ފުރަތަމަ ސަފްޙާ / ޚަބަރު / ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުކުރަން ސުޒޭންއާ ހަވާލުކޮށްފި

ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުކުރަން ސުޒޭންއާ ހަވާލުކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 16 އޮގަސްޓް 2021

އޮކްޓޫބަރު މަހު 1-13 އަށް ރާއްޖޭގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުގެ ކެއާޓޭކާ ކޯޗަކަށް އަލީ ސުޒޭން ހަމަޖައްސައިފި އެވެ. ސުޒޭން ވަގުތީ ކޯޗަކަށް ހަމަޖެއްސިއިރު އޭނާއާ އެކު ކޯޗިން ޓީމުގައި މިފަހަރު ހިމެނެނީ ހުސް ދިވެހިންނެވެ.

ފުޓްބޯޅަ ޓީމަށް ސުޒޭނާ އެކު ރާއްޖޭގެ ތަޖުރިބާކާރު ފަރާތްތައް ހިމެނޭ ކޯޗިން ޓީމެއް ހަމަޖެއްސިކަން އިއުލާންކުރީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

ސުޒޭނަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ ޒިންމާ ހަވާލުކުރިއިރު އޭނާ މީގެ ކުރިން ހުރީ އެސިސްޓެންޓް ކޯޗުގެ މަގާމްގަ އެވެ. އަދި މީގެ ފަސް ވަރަކަށް ދުވަސް ކުރިން ސުޒޭން ވަނީ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ވެސް ހަމަޖައްސައިފަ އެވެ. މިއީ ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑް ކޯޗުކަން ތަޖުރިބާކާރު ކޯޗު ކުރާނެ ފުރަތަމަ ފަހަރެވެ.

ސުޒޭންއާ އެކު އެސިސްޓެންޓް ކޯޗުންނަށް ހަމަޖެއްސީ މިދިޔަ ދެ ސީޒަނުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކޯޗުކޮށްދިން އިސްމާއީލް މަހުފޫޒް (އިންމަ) އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު އެވެ. އެސިސްޓެންޓް ކޯޗުގެ ޒިންމާއާ އެކު ގޯލްކީޕިން ކޯޗެއްގެ ގޮތުގައި ވެސް އިމްރާން މަސައްކަތްކުރާނެ އެވެ. ގޯލްކީޕިންގް ކޯޗުގެ ގޮތުގައި ދެން ހަމަޖެއްސީ އަސްލަމް އަބްދުއްރަހީމް އެވެ. މިފަހަރު ޓީމުގެ ޑޮކްޓަރަކަށް ހަމަޖެއްސީ ޑރ. އަބްދުﷲ ރާފިއު އެވެ.

Today we have finalized the coaching staff for the upcoming SAFF Championship 2021 ????????@alisuzain as caretaker Coach@IsmailMahfooz as A. Coach @ImranMohamed25 as A. Coach and GK Coach@aslam27noani as GK Coach
Dr. Rafiu as Team Doctor

All the best to technical team ???????? pic.twitter.com/BYDAGpe7lD

— Bassam Adeel Jaleel (@bassam_jaleeI) August 16, 2021

ގައުމީ ކޯޗުގެ މަގާމް ހުސްވީ ކުރިން އެ މަގާމުގައި ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އެއްބަސްވުން އެފްއޭއެމުން އުވާލުމުންނެވެ. ކޫޕްމަންގެ އިތުރުން އެސިސްޓެންޓް ކޯޗުގެ ގޮތުގައި ހުރި ނެދަލެންޑްސްގެ ރެނޭ ހިޑިންކްގެ އެއްބަސްވުން ވެސް އެފްއޭއެމުން ވަނީ އުވާލައިފަ އެވެ. ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލާ ކޯޗިން ޓީމުގައި ހުސް ދިވެހިން ތިބެދާނެކަމުގެ އިޝާރާތެއް މީގެ ކުރިން ބައްސާމް ވަނީ ދީފަ އެވެ.

ސުޒޭނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ އަދި އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ގައުމީ ޓީމުތަކުގަޔާއި އެފްއޭއެމްގައި މަސައްކަތްކޮށްފަ އެވެ. ސުޒޭން ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ އިތުރުން 2007 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަންކޮށްފަ އެވެ. އޭގެ ފަހުން ސުޒޭން ވަނީ އެފްއޭއެމްގައި ވެސް މަސައްކަތްކޮށްފަ އެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން މިދިޔަ އަހަރު ސުޒޭންއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ކޯޗިން ކެރިއަރުގެ ކުރީކޮޅު އަތޮޅުތެރޭގެ ޓީމުތަކުން ވެސް ފެނުނު ސުޒޭން ވަނީ ފުރަތަމަ ޑިވިޝަނުގައި ވިކްޓްރީ ސްޕޯޓްސް ކްލަބާއި މާޒިޔާގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މި ދެޓީމުގައި ވެސް ސުޒޭން ވަނީ ދިވެހި ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި މާޒިޔާއާ އެކު 2015 އަދި 2016 ވަނަ އަހަރު ޗެރިޓީ ޝީލްޑް ސުޒޭން ކާމިޔާބުކުރި އެވެ. 2017 ވަނަ އަހަރު ގދ. ތިނަދޫ ފުޓްބޯޅަ ޓީމަށް އިރުޝާދުދީ އެ ކްލަބަށް ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ސުޒޭން ފުރުސަތު ހޯދައިދިނެވެ.

