ފުރަތަމަ ސަފްޙާ / ޚަބަރު / މެސީ އަށް އަނިޔާވެ މެޗުތަކެއް ގެއްލެނީ

މެސީ އަށް އަނިޔާވެ މެޗުތަކެއް ގެއްލެނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 22 ސެޕްޓެމްބަރު 2021

ފްރެންޗް ލީގުގައި މިދިޔަ އާދީއްތަ ދުވަހު ލިޔޯން އަތުން ޕީއެސްޖީ މޮޅުވި މެޗުގެ ދެ ވަނަ ހާފުގައި ލިއޮނަލް މެސީ ބަދަލުކުރީ އަނިޔާގެ ސަބަބުން ކަމަށް އެޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ލިޔޯނާ ދެކޮޅަށް ކުޅުނު މެޗަކީ ބާސެލޯނާ ދޫކޮށް ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީ އަށް ބަދަލުވެ އަމިއްލަ ސަޕޯޓަރުން ކުރިމަތީ އުމުރުން 34 އަހަރުގެ މެސީ ކުޅުނު ފުރަތަމަ މެޗެވެ. މެޗުގެ 76 ވަނަ މިނެޓުގައި މެސީގެ ބަދަލުގައި ކުޅެން އެރީ ޑިފެންޑަރު އަޝްރަފް ހަކީމީ އެވެ. ބަދަލުކުރުމުން މެސީގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މެސީ ބޭލީ އަނިޔާގެ ސަބަބުން ކަމަށް ޕޮޗެޓީނޯ ބުނެފައެއްނުވެ އެވެ. އެދުވަހު ޕޮޗެޓީނޯ ބުނީ ފުރަތަމަ ހާފުގައި މެސީ މޮޅަށް ކުޅުނުއިރު ދެ ވަނަ ހާފުގައި ބަދަލުކުރީ އެޓީމުގެ ފޯމޭޝަނަށް ބަދަލެއް ގެންނަން ބޭނުންވުމުން ކަމަށެވެ.

ލީގުގައި މިރޭ މެޓްޒްއާ ދެކޮޅަށް ޕީއެސްޖީ ނުކުންނަ މެޗުގެ ކުރިން ޕޮޗެޓީނޯ ވަނީ މެސީ އަށް އަނިޔާވެފައިވާކަމަށް ބުނެފަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮޗެޓީނޯ ބުނީ ލިޔޯން މެޗުގައި މެސީ ބަދަލުކުރީ ވާތު ކަކުލަށް އަނިޔާވުމުން ކަމަށެވެ.

ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން މިރޭ ކުޅޭ މެޗުގެ އިތުރުން އަންނަ އާދީއްތަ ދުވަހު ލީގުގައި މޮންޓްޕެލިއޭ އާއި އަންނަ ހަފްތާގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުންނަ މެޗުގައި ވެސް މެސީ އަށް ކުޅެވޭނެ ކަމަކަށް ނުބެލެވެ އެވެ.

“އެއީ އަހަރެން ހައިރާންވާންޖެހޭ ބަދަލެއް ނޫން. އެންމެ މުހިއްމީ ކުޅުންތެރިޔާގެ ދުޅަހެޔޮކަން. އެ ހާލަތުގައި މެސީ ބަދަލުކުރަން އަހަރެން ނިންމީ އެންމެ ރަނގަޅަށް” މެސީގެ އަނިޔާ ހާމަކުރަމުން ޕޮޗެޓީނޯ ބުންޏެވެ.

މެސީގެ ވާތު ކަކުލަށް އަނިޔާވެފައި ހުރިކަން އެނގުނީ އަންގާރަ ދުވަހު ހެދި އެމްއާރުއައި އިންނެވެ. ޕީއެސްޖީން ބުނީ އަނިޔާގެ ސީރިއަސްކަން ބެލުމަށް ބުރާސްފަތި ދުވަހު މެސީގެ ފޮލޯއަޕެއް ހަދާނެކަމަށެވެ.

ލީގުގައި ކުޅުނު ފުރަތަމަ ހަ މެޗުން މޮޅުވެ ޕީއެސްޖީ އޮތީ އެއް ވަނައިގަ އެވެ. އެކަމަކު ޕީއެސްޖީގެ ޖާޒީގައި މެސީ އަށް ގޯލެއް ކާމިޔާބެއް ނުކުރެވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!