އިއްޔެ ފެށި އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ އޮޑި ސްޕޯޓްސް ކްލަބު ކޮޅަށް އަލީ ފާސިރު (ސެންޓޭ) ވައްދާލި ހެޓްރިކާ އެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އެފްއޭ ކަޕް 12 ފަހަރު ކާމިޔާބުކޮށްފައިވާ ނިއުއިން ސެމީގެ ޖާގަ ކަށަވަރު ކުރީ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި އޮޑި ސްޕޯޓްސް ކްލަބުގެ މައްޗަށް 0-4 އިން ކުރިހޯދައިގެންނެވެ.
ގަލޮޅު ރަސްމީ ބޯލަ ދަނޑުގައި، މި ސީޒަންގެ ޕްރެޒިޑެންޓްސް ކަޕްގެ ތަށި ހޯދި އޮޑި ކޮޅަށް ސެންޓޭ ރޭ ވައްދާލި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރިއިރު ދެވަނަ ލަނޑަކީ އޮޑީގެ ހާފުގެ ތެރެއިން ސެންޓޭއަށް ލިބުނު ބޯޅައެއް ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ ގޯލުގެ ކަނަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިންވެސް ސެންޓޭ އަށް ހެޓްރިކް ފުރިހަމަ ކުރަން ފުރުސަތު ލިބުނެވެ. އެކަމަކު އޭނާ އޮޑީގެ ގޯލްކީޕަރު މުހައްމަދު ޝަފީއު ކައިރިން ނައްޓުވާލުމަށްފަހު ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ގޯލުގެ ދަނޑި އެވެ.
ސެންޓޭ މި މެޗުގައި ޖެހި ތިން ވަނަ ގޯލް ކާމިޔާބުކޮށްފައިވަނީ މެޗުގެ 61 ވަނަ މިނެޓުގަ އެވެ. ނިއު އިން ޖެހި ހަތަރު ވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓް އޮއްވައި ކާމިޔާބުކުރީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ގޭރޯ އެވެ.
މި މެޗުން ބޮޑު ތަފާތަކުން އޮޑިއަށް ނާކާމިޔާބީއާ ކުރިމަތިވި ނަމަވެސް އެޓީމުން ވަނީ މެޗުގެ އެކި ވަގުތު ތަކުގައި ނިއުއަށް ވުރެ ރަނގަޅަށް ކުޅެ ރަނގަޅު ފުރުސަތު ތަކެއްވެސް ތަނަވަސްކޮށްފަ އެވެ.
ހައެއްކަ އަހަރުގެ މެދުކެނޑުމަކަށް ފަހު މިސީޒަންގައި އަލުން އެއްވަނަ ޑިވިޝަންގައި ވާދަކުރަން ފެށި ނިއުއަށް މި ސީޒަންގައި އޮޑި ބަލިކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. އެއް ވަނަ ޑިވިޝަންގައި މުޅިން އަލަށް މި ސީޒަނުގައި ވާދަކުރަން ފެށި އޮޑި އާއި ނިއުރޭޑިއަންޓް މި ސިޒަންގައި މީގެ ކުރިން ތިންފަހަރު ވަނީ ވާދަކޮށްފަ އެވެ. އޭގެ ތެރެއިންއެއް މެޗު އޮޑިން ކާމިޔާބުކޮށްފައިވާއިރު އަނެއް ދެ މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. ސެމީ ފައިނަލްގައި ނިއުއިން ވާދަކުރާނީ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސްގެ މައްޗަށް ކުރި ހޯދި ތިން ވަނަ ޑިވިޝަންގެ ކްލަބް ބްލޫ ސްޕޯޓްސް ކްލަބެވެ.
އިއްޔެ ހަވީރު ކުޅުނު އެފްއޭ ކަޕް ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ބުލޫ ސްޕޯޓްސްއިން އީގަލްސް ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވެފައި އޮތުމުން ކުރިއަށްގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓްގައި އީގަލްސްގެމައްޗަށް ބުލޫ ސްޕޯޓްސް ކުރި ހޯދީ 3-4 އިންނެވެ.
https://fahuminet.com/tournaments/fa-cup-2026
އެފްއޭ ކަޕް ކުއާޓާ ފައިނަލްގެ ބާކީ ދެ މެޗު މިއަދު ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަކުރާނީ، ވިކްޓްރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކްލަބެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ބުރު ސްޕޯޓްސް ކްލަބެވެ.
