ފުރަތަމަ ސަފްޙާ / ޚަބަރު / ޕްރިމިއާ ލީގު ކުޅުންތެރިން އުސޫލާ ހިލާފުވުމުން ބްރެޒިލް އާޖެންޓީނާ މެޗު ހުއްޓުވައިފި

ޕްރިމިއާ ލީގު ކުޅުންތެރިން އުސޫލާ ހިލާފުވުމުން ބްރެޒިލް އާޖެންޓީނާ މެޗު ހުއްޓުވައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 6 ސެޕްޓެމްބަރު 2021

ބްރެޒިލުން ކަނޑައަޅައިފައިވާ ކޮވިޑްގެ އުސޫލުތަކާ އާޖެންޓީނާ އަށް ކުޅޭ އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް ކުޅުންތެރިން ހިލާފުވުމުން ރޭ ވޯލްޑް ކަޕް ކޮލިފައިންގައި ބްރެޒިލާއި އާޖެންޓީނާ މެޗު ކުޅެމުން ދަނިކޮށް ސިއްހީ ހިދުމަތްތެރިން ދަނޑަށް އަރައި މެޗު ހުއްޓުވައިފި އެވެ.

ބްރެޒިލްގެ ކޮރިންތިއަންސް އެރީނާގައި ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި ބްރެޒިލްގެ ސިއްހީ ހިދުމަތްތެރިން ދަނޑަށް އެރީ އާޖެންޓީނާގެ ޓީމުގައި ތިބި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިން ދަނޑުގައި ތިބުމުންނެވެ. ބްރެޒިލުން މިހާރު އާއްމުކޮށްފައިވާ ކޮވިޑް ޕްރޮޓޯކޯލްގައި އިންގްލެންޑް އޮތީ ރެޑް ލިސްޓުގަ އެވެ. އަދި އިންގްލެންޑުން އަންނަ މީހަކު ބްރެޒިލަށް އަރައިފިނަމަ 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރަންޖެހެ އެވެ.

މައްސަލަ ކުރިމަތިވީ މެޗަށް ނުކުތް އާޖެންޓީނާގެ ޓީމުގައި ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ދެ ކުޅުންތެރިން ކަމަށްވާ ޖިއޮވާނީ ލޮ ސެލްސޯ އާއި ކްރިސްޓިއަން ރޮމޭރޯގެ އިތުރުން އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް ހިމެނުމުންނެވެ. މި ތިން ކުޅުންތެރިންގެ އިތުރުން އެސްޓަން ވިލާގެ މިޑްފީލްޑަރު އެމީ ބުއެންޑިއާ ވެސް އާޖެންޓީނާ ޓީމުގެ ބެންޗުގައި އިނެވެ. އާޖެންޓީނާގެ ޓީމާ އެކު މި ކުޅުންތެރިން މެޗުގެ ދެ ދުވަސް ކުރިން ހޮޓަލުގައި ކަރަންޓީނުވީ ވޯލްޑް ކަޕް ކޮލިފައިންގައި ވެނެޒުއޭލާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެވެ. ސިއްހީ ހިދުމަތްތެރިން ދަނޑަށް އެރުމަށް ފަހު ވަނީ އާޖެންޓީނާ އިން ޕްރޮޓޮކޯލާ ހިލާފު ކުޅުންތެރިންނާ އެކު މުޅި ޓީމު ދަނޑުން ބާލައިފަ އެވެ. ދަނޑުގައި މަޑުކޮށްގެން ތިބި ބްރެޒިލްގެ ޓީމުން އެވަގުތު ދިޔައީ ވަކިގޮތެއް ނިމެންދެން ޓްރެއިނިން ސެޝަނެއް ކުރިއަށްގެންދަމުންނެވެ. އެކަމަކު މެޗު ނުކުޅޭނެކަމަށް ނިންމުމުން ބްރެޒިލް ޓީމު ވެސް ފަހުން ދަނޑުން ފޭބީ އެވެ. މެޗަށް ނުކުތް ބްރެޒިލް ޓީމުގައި އިނގިރޭސި ލީގުގައި ކުޅޭ ކުޅުންތެރިއަކު ނެތެވެ. ކޮވިޑްގެ އުސޫލުތައް ހުރިގޮތުން މިފަހަރުގެ ބައިނަލްއަގްވާމީ މެޗުތަކަށް ގިނަ ކްލަބްތަކުން ކުޅުންތެރިން ފޮނުވުމަށް ދެކޮޅުހެދި އެވެ.

