ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުންނާނީ ދިވެހި ހުރިހާ ކޯޗުންގެ ހައްގުގައި ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ގައުމީ ޓީމުގެ ކޯޗުކަން ސުޒޭނާ ހަވާލުކުރީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އޭގެކުރިން ސުޒޭން ހުރީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމްގަ އެވެ. ގައުމީ ކޯޗުގެ މަގާމް ހުސްވީ އެ ޒިންމާގައި ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އެއްބަސްވުން އެފްއޭއެމުން އުވާލުމުންނެވެ. ކޫޕްމަންގެ އެއްބަސްވުން އުވާލުމަށްފަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީޑިއާގައި ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުގައި ދިވެހި ކޯޗިން ޓީމެއް ފެނުމުގެ ފުރުސަތު ބޮޑުކަމަށެވެ.
ސުޒޭންއާ އެކު އެސިސްޓެންޓް ކޯޗުންނަށް ހަމަޖެއްސީ އިސްމާއީލް މަހުފޫޒް (އިންމަ) އާއި ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު އެވެ. ގޯލްކީޕިން ކޯޗުގެ ގޮތުގައި މަސައްކަތްކުރާނީ އަސްލަމް އަބްދުއްރަހީމް އެވެ. އަސްލަމްއާ އެކު އިމްރާން ވެސް ގޯލްކީޕަރުންނަށް އެހީތެރިވާނެ އެވެ. ޓީމުގެ ޑޮކްޓަރަކީ ޑރ. އަބްދުﷲ ރާފިއު އެވެ.
“އަޅުގަނޑު އިންޑިވިޖުއަލީ ހެޑް ކޯޗުގެ ގޮތުގައި މިތަނަށް ނުކުތްކަމުގައިވިޔަސް އަޅުގަނޑު މިއަދު އައިސް މިހުރީ އަޅުގަނޑުމެން ހުރިހާ ދިވެހި ކޯޗުންގެ ހައްގުގައި. ކޮންމެވެސް އެކަކު ކޮންމެ ގޮތެއްވިޔަސް ލީޑު ކުރާނީ. ކުރިއަށް އޮތް ތަނުގައި ދިވެހި ކޯޗުންގެ މުސްތަގްބަލާ ވަރަށް ބޮޑަށް ގުޅިފައި އޮންނާނެ މި މުބާރާތުގެ ކަންތައްތައް ހިނގައިގެން ދާނެ ގޮތް” ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުންޏެވެ.
ސުޒޭން ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމުން ގިނަ ބަޔަކު ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ. ސުޒޭން ބުނީ ގައުމީ ޓީމުގެ ކޯޗުކަން ލިބުމުން އެއީ ޝަރަފެއް ކަމަށް ގަބޫލުކޮށް ސޯޝަލް މީޑިއާގައި ބައެއް މީހުން އެކަން ފާހަގަކުރި ކަމަށެވެ. އެކަމަކު ސުޒޭންގެ ނަޒަރުގައި ގައުމީ ކޯޗުކަމަކީ ޝަރަފަކަށް ވުރެ ބޮޑު ޒިންމާއެކެވެ.
“ދިވެހި ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވުމަކީ ޝަރަފަކަށް ވުރެ ބޮޑު ޒިންމާއެއް. އެ ޒިންމާ އަދާކުރެވިއްޖިއްޔާ އިރާދަކުރެއްވިއްޔާ އެއީ ޝަރަފަކަށް ވާނެ” 23 އަހަރުން ދަށުގެ ޓީމުގެ ކޯޗުކަން ވެސް ކުރަމުން އަންނަ ސުޒޭން ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުކުރަން ސުޒޭންއާ ހަވާލުކޮށްފި
ސުޒޭން އެންމެ ފަހުން ރާއްޖޭގެ ކްލަބަކަށް އިރުޝާދުދިނީ މީގެ އެއް ސީޒަން ކުރިން ކްލަބް ގްރީން ސްޓްރީޓްސް އަށެވެ. ސުޒޭން ބުނީ ކްލަބް ލެވެލްގައި ބްރޭކެއް ނެގުމަށް ފަހު ގައުމީ ޓީމާ ހަވާލުވެ މަސައްކަތް ކުރުމުގައި މެންޓަލީ އޭނާ އަށް ފަސޭހަވެގެންދާނެ އެވެ.
