މިދިޔަ ބުރާސްފަތި ދުވަހު ޕީއެސްޖީ އަށް ބަދަލުވި ލިއޮނަލް މެސީ ބަލަން ކެތްމަދުވެފައި ތިބި ޕީއެސްޖީގެ ސަޕޯޓަރުންނަށް ރޭ އެ ކްލަބުގެ ފުރިފައި އޮތް ސްޓޭޑިއަމްގައި މެސީ ދައްކާލައިފި އެވެ.
16 އަހަރު ބާސެލޯނާ އަށް ކުޅުމަށް ފަހު ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި މެސީ ޕީއެސްޖީ އަށް ބަދަލުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މެސީ އެ ކްލަބަށް ބަދަލުވާނެކަން މިދިޔަ ހަފްތާ ކަށަވަރުވުމާ އެކު މެސީ ފްރާންސަށް އަންނާނެ އިރެއްގެ އިންތިޒާރުގައި ކްލަބުގެ ސަޕޯޓަރުން ވަނީ ޕެރިހުގެ އެއާޕޯޓާއި ކްލަބުގެ ސްޓޭޑިއަމް ކައިރިއަށް އެއްވެފަ އެވެ.
ރޭ ފްރެންޗް ލީގުގައި ސްޓްރާސްބާގާ 2-4 އިން ބަލިކުރި މެޗުގެ ކުރިން ޕީއެސްޖީން ވަނީ މެސީ ހިމެނޭގޮތަށް އެޓީމަށް މިފަހަރު އަލަށް ގެނައި ކުޅުންތެރިން ސަޕޯޓަރުންނަށް ތައާރަފްކޮށްފަ އެވެ. މެސީގެ އިތުރުން ޕީއެސްޖީއާ ގުޅުނީ ރެއާލް މެޑްރިޑްގެ ކާމިޔާބު ކެޕްޓަން ސާޖިއޯ ރާމޯސް އާއި ލިވަޕޫލްގައި މޮޅު ކުޅުމެއް ދެއްކި ޖިއޮޖީނިއޯ ވައިނަލްޑަމް އާއި އިޓަލީއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޖިއަންލުއިޖީ ޑޮންނަރުއްމާ އަދި ރެއާލް އާއި އިންޓަ މިލާނަށް ކުޅުނު މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ އެވެ. މެސީ، ރާމޯސް، ޑޮއްނަރުއްމާ އަދި ވައިނަލްޑަމް ޕީއެސްޖީން ގެނައީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

ޕީއެސްޖީގެ ދަނޑުގައި މި ކުޅުންތެރިންނަށް ހާއްސަކޮށްފައިވާ ސްޓޭޖަށް އެރިއިރު މުޅި ސްޓޭޑިއަމް އޮތީ ފުރާލާފަ އެވެ. އަދި މެސީ ސަޕޯޓަރުންނަށް ފެނުނު ފުރަތަމަ ފަހަރު މުޅި ދަނޑުން ފެނުނީ އުފާފާޅުކުރި މަންޒަރެވެ. ސަޕޯޓަރުންނަށް ފެނިލި ސްޓޭޖުގައި މެސީ ބުނީ މިއީ އޭނާ އަށް ވަރަށް ހާއްސަ ހަފްތާއެއް ކަމަށާއި ސަޕޯޓަރުން ދިން ތަރުހީބަށް ޝުކުރުއަދާކުރާ ކަމަށެވެ.
“ވަރަށް އާދަޔާހިލާފު. މުޅިން އާ ސްޓޭޖެއް ތަޖުރިބާކުރާއިރު އަހަރެން މިހުރީ ވަރަށް އުއްމީދާއެކު އުފަލުން. އުއްމީދަކީ މިއީ ކާމިޔާބު އަހަރަކަށް ހެދުން” ޕީއެސްޖީގެ ސަޕޯޓަރުންނާ ވާހަކަދައްކަމުން މެސީ ބުންޏެވެ.
ރޭގެ މެޗުގައި ޕީއެސްޖީގެ ލަނޑުތައް ޖަހައިދިނީ މައުރޯ އިކާޑީ އާއި ކިލިއަން އެމްބާޕޭގެ އިތުރުން ޕަބްލޯ ސަރާބިއާ އެވެ. ފުރަތަމަ ހާފު ނިމުނުއިރު ޕީއެސްޖީން ތިން ގޯލުގެ ލީޑެއް ނެގިއިރު ދެ ވަނަ ހާފުގައި ސްޓްރާސްބާގުން ވަނީ ކުޅުނު ރަނގަޅުކޮށް ދެ ގޯލު ޖަހައިފަ އެވެ. މި ލަނޑުތައް އެޓީމަށް ޖަހައިދިނީ ކެވިން ގަމެއިރޯ އާއި ލުޑޮވިޗް އަޖޯޔޫ އެވެ. މެޗުގެ 81 ވަނަ މިނެޓުގައި ސްޓްރާސްބާގްގެ އަލެކްސަންޑަ ޖީކޫ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން ސްޓްރާސްބާގް މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ.

އަލަށް ގެނައި ކުޅުންތެރިންގެ ތެރެއިން ވައިނަލްޑަމް އާއި ހަކީމީ ރޭ ވަނީ ކުޅެފަ އެވެ. މިދިޔަ އަހަރުތަކުގައި އެޓީމުގައި މޮޅު ކުޅުމެއް ދެއްކި ނޭމާ ޓީމުގައި ހިމަނާފައި ނުވާއިރު އަނިޔާގެ ސަބަބުން ރާމޯސް އަށް ކުޅެވޭނީ މަހެއްހާ ދުވަސް ފަހުންނެވެ. މެސީ ރޭގެ މެޗުގައި ނުހިމެނީ ބޮޑު ބްރޭކަކަށް ފަހު އަލުން ކުޅުމުގެ ތެރެއަށް އަންނަން ވަގުތު ނަގާނެތީ އެވެ. މެޗުގެ ކުރިން ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ އަވަސް އަރުވާލައިގެން މެސީ ދަނޑަށް ނާރުވާނެ ކަމަށެވެ.
މިދިޔަ ސީޒަނުގައި ފްރެންޗް ލީގު ކާމިޔާބުކުރި ލިލް ރޭ ވަނީ އަމިއްލަ ދަނޑުގައި ނީސް އަތުން 4-0 އިން ބަލިވެފަ އެވެ. ދެ މެޗުން ލިބުނު އެއް ޕޮއިންޓާ އެކު ލިލް މިވަގުތު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ. ދެ މެޗުން ވެސް މޮޅުވެ ޕީއެސްޖީ އޮތީ އެއް ވަނައިގަ އެވެ.