ފުރަތަމަ ސަފްޙާ / ޚަބަރު / ވާދަވެރި މާޒިޔާ އާއި އޮޑި ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި މިރޭ ވާދަކުރަނީ
ވާދަވެރި މާޒިޔާ އާއި އޮޑި  ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި މިރޭ ވާދަކުރަނީ
މާޒިޔާގެ އައިހަމް ލީގު މެޗެއްގެ ތެރެއިން. އައިހަމް ވަނީ މުބާރާތުގައި މިހާތަނަށް މޮޅު ކުޅުމެއް ދައްކާފަ. ފޮޓޯ: އެފްއޭއެމް

ވާދަވެރި މާޒިޔާ އާއި އޮޑި ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި މިރޭ ވާދަކުރަނީ

އެޑްމިން
އެޑްމިން
14 ގަޑިއިރު ކުރިން 24 ފެބްރުއަރީ 2026

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލްގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، އޮޑި ސްޕޯޓްސް ކްލަބް ވާދަކުރާނެ އެވެ. މުބާރާތް ތިންވަނަ ފަހަރަށް ކާމިޔާބުކުރުމަށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއިން ނުކުންނައިރު އޮޑިން މި މުބާރާތުގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. 

މިއީ މާޒިޔާ އާއި އޮޑި އެއް އަހަރު ތެރޭ ވާދަކުރާ ދެވަނަ ފައިނަލެވެ. އެފްއޭއެމް ލީގު ކަޕްގެ ފައިނަލްގައި މީގެ ނުވަ މަސް ކުރިން މި ދެޓީމު ވާދަކުރި މެޗު 0-4 އިން ކާމިޔާބުކުރީ މާޒިޔާ އެވެ. 

މާޒިޔާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް އައީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ގްރޫޕް ސްޓޭޖުގް ފުރަތަމަ މެޗުގައި 1-0 އިން ބުރު ސްޕޯޓްސް ބަލިކޮށް ދެވަނަ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބްގެ މައްޗަށް 0-2 އިން ކުރި ހޯދުމަށްފަހު، ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. 

މާޒިޔާއިން ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވިއިރު ޕެނަލްޓީގައި މާޒިޔާ ކުރި ހޯދީ 3-4 އިންނެވެ. 

އަނެއްކޮޅުން އޮޑިވެސް ވަނީ އެޓީމު ވާދަކުރި ގްރޫޕްގެ އެއްވަނަ ހޯދައިފަ އެވެ. މުބާރާތުގައި އެޓީމު ފުރަތަމަ ކުޅުނު މެޗު ނިއު އާ ވާދަކޮށް 1-1 އިން އެއްވަރުވި ނަމަވެސް ދެވަނަ މެޗުގައި 2-4 އިން ކްލަބް އީގަލްސް ބަލިކޮށް ސެމީގެ ޖާގަ ކަށަވަރުކުރި އެވެ. އޮޑިން ފައިނަލަށް ދަތުރުކުރީ ސެމީގައި ބުރު ސްޕޯޓްސް ކްލަބާ ވާދަކޮށް 0-2 އިން މޮޅުވެގެންނެވެ. 

އޮޑީގެ އިއްބެ ގޯލެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފުރަތަމަ ޑިވިޝަނުގެ ފުރަތަމަ ސީޒަނުގައި އޮޑިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުން. ފޮޓޯ: އެފްއޭއެމް

މާޒިޔާ އާއި އޮޑި އަކީ މި ސީޒަނަށް އެންމެ ވަރުގަދައަށް ތައްޔާރުވި ދެޓީމަށް ވާއިރު އެންމެ ބޮޑު ވާދަވެރިކަމެއްވެސް ފެނުނީ މިދެޓީމުގެ ދެމެދުގަ އެވެ. މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ތަށި މާޒިޔާއިން ކާމިޔާބުކުރި އިރު އޮޑި އަކީ ލީގުގެ ދެވަނަ އެވެ. 

ޕްރެޒިޑެންޓްސް ކަޕް ފައިނަލްގައި މިރޭ މާޒިޔާ އާއި އޮޑި ވާދަކުރާއިރު ދެ ޓީމުގެ ކޯޗުންނަށްވެސް ތިބީ ސްޕެއިންގެ ރައްޔިތުންނެވެ. މާޒިޔާގެ ކޯޗު ލުއިސްމާ ހެނާންޑޭޒް އާއި އޮޑީގެ ކޯޗު އަންދްރޭ ގާސިއާގެ މޭސްތިރިކަމުގައި މިރޭގެ ފައިނަލަށް ދެޓީމު ނުކުންނައިރު މިއީ މި ސީޒަންގައި މި ދެ ކޯޗުން ބައްދަލުކުރާ ތިން ވަނަ ފަހަރެވެ. 

މީގެ ކުރިން މި ދެކޯޗުން ދިވެހި ޕްރިމިއާ ލީގުގައި ދެ ފަހަރު ބައްދަލުކޮށްފައިވާއިރު އެ ދެފަހަރުވެސް ކުރި ހޯދާފައިވަނީ މާޒިޔާގެ ކޯޗު ހެނާންޑޭޒް އެވެ. އެކަމަކު އެ ދެ މެޗަކީ ވެސް މާޒިޔާއިން އުނދަގުލުން ކާމިޔާބުކުރި ދެ މެޗެވެ. ލީގުގެ ފުރަތަމަ މެޗުގައި މާޒިޔާއިން އޮޑީގެ މައްޗަށް ކުރި ހޯދީ ފަހު ވަގުތު އެ ޓީމުން ކާމިޔާބުކުރި ގޯލަކާއެކު 0-1 އިންނެވެ. ލީގުގެ ދެވަނަ ބުރުގައިވެސް ހަމަ އެ ނަތީޖާއިން މާޒިޔާ އޮޑީގެ މައްޗަށް ގަދަވެގަތްއިރު އެ މެޗުގެ ބޮޑު ބައި އޮޑިން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. 

މާޒިޔާ އާއި އޮޑީގައި ވަރުގަދަ ސްކޮޑެއް އޮތްއިރު މިފަހަރުގެ މުބާރާތުގައި އެންމެ ބޮޑަށް ވިދަމުން އަންނަ ދެ ކުޅުންތެރިންނަކީ މާޒިޔާގެ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑީގެ އަހުޒަމް ރަޝީދު (އަހޫ) އެވެ. އައިހަމް ވަނީ މުބާރާތުގައި ދެ ގޯލު ޖަހައި ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަދި، އުމުރުން އެންމެ 18 އަހަރުގެ އަހުޒަމް ވަނީ މިހާތަނަށް މުބާރާތުގައި ތިން ގޯލު ޖަހައި ދެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.  

ގަލޮޅު ދަނޑުގައި މިރޭ ކުޅޭ ފައިނަލް މެޗު ފަށާނީ 10 ޖަހާއިރު އެވެ. މި މެޗު ފަހުމިނެޓްގެ "ޕްރެޒިޑެންޓްސް" ކަޕް ކަވަރޭޖުން ވަގުތުން ބަލާލެވޭނެއެވެ. 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!