ޕްރެޒިޑެންޓްސް ކަޕްގައި ރޭ ޔުނައިޓެޑް ވިކްޓްރީއާ ވާދަކޮށް 5-0 އިން ކްލަބް ވެލެންސިއާ މޮޅުވެއްޖެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ކްލަބް ގްރީން ސްޓްރީޓްސް ވަނީ 5-0 އިން މޮޅުވެފަ އެވެ. ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ މެދުގައި މި މުބާރާތް ކުޅެނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ.
މި ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާ ވަނީ މާޒިޔާއާ ވާދަކޮށް 5-0 އިން ބަލިވެފަ އެވެ. އެކަމަކު ގައުމީ މުބާރާތުގެ ފުރަތަމަ މެޗުގައި ލިބުނު ބޮޑު މޮޅަކީ ޗެރިޓީ މެޗުގެ މާޔޫސްކަން ފިލުވާލަން އެޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

މެޗަށް ނުކުތް ވެލެންސިއާ ޓީމު. އަނިޔާގެ ސަބަބުން ދަގަނޑޭ މެޗުގައި ނުކުޅެ. – ފޮޓޯ: ވެލެންސިއާ
ރޭގެ މެޗަށް ނުކުތް ވެލެންސިއާ ޓީމުގައި އަލީ އަޝްފާގް (ދަގަނޑޭ) އިނީ ބެންޗުގަ އެވެ. ބެންޗުން ވެސް ދަގަނޑޭ ކުޅެން އަރުވާފައި ނުވަނީ މެޗު ކުޅެވޭ ވަރަށް ފިޓް ނުވުމުން ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ. ވެލެންސިއާގެ ޓީމު ލީޑު ކުރީ މިއަހަރު އެޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ގައުމީ ޓީމުގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ ވަނީ މެޗުގައި ދެ ލަނޑު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. މެޗަށް ނުކުތް ޔޫވީ ޓީމުގައި ހިމެނުނީ ޒުވާން ކުޅުންތެރިންތަކެކެވެ. އެޓީމުގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ފުރަތަމަ އެގާރައަށް ނެރުނު ޓީމުގައި ގިނައީ މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ކުޅުންތެރިންނެވެ.
ވެލެންސިއާ އިން ފުރަތަމަ ހާފު ނިންމާލީ 42 ވަނަ މިނެޓުގައި ސެންޓޭ ޖެހި ގޯލުންނެވެ. އޭގެ 10 މިނެޓު ފަހުން ސެންޓޭ ވަނީ ވެލެންސިއާ އަށް ލީޑު ފުޅާކޮށްދީފަ އެވެ. ސެންޓޭ ދެ ލަނޑު ވެސް ޖެހީ ސްޕެއިންގެ ފޯވާޑް ބޯހާސް މާޓިން ގޮންޒާލޭޒްގެ އެހީތެރިކަމާ އެކު އެވެ. 73 ވަނަ މިނެޓުގައި ވެލެންސިއާގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބޯހާސް އެވެ. ވެލެންސިއާގެ ފަހު ދެ ލަނޑު ވެސް ޖެހީ އިތުރު ވަގުތުގަ އެވެ. ހަތަރު ވަނަ ލަނޑު މިސްރުގެ މިޑްފީލްޑަރު ހަލީލް ގަމާލް ޖެހިއިރު ފަހު ލަނޑު ޖެހީ ބެންޗުން ކުޅެން އެރި ހުސައިން ހަނާން އެވެ. މިއީ ވެލެންސިއާގެ ސީނިއާ ޓީމަށް އަލަށް ކުޅެން ފެށި ހަނާން އެ ކްލަބަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި މާޒިޔާ އެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބެވެ.