ފުރަތަމަ ސަފްޙާ / ޚަބަރު / ބިސްބުރު ބަލިކޮށް ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ހޯދައިފި

ބިސްބުރު ބަލިކޮށް ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ހޯދައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 24 އޮގަސްޓް 2021

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކުލަބު ހޯދައިފި އެވެ. ބުރު ސްޕޯޓްސް ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ބިސްބުރު ސްޕޯޓްސް ކުލަބް 11-0 އިން ބަލިކޮށްގެންނެވެ.

މިއީ ތިންވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ބުރު ސްޕޯޓްސް ކުލަބު ހޯދި ފުރަތަމަ ފަހަރެވެ. ކުލަބް އީގަލްސްގެ އެސިސްޓެންްޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ގެ އިރުޝާދުގެ ދަށުން މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދެއްކި ބުރު ސްޕޯޓްސް އިން ގުރޫޕް ސްޓޭޖުގެ ދެމެޗު ކާމިޔާބުކުރީ ޖުމްލަ 13 ލަނޑު ޖަހައިގެންނެވެ. ކުއާޓާ ފައިނަލުގައި 11-0 އިން ކެޕިޓަކް ސިޓީ ސްޕޯޓްސް ބަލިކުރިއިރު ސެމީ ފައިނަލުގައި ކްލަބް އޮންލީ ވަން އޮޕޮޗޫނިޓީ (ކްލަބް 010) ބަލިކުރީ 7-1 އިންނެވެ.

ޖެހި ގޯލުގެ ތަފާތުން ގުރޫޕް އެކެއްގެ ދެވަނަ ޓީމުގެ ގޮތުގައި ނޮކްއައުޓް ބުރަށް ދަތުރުކުރި ބިސްބުރު ސްޕޯޓްސް ކުލަބު ފައިނަލަށް އައީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. ކޯޗު އިބްރާހިމް ނިޔާޒުގެ އިރުޝާދުގެ ދަށުން އެޓީމުން ވަނީ ކުއާޓާގައި ވަރުގަދަ ޓީނޭޖް ބަލިކޮށް، ސެމީ ފައިނަލުގައި އެލްޓީ ސްޕޯޓްސް ކުލަބް ބަލިކޮށްފަ އެވެ.

ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ބުރު ސްޕޯޓްސް އިން ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. މެޗުގައި ބުރު ސްޕޯޓްސްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ޕެޓްރޯވް ވަޑީމް އާއި މުހައްމަދު ތަޝްމީން (ތައްތި) ގެ އިތުރުން ސޮބޮލް އިލިއާ އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ވަޑީމް މިމެޗުގައި ފަސް ލަނޑު ޖެހިއިރު ތައްތި އަދި ޝާއްޕެ ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެއް ލަނޑަކީ ބިސްބުރު ސްޕޯޓްސްގެ ޑިފެންޑަރ މުހައްމަދު އާމިރު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

Buru Sports Club showed no mercy in the final night, but hats-off to Biss Buru Sports Club for their very successful run in this year's third division, earning promotion and reaching the final as underdogs! ????????????

???? FAM pic.twitter.com/vosrmVxRo1

— Fahuminet (@fahuminet) August 24, 2021

އަނިޔާގެ ސަބަބުން ދެވަނަ ހާފުގައި ބިސްބުރުގެ ގޯލް ކީޕަރު އަބްދުﷲ ވިސާމްގެ ބަދަލުގައި އަލީ ސަމީރު ކުޅެން އެރުވިއިރު ، ބުރު ސްޕޯޓްސް ކުލަބުގެ އަބްދުﷲ އަރުޝަން ވެސް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާފަ އެވެ. ކުރިން ފުރަތަމަ ޑިވިޝަނުން ވެސް ފެނުނު އަރުޝަން ވަނީ މީގެ ކުރިން ވެސް ތިންވަނަ ޑިވިޝަނުގައި އެކި ފަހަރުމަތިން ބުރު ސްޕޯޓްސް ކުލަބުގެ ގޯލު ބަލަހައްޓާފަ އެވެ.

މީގެ ކުރިން ޓީސީ ސްޕޯޓްސް ކުލަބުން ފެނުނު ޒުވާން މިޑްފީލްޑަރ އިބްރާހިމް މައިސާން މިމެޗުގައި ބުރު ސްޕޯޓްސް ކުލަބުގެ ކެޕްޓަން ބޭންޑް އަޅައިގެ ކުޅުނު ނަމަވެސް ތަށި އުފުލާލީ އެޓީމުގެ މުހައްމަދު ރީހާނެވެ. ރީހާން މެޗުގައި ކުޅެން އެރީ ދެވަނަ ހާފުގެ 76 ވަނަ މިނިޓުގަ އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ވެސް ޗެމްޕިއަން ބުރު ސްޕޯޓްސް ކުލަބް ހޮވުނުއިރު، މޮޅު ކީޕަރުގެ މަގާމަށް ހޮވުނީ ބިސްބުރު ސްޕޯޓްސް ފައިނަލަށް ގެނައުމުގައި މުހިއްމު ދައުރެއް އަދާކުރި ކީޕަރު އަބްދުﷲ ވިސާމް އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުރިން ޒުވާން ގައުމީ ޓީމާއި، ފުރަތަމަ ޑިވިޝަނުގައި މާޒިޔާ އަދި ވިކްޓްރީ އަށް ވެސް ކުޅުނު ތައްތި އެވެ.

މުޅިން އަލަށް ކުލަބް ލައިސެންސިން ފުރިހަމަކޮށްގެން ކުރިޔަށް ގެންދިޔަ މިއަހަރުގެ ތިންވަނަ ޑިވިޝަން މުބާރާތުގެ ސެމީފައިނަލަށް ހޮވުނު ހަތަރު ޓީމަށް ވެސް ވަނީ އަންނަ އަހަރުގެ ދެވަނަ ޑިވިޝަނުން ފުރުސަތު ލިބިފަ އެވެ. ބުރު ސްޕޯޓްސް ކުލަބާއި ބިސްބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ދެވަނަ ޑިވިޝަނަށް ޕްރޮމޯޓް ވީ ކްލަބް 010 އަދި ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް ކްލަބެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!