ތިންވަނަ ޑިވިޝަން ފުޅުބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފި އެވެ.
އެލްޓީ ސްޕޯޓްސް އާއި ލޮރެންޒޯ ސްޕޯޓްސް މިއަދު ހަވީރު ބައްދަލުކުރި ކުއާޓާ ފައިނަލް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. މެޗުގެ ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، އެލްޓީ ސްޕޯޓްސް ކުލަބުން ލޮރެންޒޯގެ މައްޗަށް ކުރިހޯދީ 3-2 އިންނެވެ.
އެލްޓީ ސްޕޯޓްސްއަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ ސާމިން މުހައްމަދު ނަސީރާއި އިސްމާއިލް ވަޖީހު އަދި ފުޓްސަލް ތަރި މުހައްމަދު ލިޔާހެވެ. އަހުމަދު އިނާދު ގެ ޕެނަލްޓީ ލޮރެންޒޯގެ ކީޕަރު އަހުމަދު ސައިފް ދިފާއު ކުރިއިރު ކެޕްޓަން ނިޝާން އަލީ ފޮނުވާލި ޕެނަލްޓީ ގޯލާ އަމާޒެއް ނުވެއެވެ. ލޮރެންޒޯ ސްޕޯޓްސްގެ އަހުސަން ތަހުސީނާއި އާދަމް ނުޒައިރުގެ އިތުރުން މުހައްމަދު ޝަފްރާޒްގެ ޕެނަލްޓީ ނާކާމިޔާބު ވިއިރު، އެޓީމުން ޕެނަލްޓީ ކާމިޔާބުކުރީ އަލީ ރިސްވާން އަހުމަދާއި މުހައްމަދު ނާއިލް އެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދުމުގެ އިތުރުން އެލްޓީ ސްޕޯޓްސް ކުލަބު ވަނީ އަންނަ ސީޒަނުގެ ދެވަނަ ޑިވިޝަނުން ވެސް ޖާގަ ޔަގީން ކޮށްފަ އެވެ.
ގުރޫޕް 2ގެ އެއްވަނަ ހޯދައިގެން ލޮރެންޒޯ ސްޕޯޓްސް ކުލަބް ކުއާޓާއަށް އައިއިރު އެލްޓީ ސްޕޯޓްސް ކުލަބުން ކުއާޓާފައިނަލަށް ދަތުރުކުރީ ގުރޫޕް 3ގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
ރާއްޖޭގެ ފުރަތަމަ ގޯލްޑް ކެޕްޓަން އައްސަދު އަބްދުލް ޣަނީގެ ކޯޗުކަމުގެ ދަށުން ކުޅޭ އެލްޓީ ސްޕޯޓްސް ކުލަބު ސެމީ ފައިނަލުގައި ވާދަކުރާނީ މިރޭ ކުޅޭ ކުއާޓާގެ ފަހު މެޗުން މޮޅުވާ ޓީމަކާއެވެ. މިރޭ 8:30 ގައި ކުޅޭ މިމެޗުގައި ބައްދަލުކުރާނީ ކްލަބް ޓީނޭޖާއި ބިސްބުރު ސްޕޯޓްސް އެވެ.