ކްލަބް ލެވެލްގައި އެންމެ ފަހުން ކްލަބް ގްރީން ސްޓްރީޓްސް އަށް ކޯޗުކަން ކޮށްދިނުމަށް ފަހު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމާ ސުޒޭން ހަވާލުވީ މިދިޔަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު އެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ކްލަބް ވެލެންސިއާ އިން މަޝްހޫރުކަން ހޯދި އިންމަ ކޯޗިންގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ 2006 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ މާޒިޔާ އިންނެވެ. ގިނަ އަހަރުތަކެއް ވަންދެން މާޒިޔާގެ ކޯޗުކަން ކުރުމަށް ފަހު އިންމަ އެޓީމު ދޫކޮށްލީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު އިންމަ ވަނީ ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް ދެ މެޗެއްގައި ހެޑް ކޯޗުކަން ވެސް ކޮށްފަ އެވެ. ސީނިއާ ގައުމީ ޓީމަށް އިންމަ އިރުޝާދުދިނީ ވޯލްޑް ކަޕް ކޮލިފައިންގައި ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅުނު މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ޔަމަނާ ދެކޮޅަށް ނުކުތް މެޗުގަ އެވެ. ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ދޫކޮށްލުމަށް ފަހު އިންމަ އަލުން މާޒިޔާގެ ކޯޗުކަމާ ހަވާލުވީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މާޒިޔާއަށް ދެ ބުރެއްގެ މަތިން ކޯޗުކަން ކޮށްދީފައިވާއިރު އިންމަ ވަނީ އެ ކްލަބަށް 2014 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

ގައުމީ ފުޓްބޯޅަ ޓީމަށް 17 އަހަރު ކުޅެދިނުމަށް ފަހު ކީޕަރު އިމްރާން ގައުމީ ޓީމުން ރަސްމީކޮށް ރިޓަޔާ ކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ. އޭގެފަހުން އިމްރާން ވަނީ ޓީސީ ސްޕޯޓްސް ކްލަބަށް ދުވަސްކޮޅަކު ކުޅެފަ އެވެ. ގައުމީ ކޯޗިން ޓީމާ އިމްރާން ހަވާލުވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އޭރު އިމްރާން ހަމަޖެއްސީ ގޯލްކީޕަރު ޓްރޭނަރުންގެ އެސިސްޓެންޓަކަށެވެ. މިއީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް އިމްރާން ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

SunOnline: National football team ah goalkeeperun thamreenukuraan khaassa academy eh ufahdhanee

އަސްލަމް ގައުމީ ޓީމުގެ ކީޕަރުންނަށް އަސްލަމް އިރުޝާދުދެނީ. – ފޮޓޯ: ފަޔާޒް މޫސާ / ސަން އޮންަލައިން

ކީޕަރު އަސްލަމަކީ ފެންވަރު ރަނގަޅު ދިވެހި ކީޕަރުން ރާއްޖޭގައި މަދުވަމުން އަންނަ މައްސަލަ އަށް ހައްލު ހޯދުމުގެ ގޮތުން އެފްއޭއެމުން ކުރިއަށްގެންދާ އެފްއޭއެމް ގޯލްކީޕާސް އެކަޑެމީގެ އެންމެ އިސް ފަރާތެވެ. 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އެފްއޭއެމުން އިއުލާންކުރި މި އެކަޑެމީގެ ޕްރޮގްރާމްތައް ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ އަސްލަމެވެ. އަދި އަސްލަމް އިސްވެ ހުރެ ގޯލްކީޕާސް އެކަޑެމީގެ އިތުރު މަސައްކަތްތަކެއް މިދިޔަ މަހުގެ ކުރީކޮޅު ވަނީ ރަސްމީކޮށް ފަށައިފަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2008 ވަނަ އަހަރު ސްރީ ލަންކާއާ ގުޅިގެންނެވެ. ނޭޕާލާ ވާދަކޮށް ރާއްޖޭން މިފަހަރު ކާމިޔާބުކުރި ބިޑްގައި ހިމެނީ ހަމައެކަނި ރާއްޖޭގައި މެޗުތައް ކުޅޭށެވެ. އެފްއޭއެމުން ހުށަހެޅި ޕްރޮޕޯސަލުގައި މެޗުތައް ކުޅެން ރާވާފައިވަނީ ގަލޮޅު ދަނޑާއި ހުޅުމާލޭ ދަނޑުގަ އެވެ. ސަރުކާރާ ގުޅިގެން އެފްއޭއެމުން މިހާރު އަންނަނީ ހުޅުމާލޭ ދަނޑު މުބާރާތުގެ މެޗުތައް ކުޅެވޭ ވަރަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!