ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ޅ. ނައިފަރުގައި ކޭމްޕްކޮށް އެ ސަރަހައްދުގެ ޓީމުތަކާ އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ނިންމައިފި އެވެ.
23 އަހަރުން ދަށުގެ ޓީމު ތައްޔާރުވަމުން އަންނަނީ އަންނަ އޮކްޓޫބަރު މަހު ބަހްރޭންގައި އޮންނަ އޭޝިއަން ކަޕް ކޮލިފައިން އަށެވެ. މި ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އިއްޔެ ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި އަލީ ސުޒޭން އެވެ. ޒުވާން ޓީމުގެ ކޯޗުކަމަށް ސުޒޭން ހަމަޖެއްސީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
ރާއްޖެ ޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމްގައި ރޭ ވާހަކަދައްކަމުން ސުޒޭން ބުނީ ސެޕްޓެމްބަރު މަހު ޅ. ނައިފަރުގައި ޒުވާން ޓީމު ކޭމްޕްކޮށް ހަތް މެޗު ކުޅުމަށް ހަމަޖެހިފައިވާކަމަށެވެ. މި މެޗުތައް ރާވާލާނީ ޒުވާން ގައުމީ ޓީމާ ކުޅެން ބޭނުންވާ ކޮންމެ ރަށަކަށް ފުރުސަތު ލިބޭގޮތަށް ކަމަށް ސުޒޭން ބުންޏެވެ. ނައިފަރުގައި ޒުވާން ގައުމީ ޓީމް ކޭމްޕްކުރަން މިހާރު ރާވާފައިވަނީ ސެޕްޓެމްބަރ 4 އިން 12 އަށެވެ. އެކަމަކު އެފްއޭއެމުން އަދި ރަސްމީކޮށް މި ކޭމްޕާ ގުޅޭގޮތުން ވާހަކަދައްކާފައެއްނުވެ އެވެ.
” އަޅުގަނޑުމެން ސެޕްޓެމްބަރު މަސްތެރޭ އެބަދަން ނައިފަރަށް. ނައިފަރަށް ނޫނީޔާމު އެ ސަރަހައްދުގައި މި ކޭމްޕް ކުރަނީ. އަންޑަ 23 އާ ކުޅެން ބޭނުންވާ ކޮންމެ ރަށަކުން ވެސް އައިސް ކުޅެލެވޭ ގޮތަށް އަޅުގަނޑުމެން އެވެއިލަބަލް ވާނެ ހަތް ދުވަސް ވަންދެން. ހަތް މެޗު އަޅުގަނޑުމެން ޖައްސަޖައްސައިގެން ކުޅޭނަން. ރިކުއެސްޓް ކުރާ ޓީމުތަކާ އެކު” އަތޮޅުތެރޭގެ ކޭމްޕާ ގުޅޭގޮތުން ވާހަކަދައްކަމުން ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ ޒުވާން ޓީމުގައި އޮތީ ވަރަށް ރަނގަޅު ސްކޮޑެއް ކަމަށާއި، ޓީމަށް ކުޅެވޭ އުމުރުގައި ތިބި 40 ވަރަކަށް ކުޅުންތެރިންނަކީ މިހާރު ވެސް ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ލިބިފައިވާ ކުޅުންތެރިން ކަމަށެވެ. ސުޒޭން އިތުރަށް ބުނީ ޒުވާން ގައުމީ ޓީމާ ވާދަކުރަން އަންނަ ރަށްތަކުގެ ޓީމުތައް ކޮންމެހެން 23 އަހަރުން ދަށަށް ނިސްބަތްވާން ނުޖެހޭނެ ކަމަށެވެ. ނައިފަރުގައި ކޭމްޕްކުރަން ނިންމުމުގެ މައިގަނޑު ސަބަބަކީ އެ ސަރަހައްދުގައި ފެންވަރު ރަނގަޅު ގިނަ ދަނޑުތަކެއް ހުރުންކަން ސުޒޭން ފާހަގަކުރި އެވެ.
“އެ ސަރަހައްދަކީ ވަރަށް ބައިވަރު ފުޓްބޯޅަ ދަނޑުތަކެއް ހުރި ސަރަހައްދަކަށް ވެފައި ކޮންމެ ރަށެއްގައި ވެސް ރަނގަޅު ޓީމެއް އޮންނާނެތީވެ އެގޮތަށް ބަލާފަ ޅ. އަތޮޅަށް ބޮޑަށް ފޯކަސް ކޮށްގެން މި ގެންދަނީ. އެއީ ސެންޓާއެއް ގޮތަށް ޅ. ބަލާފަ ވަށައި އެހުރި އަތޮޅުތަކުން އައިސް މެޗު ކުޅެވޭނެކަމަށް އަޅުގަނޑުމެން މި ބަލަނީ” އެ ޒޯނުގައި ރަނގަޅު ފެންވަރުގެ ދަނޑުތަކެއް ހުރިކަން ފާހަގަކުރަމުން ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ އަތޮޅުތެރޭގައި ރަނގަޅު ފެންވަރުގެ ދަނޑުތަކެއް ހުރިއިރު ގައުމީ ޓީމުތަކަށް އެ ދަނޑުތަކުގެ ބޭނުން ހިފޭނެގޮތްވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ރަނގަޅު ފެންވަރުގެ ދަނޑުތަކުގެ އިތުރުން އެހެނިހެން ވަސީލަތްތައް ވެސް އަތޮޅުތެރޭގައި ރަނގަޅުކަން ސުޒޭން ފާހަގަކުރި އެވެ.