ސުޒޭން އެސިސްޓެންޓް ކޯޗުކަމާ ހަވާލުވިފަހުން ގައުމީ ޓީމު ވަނީ ވޯލްޑް ކަޕާއި އޭޝިއަން ކަޕް ކޮލިފައިންގައި މިދިޔަ ޖޫން މަހު ވާދަކޮށްފަ އެވެ. ކޮލިފައިންގެ ފަހު ތިން މެޗުގެ ތެރެއިން ސީރިއާ އާއި ޗައިނާ އަތުން ރާއްޖެ ބަލިވިއިރު ފިލިޕީންސާ ވަނީ އެއްވަރުކޮށްފަ އެވެ. ސުޒޭން ބުނީ އެފަހަރު ގައުމީ ޓީމުން ކުރީ ވަރަށް ރަނގަޅު ކޭމްޕެއް ކަމަށާއި މުޅި ކޭމްޕްގައި މައްސަތައް މަދުވެ ކޭމްޕް ޑިސިޕްލިން ވުމަކީ މިފަހަރު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އޭނާ އަށް ލިބޭނެ ފަސޭހައެއް ކަމަށެވެ.
މުބާރާތަށް ގައުމީ ޓީމު ތައްޔާރުވާން ފަށާފައިވާއިރު ސުޒޭން އެދުނީ ދިވެހި މީޑިއާއިން ރާއްޖޭގެ ސަޕޯޓަރުންނަށް ރަނގަޅު މެސެޖެއް ފޯރުކޮށްދިނުމަށެވެ.
“އަޅުގަނޑުމެން ހަތަރު މީހުން މި ހަވާލުވީކީ އަޅުގަނޑުމެން ކޮންމެ މީހަކު މާ ޝަރަފްވެރި ކަމެއް ކުރާކަށް ނޫން. އަޅުގަނޑުމެން ވަރަށް ބޮޑު ޒިންމާއަކާ މި ހަވާލުވީ. މި ޒިންމާގަ ގޮސް އަޅުގަނޑުމެން އެހިސާބަށް ދެވިއްޖެއްޔާމު ހަމަ ގައިމުވެސް އަޅުގަނޑުމެން އެންމެން އެއްކޮށް ހާއްސަކޮށް މީޑިއާއާ އަޅުގަނޑުމެންނާ އެއްކޮށް މަސައްކަތްކޮށްފިއްޔާމު އަޅުގަނޑުމެންގެ 12 ވަނަ ކުޅުންތެރިޔާއާ ހަމައަށް ވެސް ރަނގަޅު މެސެޖު ދެވޭނެ. އެއީ ދިވެހި ރާއްޖޭގެ 12 ވަނަ ކުޅުންތެރިޔާ ނުލައި މިހާތަނަށް ދިވެހި ރާއްޖެ އަށް ހޯދުނު އެއްވެސް ކާމިޔާބެއް ނޯންނާނެ” ގަލޮޅު ދަނޑުގައި ދެކުނު ކޮރެއާއާ ވާދަކޮށް އެއްވަރުކުރި މެޗުގެ ހަނދާން އާކުރަމުން ސުޒޭން ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ރޭ ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. މާލޭގައި ޕްރެކްޓިސް ކުރުމަށް ފަހު ގައުމީ ޓީމު އަންނަ މަހުގެ 10 ވަނަ ދުވަހު ފުރާނީ ތަމްރީނު ދަތުރެއްގައި ގަތަރަށެވެ. ގަތަރުން އެނބުރި އައުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު 28 ވަނަ ދުވަހު އެވެ. ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް އޮންނާނީ އޮކްޓޫބަރު 1 އިން 30 އަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އޮކްޓޫބަރު 1 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.