ތިން އަހަރަށް ފަހު ރާއްޖޭގެ ތިން ވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތް އަންނަ އޭޕްރީލް މަހު ބާއްވަން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހުޅުވާލައިފި އެވެ.
އެފްއޭއެމް އިން މިއަދު އާއްމުކުރި އިއުލާނުގައި ބުނީ، ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމުތަކުން ފޯމު ފުރިހަމަ ކުރުމަށްފަހު 22 ޖަނަވަރީ 2026 ބާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.
މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމިއްޔާތަކަށެވެ. އަދި، މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފޯމު ފުރުމަށްފަހު އީމެއިލް ކުރަން ޖެހޭނީ league@famaldives.com އަށެވެ.
އެފްއޭއެމްއިން ބުނީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބެލުމަށްފަހު މުބާރާތް ކުޅޭނެ ގޮތާއި ފޯމެޓް ޓީމުތަކާ ހިއްސާކުރާނެ ކަމަށެވެ.
ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މިއަހަރު ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން އެ މުބާރާތް ބޭއްވީ 2022 ވަނަ އަހަރު އެވެ. އެ އަހަރުގެ ފައިނަލުގައި މަސް އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށް ތަށި އުފުލާލީ ލެގޫން ސްޕޯޓްސް ކްލަބުންނެވެ. އޭގެފަހުން ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، މަސް އޮޑި ސްޕޯޓްސް ކްލަބް އަންނަނީ އޮޑި ސްޕޯޓްސް ކްލަބަށް ރީބްރޭންޑްކޮށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުންނެވެ.
ތިން ވަނަ ޑިވިޝަން ނުބޭއްވި ދިގުލައިގެން ދިޔައީ ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު އޭރު އޮތް ގޮތުންނެވެ. އެގޮތުން، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ހިންގުމުގެ ދަށުން އެފްއޭއެމްގައި ކޮރަޕްޝަންގެ މައްސަލަތައް ގިނަވެ، އިދާރީ ހިންގުން ދޯދިޔާވެ ފުޓްބޯޅަ އެއްކޮށް ހުއްޓުނެވެ.
އެފްއޭއެމް އަލުން ހިނގައިގަތީ އަލަށް އެކުލަވާލީ މެނޭޖްމަންޓާ އެކު އެވެ. އެފްއޭއެމްގެ ރައީސްކަމާ، ގައުމީ ޓީމުގެ ކުރީގެ އެއް ނަންބަރު ފޯވާޑް އަހުމަދު ތޯރިގު ހަވާލުވެވަޑައިގެން ފުޓްބޯޅައިގެ ހަރަކާތްތައް މިހާރު ވަނީ ފަށައިފައެވެ. ރާއްޖޭގައި މިހާރު ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ސީޒަން ކުރިއަށްދާއިރު، ދާދިފަހުން ވިމެންސް ލީގު ވެސް ވަނީ ބާއްވާފަ އެވެ. އަދި، ފުޓްސަލް ޓީމުތައް މިހާރު އަންނަނީ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ތައްޔާރުވަމުންނެވެ.