ނައިފަރުގައި އޮތް ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން. ޒުވާން ގައުމީ ޓީމު އަންނަ މަހު އެރަށުގައި ކޭމްޕްކުރާގޮތަށް ވަނީ ހަމަޖެހިފައި. – ފޮޓޯ: އީކޯ ޔޫތު / ނައިފަރު
އެންމެ ބޮޑު ޓާގެޓް: އެކުވެރިކަމުގެ މެޗުތަކުން ގައުމީ ޓީމަށް ކުޅުންތެރިން ނެގުން
ސުޒޭން ބުނީ ގައުމީ ޓީމު އަތޮޅުތެރޭގެ ރަށްތަކަށް ދަތުރުކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވާދަކުރާ ޓީމުތަކުގައި ތިބި 23 އަހަރުން ދަށުގެ ކުޅުންތެރިން ސްކްރީންކޮށް އެ ކުޅުންތެރިންނަށް ޒުވާން ގައުމީ ޓީމުން ފުރުސަތު ދިނުން ކަމަށެވެ.
“ސްކޮޑެއް ނެގުމުގައި ވިސްނާ އެއްކަމެއް މިވަގުތު ރާއްޖޭގައި ތިބި އެންމެ ރަނގަޅު ކުޅުންތެރިން އޭގެތެރެއަށް ގެންނަން. އަތޮޅުތަކުގައި ވެސް އެކަހަލަ ޓެލެންޓެއް ހުންނަކަމަށް ވަންޏާ އެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވިގެން މިދަނީ. އެއީ 23 އަހަރުން ދަށުގެ ޓީމާ ކުޅޭ މެޗުތަކުގައި ރަށްރަށުން އައިސް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ތިބޭ 23 އަހަރުން ދަށުގެ އުމުރުފުރާއަށް ފެތޭ ކުޅުންތެރިން އަޅުގަނޑުމެން އެކުޅުންތެރިންނަށް ފުރުސަތު ދޭނަން. އެއީ ވަރަށް ބޮޑު އެޑްވާންޓޭޖަކަށް ވާނެ ދެކޮޅަށް ވެސް” ދަތުރުގެ މައިގަނޑު މަގްސަދު ހާމަކުރަމުން ސުޒޭން ބުންޏެވެ.

2019 ވަނަ އަހަރު ޔޫއޭއީއާ ދެކޮޅަށް ނުކުތް ޒުވާން ގައުމީ ޓީމް. އަތޮޅުތަކުން ރަނގަޅު ކުޅުންތެރިން ގައުމީ ޓީމަށް ނަގާނެކަމަށް ސުޒޭން ވަނީ ބުނެފައި. – ފޮޓޯ: އެފްއޭއެމް
ޒުވާން ގައުމީ ޓީމަށް އެންމެ އަވަހަށް އޮތް މުބާރާތަކީ އަންނަ އޮކްޓޫބަރު މަހު އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އެވެ. އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 23 އިން 31 އަށެވެ. ރާއްޖޭގެ އިތުރުން މި ގްރޫޕްގައި ހިމެނެނީ ބަހުރޭން، އަފްގާނިސްތާން އަދި އިރާގް އެވެ. 23 އަހަރުން ދަށުގެ އޭޝިއަން ކަޕުން ފުރުސަތު ލިބޭނީ 11 ގްރޫޕުން އެއް ވަނަ ހޯދާ ގައުމުތަކަށާއި އެއިން ކޮންމެ ގްރޫޕަކުން ދެ ވަނަ ހޯދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަށެވެ.
“އަތޮޅުތަކުގައި ކޭމްޕްކުރާއިރުގައި އަތޮޅުތަކުން އަޅުގަނޑުމެންނާ ވާދަކުރަން އަންނަ ޓީމުތަކުގައި ތިބޭ 23 އަހަރުން ދަށުގެ ކުޅުންތެރިންގެ ތެރެއިން އަޅުގަނޑު ހަމަ ވަރަށް އުފާވާނެ މި ޓީމުގެ ތެރެއަށް އަރާވަރުގެ ތިން ކުޅުންތެރިއަކު ނުވަތަ ދެ ކުޅުންތެރިއަކު ވިޔަސް އަޅުގަނޑުމެންނަށް ލިބިއްޖެއްޔާ. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ” 2007 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަން ކުރި ސުޒޭން ބުންޏެވެ.