މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރާނީ ޗެލްސީ ކަމަށް ފުޓްބޯޅައިގެ ބައެއް ފަރާތްތަކުން ބުނަމުން އަންނާތީ ހައިރާންވާ ކަމަށް ޗެލްސީގެ ކޯޗު ތޯމަސް ޓުކެލް ބުނެފި އެވެ.
މިދިޔަ ސީޒަނުގެ މެދުތެރެއިން ޗެލްސީއާ ހަވާލުވެ ޓުކެލް ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގާއި މި ސީޒަނުގެ ޔޫއެފާ ސުޕަ ކަޕް ޗެލްސީ އަށް ކާމިޔާބުކޮށްދީފަ އެވެ. ސިޓީ ބަލިކޮށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު މިދިޔަ ބުރާސްފަތި ދުވަހު ސުޕަ ކަޕް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން ވިޔަރެއާލް ބަލިކޮށްގެންނެވެ.
ސީޒަން ފެށުމުގެ ކުރިން މިފަހަރުގެ ލީގު ކާމިޔާބުކުރާނެ ޓީމެއް ބެލުމަށް ބީބީސީން ކުރިއަށް ގެންދިޔަ ވޯޓުގައި ބައިވެރިކުރި 20 ޕަންޑިތުންގެ ތެރެއިން ޗެލްސީ މިފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާނެކަމަށް ހަތް ޕަންޑިތަކު ވަނީ ބުނެފަ އެވެ. އޭގެތެރޭގައި ކުރީގެ އެއް ވަނަ ފޯވާޑް އެލެން ޝިއަރާ ވެސް ހިމެނެ އެވެ.
މިދިޔަ ސީޒަނުގެ ހަތަރު ވަނަ ޗެލްސީ އަށް ލިބުނުއިރު އެޓީމު ލީގު ނިންމާލީ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އަށް ވުރެ 19 ޕޮއިންޓް ފަހަތުންނެވެ.
“ލީގުގެ ހަތަރު ވަނަ ލިބިފަ ޖެހިގެން އަންނަ ސީޒަނުގަ ލީގުގެ ފޭވަރިޓުންނަކަށް ނުވާނެ. ޗެލްސީ ލީގު ނަގާނޭ ބުނުމުން އަހަރެން ހައިރާން ވަނީ އެހެން ބުނާ އެންމެންނަށް ވެސް ފެންނާނެ މިދިޔަ ސީޒަނުގައި ޗެލްސީ ހަތަރު ވަނައިގަ ނިންމިތަން. އަދި ހަތަރު ވަނަ އަށް އަރަން ވާދަވެރި ކްލަބެއްގެ އެހީތެރިކަން ވެސް އަހަރެމެންނަށް ބޭނުންވި. އެކަމަކު ސީޒަން ނިމުނީ ކާމިޔާބުކޮށް” ކުރިން ޕީއެސްޖީ އަށް އިރުޝާދުދިން އުމުރުން 47 އަހަރުގެ ކޯޗު ބުންޏެވެ.
“ޓްރާންސްފާ މާކެޓުގައި ސިޓީ އާއި ޔުނައިޓެޑްގެ ހަރަކާތްތަކަށް ބަލާއިރު އެޓީމުތައް މިދިޔަ ސީޒަނަށް ވުރެ ދަށްކަމަށް ފާހަގައެއް ނުކުރެވޭ” ލީގު ހޯދުމަށް ސިޓީ އާއި ޔުނައިޓެޑާ ވާދަކުރަން ޖެހޭނެކަން ހާމަކުރަމުން ޓުކެލް ބުންޏެވެ.
އާ ސީޒަނަށް ޔުނައިޓެޑުން ވަނީ ރެއާލް މެޑްރިޑްގައި ގިނަ ކާމިޔާބީތަކެއް ހޯދި ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން އާއި ބޮރޫޝިއާ ޑޯޓްމަންޑުގައި މޮޅު ކުޅުމެއް ދެއްކި އިންގްލެންޑުގެ ޖޭޑަން ސަންޗޯ ގެނެސްފަ އެވެ. އަނެއްކޮޅުން ސިޓީން ވަނީ 100 މިލިއަން ޕައުންޑަށް އެސްޓަން ވިލާ އިން ޖެކް ގްރީލިޝް ގެނެސްފަ އެވެ. އިނގިރޭސި ރެކޯޑް އަގަކަށް ގްރީލިޝް ގެނައުމަށް ފަހު ސިޓީން މިހާރު އަންނަނީ ޓޮޓެންހަމް ހޮޓްސްޕާސްގެ ހެރީ ކޭން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ސިޓީ އާއި ޔުނައިޓެޑް ވަރުގަދަކުރިއިރު ޗެލްސީން ވަނީ މި ހަފްތާ 97.5 މިލިއަން ޕައުންޑަށް އެ ކްލަބަށް ކުރިން ކުޅުނު ރޮމެލޫ ލުކާކޫ ގެނެސްފަ އެވެ. 2011 ވަނަ އަހަރު ޗެލްސީއާ ގުޅުމަށް ފަހު ކުޅުމުގެ ފުރުސަތު ނުލިބުމުން ޗެލްސީ ދޫކޮށްލި ލުކާކޫ އެނބުރި އެ ކްލަބަށް އައީ ފެންވަރު ސާބިތުކޮށްދިނުމަށް ފަހު އެވެ.
ޓުކެލް ބުނީ ހަތް އަހަރަށް ފަހު ޗެލްސީ އަށް އެނބުރި އައިސް ކްލަބުގައި ލުކާކޫ މުހިއްމު ދައުރެއް އަދާކުރާނެކަމަށެވެ. މިދިޔަ ސީޒަނުގައި އިންޓަ މިލާނުން އިޓާލިއަން ލީގު ކާމިޔާބުކުރިއިރު ލުކާކޫ ވަނީ 36 މެޗުގައި 24 ލަނޑު ޖަހައިފަ އެވެ. 11 ލަނޑު ޖަހަން އެހީތެރިވެދިން އިރު ލުކާކޫ ވަނީ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ރޭ ފެށިއިރު އިރު ފުރަތަމަ މެޗުގައި ލީގަށް އަލަށް ޕްރޮމޯޓްވި ބްރެންޓްފޯޑުން ވަނީ އަމިއްލަ ދަނޑުގައި 0-2 އިން އާސެނަލް ބަލިކޮށްފަ އެވެ. ލީގުގައި މިއަދު ހަވީރު 4:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑާއި ލީޑްސް ޔުނައިޓެޑެވެ. ޗެލްސީ އިން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރޭގަނޑު ހަތެއް ޖަހާއިރު އެވެ. މިރޭ ކުޅޭ ފަހު މެޗުގައި ރޭގަނޑު 9:30 ގައި ލިވަޕޫލް ނުކުންނާނީ ނޯވިޗް ސިޓީއާ ދެކޮޅަށެވެ.