ރާއްޖޭގެ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުން އަންނަ ހޮނިހިރު ދުވަހު ހދ. ކުޅުދުއްފުށީގައި ހާއްސަ ފުޓްބޯޅަ މެޗެއް ކުޅެން ނިންމައިފި އެވެ.
މި މެޗަކީ ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ފުޓްބޯޅަ ދަނޑު ހުޅުވުމުގެ ގޮތުން ކުޅޭ މެޗެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މެޗު ބައްލަވާލެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ އެވެ. އަރިހުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ މި މަހުގެ 1-16 އަށް ރާއްޖޭގައި ކުރިއަށްދިޔަ ސާފް ޗެމްޕިއަންޝިޕަށް ފަހު ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މެޗެވެ. ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ގައުމީ ޓީމާ ދެކޮޅަށް ނުކުންނަނީ ކުޅުދުއްފުށިން ހޮވާލެވޭ ޓީމެކެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ މެޗެއްގައި ލަނޑު ޖެހުމަށް ފަހު ކުޅުދުއްފުށީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ. – ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ކުޅުދުއްފުއްޓަކީ ސަޕޯޓް ކުރުމުގައި ރާއްޖޭން އެންމެ ފާހަގަކޮށްލެވޭ އެއް ރަށެވެ. އެރަށުގެ ސަޕޯޓަރުން އެންމެ ބޮޑަށް ފާހަގަކުރެވުނީ 2015 ވަނަ އަހަރު ކުޅުނު މިނިވަން ފުޓްބޯޅަ މުބާރާތުގަ އެވެ. އެ މުބާރާތުގެ މެޗުތައް ކުޅުދުއްފުށީ ދަނޑުގައި ކުޅުނުއިރު އެތައް ސަތޭކަ ބަޔަކު ވަނީ ދަނޑަށް ގޮސް ޓީމަށް ތަރުހީބުދީފަ އެވެ. އެފަހަރު ފައިނަލް ބުރުގެ މެޗުތައް ވެސް ކުޅުނީ އެރަށުގަ އެވެ. އެރަށު ސަޕޯޓަރުންގެ މެދުގައި އެންމެ މަގުބޫލުވީ “ވައިކިން ކްލެޕް” ގެ ފޯރި އެވެ. ރަށު ޓީމަށް ދިން ނަމޫނާ ތަރުހީބާ އެކު 2016 ވަނަ އަހަރު ގަލޮޅު ދަނޑުގައި ކުޅުނު މެޗަކަށް އެރަށުގެ ސަޕޯޓަރުންނަށް ދައުވަތު ދީގެން ވަނީ ގެނެސްފަ އެވެ. އެ މެޗުގައި ބައްދަލުކުރީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދި ޓީމާއި އޭރު އޮތް ގައުމީ ފުޓްބޯޅަ ޓީމެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ އިތުރުން 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކެއް ވެސް ކުޅުދުއްފުށީފައި ވަނީ ކުޅެފަ އެވެ. އެފަހަރު އަނެއް ގްރޫޕުގެ މެޗުތައް ކުޅުނީ ސ. ހިތަދޫގަ އެވެ.
ކޮންމެވެސް ވަރެއްގެ ބަދަލުތަކަކާ އެކު ކުޅުދުއްފުށީގައި ކުޅޭ މެޗަށް ދާނީ ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ސްކޮޑެވެ. 23 ކުޅުންތެރިންގެ ޓީމެއް އެރަށަށް ދާއިރު ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުން ބާކީވި ބައެއް ކުޅުންތެރިން ޓީމާ އެކު ދިއުމުގެ ފުރުސަތު އެބައޮތެވެ.
އެފްއޭއެމުން މިރޭ ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިޓަލީގެ ގައުމީ ޓީމަށް ކުރިން ކުޅުނު ފްރެންޗެސްކޯ މޮރިއޭރޯ ހަމަޖައްސައިފަ އެވެ. އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މޮރިއޭރޯ ހަމަޖެއްސިއިރު ކުޅުދުއްފުޓަށް ކޯޗު ދާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެކަމަކު އެ މެޗުގައި ޓީމަށް އިރުޝާދުދޭނީ މޮރިއޭރޯ އެއް ނޫނެވެ. އޭނާ ގައުމީ ޓީމާ އެކު ރަސްމީކޮށް މަސައްކަތް ފަށާނީ އަންނަ ހޯމަ ދުވަހު އެވެ.
ކުޅުދުއްފުށީ މެޗަށް ފަހު ގައުމީ ޓީމުން އަންނަ މަހުގެ 8-17 އަށް ސްރީ ލަންކާގައި އޮންނަ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުގައި ވާދަކުރާނެ އެވެ. ރާއްޖެ އާއި ލަންކާގެ އިތުރުން އެ މުބާރާތުގައި ވާދަކުރާނީ ބަންގްލަދޭޝް އާއި ސީޝެލްސް އެވެ.