މެޗު ސަސްޕެންޑް ކުރިކަން ފީފާ އިން ރޭ އިއުލާންކުރިއިރު މެޗު ކުޅޭނެ ތާރީހެއް އަދި ކަނޑައަޅާފައެއްނުވެ އެވެ. ވޯލްޑް ކަޕް ކޮލިފައިންގައި މި މަހުގެ 10 ވަނަ ދުވަހު އާޖެންޓީނާ ނުކުންނާނީ ބޮލީވިއާއާ ދެކޮޅަށެވެ. މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅޭގޮތުން ރެފްރީ އާއި މެޗް ކޮމިޝަނަރު ފީފާގެ ޑިސިޕްލިނަރީ ކޮމިޓީ އަށް ރިޕޯޓެއް ހުށަހަޅާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ބްރެޒިލްގެ ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ އެންޓޯނިއޯ ބަރާ ޓޮރޭޒް ބުނީ މެޗު ހުއްޓުވަން ޖެހުނީ އޭގެ ކުރިން އެ މައުލޫމާތުތައް ދީފައިވަނިކޮށް ބޯނުލެނބުމުން ކަމަށެވެ.

“ހަތަރު ކުޅުންތެރިން އައިސޮލޭޝަނުގައި ތިބެން ވާނީ އިރުޝާދުދީފައި އެކަމަކު އެކަމަށް އިޖާބައެއް ނުދިން. އެކުޅުންތެރިން ސްޓޭޑިއަމަށް ގޮސް މެޗަށް ވެސް އެރީ. އެއީ ބްރެޒިލްގެ ސިއްހީ ޕްރޮޓޯލްއާ ހިލާފު ކަންތައްތަކެއް” ބްރެޒިލްގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި ސިއްހީ އޮފިޝަލް ބުންޏެވެ.

މެޗު ހުއްޓުވި މައްސަލައިގައި އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ މެޗު ފެށުމުގެ ކުރިން އެކަމުގައި ގޮތެއް ނުނިމި އޮތުމަކީ ދެރައެއް ކަމަށާއި، ކޮންމެ ގޮތަކަށް ކަންތައް ވީނަމަވެސް އެއީ މެޗު ހުއްޓުވަންވީ ވަގުތު ނޫން ކަމަށެވެ.

އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން މި މައްސަލައިގައި ބުނީ ސެޕްޓެމްބަރ ތިން ވަނަ ދުވަހުން ފެށިގެން އެޓީމު ބްރެޒިލްގައި މަޑުކުރީ ސިއްހީ ޕްރޮޓޮކޯލްތަކާ ހިލާފުނުވެ ކަމަށެވެ.

“މިކަހަލަ މުހިއްމު މުބާރާތެއްގައި މިއީ ފުޓްބޯޅައިގައި ކުރަންޖެހޭނެ ތަޖުރިބާއެއް ނޫން” އާޖެންޓީނާއިން އާއްމުކުރި ބަޔާނުގައި ބުނެފައިވެ އެވެ.

މެޗު ހުއްޓުވި މައްސަލައިގައި ބްރެޒިލަށް ފާޑުކިޔުން އަމާޒުވަމުން އަންނައިރު އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް އެޑްނާލްޑޯ ރޮޑްރީގޭޒް ވަނީ ހެލްތު އޮފިޝަލުންގެ ނިންމުމަށް ފާޑުކިޔައި އެކަންތައް ހިނގާދިޔަ ގޮތާ މެދު މާފަށް އެދިފަ އެވެ. ރޮޑްރީގޭޒް ވިދާޅުވީ އެ ނިންމުމަށް އިހްތިރާމް ކުރާކަމަށާއި، އެކަމަކު އެކަން އެގޮތަށް ހިނގާނެކަން އެނގިހުރެ މެޗު ފެށެންދެން މަޑުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!