ފުރަތަމަ ސަފްޙާ / ޚަބަރު / އީގަލްސް އިން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި
ފަހުމިނެޓް

އީގަލްސް އިން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 3 ޖެނުއަރީ 2022

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު 2-3 އިން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް ކްލަބް އީގަލްސް އިން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މުބާރާތުގެ ފުރަތަމަ ތިން މެޗުގައި އީގަލްސް ވަނީ ބަލިވެފަ އެވެ. ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން 1-0 އިން ބަލިވިއިރު ދެ ވަނަ މެޗުގައި މާޒިޔާ އަތުން ބަލިވީ 2-1 އިންނެވެ. އޭގެފަހުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 2-0 އިންނެވެ. އެކަމަކު މިއަދުގެ މުހިއްމު މޮޅާ އެކު އެޓީމު މިހާރު ވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓް ހަމަކޮށް އަށް ޓީމު ވާދަކުރާ މުބާރާތުގެ ހަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

މިއަދުގެ މެޗުން ބަލިވުމާ އެކު ޔުނައިޓެޑް ވިކްޓްރީ އަށް ވެސް މި ސީޒަނުގައި އަދި މޮޅެއް ނުލިބެ އެވެ. ޔޫވީގެ އިތުރުން މޮޅެއް ނުލިބި އޮތީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށެވެ. ދަ ގްރާންޑޭ މިރޭ ނުކުންނާނީ ގަދަފަދަ މާޒިޔާއާ ދެކޮޅަށެވެ. އީގަލްސްގެ ފަހަތުން ހަތް ވަނައިގައި އޮތް ދަ ގްރާންޑޭ އަށް އެއް ޕޮއިންޓް ލިބިފައިވާއިރު ހަމަ އެ އަދަދަށް ޕޮއިންޓް ލިބި ގޯލުގެ ތަފާތުން ފުލުގައި އޮތީ ޔުނައިޓެޑް ވިކްޓްރީ އެވެ.

May be an image of 1 person, playing a sport, standing and grass

އީގަލްސް އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް

ފުރަތަމަ ހާފު ނިމުނީ އަހުމަދު ހަސަންގެ ގޯލުން އީގަލްސް ކުރީގައި އޮވެގެންނެވެ. ދެ ވަނަ ހާފު އީގަލްސް އިން ފެށީ މުހައްމަދު މުސަފް އިބްރާހީމްގެ ބަދަލުގައި އަހުމަދު ރިޒުވާން (ރިޒޭ) ކުޅެން އަރުވައިގެންނެވެ. މިއީ އަނިޔާގެ ސަބަބުން މެޗެއް ނުކުޅެ އަހަރެއްހާ ދުވަސް ހޭދަކުރުމަށް ފަހު ރިޒޭ ކުޅުނު ދެ ވަނަ މެޗެވެ. މީގެ ކުރިން ރިޒޭ ބެންޗުން ކުޅެން އެރީ ސަސް އަތުން ބަލިވި މެޗުގަ އެވެ. ޔުނައިޓެޑް ވިކްޓްރީން ނަތީޖާ ހަމަހަމަކުރީ 50 ވަނަ މިނެޓުގައި އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) ޖެހި ލަނޑުންނެވެ. އީގަލްސް އިން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނަގައިދިން ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ އަޒުވާން އަބްދުލް އަޒީޒް އެވެ. މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށް ޔުނައިޓެޑް ވިކްޓްރީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މުހައްމަދު އާރިފް (ބަކާ) އެވެ. މިއީ ބަކާ މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗެވެ. އެއްވަރުވާން ދިޔަ މެޗުން އީގަލްސް މޮޅުކޮށްދިން ލަނޑު 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. މި ގޯލާ އެކު ހަންނަ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.

މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މިވަގުތު އެއް ވަނައިގައި ކްލަބް ވެލެންސިއާ އޮތްއިރު ދެ ވަނައިގައި އޮތީ މާޒިޔާ އެވެ. މިރޭ 9 ޖަހާއިރު ފަށާ މެޗުގައި ދަ ގްރާންޑޭ ބަލިކޮށްފިނަމަ މާޒިޔާ އަށް އެއް ވަނަ އަލުން އެރޭނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!