްޗަށް ނިއު ރޭޑިއަންޓް ކުރި ހޯދީ 7-0 އިންނެވެ.
މި މެޗުގައި ވެސް ނިއުގެ ހީރޯއަކަށްވީ، ކުއާޓާ ފައިނަލް މެޗުގައި އެޓީމަށް ހެޓްރިކް ހަދައިދިން ސެންޓޭ އެވެ. މިއަދުގެ މެޗުގައި ސެންޓޭ ހެޓްރިކް ހެދިއިރު، ގޯލުތައް ޖެހީ 18، 47 އަދުި 82 ވަނަ މިނެޓުގަ އެވެ. ސެންޓޭގެ ފުރަތަމަ ގޯލަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ.
ސެންޓޭގެ އިތުރުން ނިއުގެ ބިދޭސީ ފޯވާޑް އަލްހާޖީ ގެރޯ ވަނީ ދެ ގޯލު ޖަހައިފަ އެވެ. ގެރޯ ގޯލު ޖެހީ 21 އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގަ އެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ އަބްދުއްލައި އިބިލިޓީ އަދި ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސެންޓޭ އެވެ. އެފްއޭ ކަޕްގެ ފުރަތަމަ ދެ މެޗުގައި ސެންޓޭ މިވަނީ 6 ގޯލު ޖަހައިފަ އެވެ.
ނިއު ރޭޑިއަންޓް ކުއާޓާ ފައިނަލުގައި އޮޑި ސްޕޯޓްސްއާ ވާދަކޮށް މޮޅުވީ 4-0 އިންނެވެ. ބްލޫ ސްޕޯޓްސް ވަނީ ކުއާޓާ ފައިނަލުގައި މަޝްހޫރު ކްލަބް އީގަލްސްއާ އެއްވަރުކޮށް ޕެނަލްޓީގައި ކުރި ހޯދައިފަ އެވެ.
https://fahuminet.com/tournaments/fa-cup-2026
އެފްއޭ ކަޕްގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ބުރު ސްޕޯޓްސް ކްލަބެވެ.
އެފްއޭ ކަޕް އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރު އެވެ. އެ އަހަރުގެ ފައިނަލުގައި ކްލަބް ވެލެންސިއާ 0-2 އިން ބަލިކޮށް ޗެމްޕިއަންކަން ހޯދީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އެކަމަކު މިއަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި މާޒިޔާ ވަނީ ބުރު ސްޕޯޓްސް ކްލަބް އަތުން ޕެނަލްޓީގައި ބަލިވެ ކަޓައިފަ އެވެ.
މިއަހަރުގެ އެފްއޭ ކަޕްގެ ފައިނަލް މެޗު އޮންނާނީ އޭޕްރީލް 18 ވަނަ ދުވަހުގެ ރޭގަނޑެވެ.
