ފުރަތަމަ ސަފްޙާ / ޚަބަރު / ކޮންމެ ކުޅުންތެރިޔަކަށް ލަނޑެއް ޖަހައި، ބުރު ސްޕޯޓްސް ސެމީ ފައިނަލަށް

ކޮންމެ ކުޅުންތެރިޔަކަށް ލަނޑެއް ޖަހައި، ބުރު ސްޕޯޓްސް ސެމީ ފައިނަލަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 11 އޮގަސްޓް 2021

މިހާރު ކުރިޔަށްދާ ތިންވަނަ ޑިވިޝަން ފުޅުބޯޅަ މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް ބުރު ސްޕޯޓްސް ކުލަބުން ހޯދައިފަ އެވެ. ބުރު ސްޕޯޓްސް އިން ސެމީގެ ޖާގަ ހޯދީ މިރޭ ކުޅޭވުނު ކުއާޓާ ފައިނަލް މެޗުގައި 11-0 އިން ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ.

ކެޕިޓަލް ސިޓީ ސްޕޯޓްސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ގުރޫޕްގެ އެއްވަނަ ހޯދި ލޮރެންޒޯ ސްޕޯޓްސް ކުލަބާ އެއްވަރުކޮށް ގުރޫޕް 2 ގެ ދެވަނަ ޔަގީން ކޮށްގެންނެވެ.

ފުރަތަމަ ހާފު ގައި ބުރު ސްޕޯޓްސް އިން ފަސް ލަނޑު ޖެހިއިރު، ދެވަނަ ހާފުގައި ހަތަރު ރަތް ކާޑު ވެސް ފެނިގެންދިޔައެވެ. މެޗުގެ 52 ވަނަ މިނިޓުގައި ބުރު ސްޕޯޓްސްގެ ބިދޭސީ ފޯވަޑް ޕެޓްރޯވް ވަޑީމް އާއި ކެޕިޓަލް ސިޓީގެ އިސްމާއިލް މަމްދޫހް އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލި އިރު، އޭގެ ފަހުން ކެޕިޓަލް ސިޓީގެ އިބްރާހިމް ޝިފާޒް އާއި އިބްރާހިމް މާޒް ސައީދަށް ވެސް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.

ބުރު ސްޕޯޓްސް އިން ވަނީ ގުރޫޕް ސްޓޭޖުގެ ދެމެޗުވެސް ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ. މިރޭގެ މެޗުގައި އެޓީމުގެ އަބްދުﷲ ޝާފިއު (ޝާއްޕެ) ހެޓްރިކް ހެދިއިރު، ޕެޓްރޯވް ވަޑީމް އާއި އަހުމަދު ތަޝްމީން (ތައްތި) ގެ އިތުރުން ކެޕްޓަން ހުސެން ޝަރީފް (އޮންލީ) މިއިން ކޮންމެ ކުޅުންތެރިޔެއް ވަނީ ދެގޯލު ޖަހާފަ އެވެ. ހަމަ އެއާއެކު ބިދޭސީ ފޯވަޑް ރޯމަން ކުޑްޗެންކޯ އާއި ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް މުހައްމަދު އަތީފް ވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްފަ އެވެ.

ސެމީފައިނަލުގެ ޖާގަ ޔަގީން ވުމާއެކު ބުރު ސްޕޯޓްސް އިން ވަނީ އަންނަ ސީޒަނުގެ ދެވަނަ ޑިވިޝަނުން ވެސް ޖާގަ ހޯދާފަ އެވެ. މީގެ ކުރިން އެޓީމު ތިންވަނަ ޑިވިޝަނުގައި 10 ފަހަރު ވާދަކޮށްފައި ވާއިރު މިއީ ދެވަނަ ޑިވިޝަނަށް ޕްރޮމޯޓްވި ފުރަތަމަ ފަހަރެވެ.

ބުރު ސްޕޯޓްސް ކުލަބުން ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނީ މިއަދު ހަވީރު ކުޅުނު ކުއާޓާގެ ފުރަތަމަ މެޗުގައި ޓެންޓް ސްޕޯޓްސް ބަލިކުރި ކުލަބް 010 އާ އެވެ.

ކުއާޓާ ފައިނަލުގެ ފަހު ދެމެޗްގެ ކުޅުން މާދަމާ ކުރިޔަށް ދާނެއެވެ. ފުރަތަމަ މެޗުގައި ހަވީރު 4 ޖަހާއިރު ބައްދަލުކުރާނީ ލޮރެންޒޯ ސްޕޯޓްސް ކުލަބާއި އެލްޓީ ސްޕޯޓްސް ކުލަބެވެ. ދެވަނަ މެޗުގައި މާދަމާ ރޭ 8:30 ގައި ބައްދަލުކުރާނީ ކްލަބް ޓީނޭޖާއި ބިސްބުރު ސްޕޯޓްސް ކުލަބެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!