ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން މިއަދު ހަމަޖައްސައިފި އެވެ.
ސުޒޭންގެ އެސިސްޓެންޓުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ކުރީގެ ހުނަރުވެރި ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) އާއި ކްލަބް ވެލެންސިއާ އާއި އައިއެފްސީގެ އެސިސްޓެންޓް ކޯޗުކަން ކުރި މުހައްމަދު ޝާހިދު (ޝާޑު) އެވެ. 23 އަހަރުން ދަށުގެ ކޯޗިން ޓީމަށް ބަދަލުތަކެއް އައިއިރު ކުރިން އެ މަގާމުގައި ހުރީ ސުޒޭނާ އެކު ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހުރި ނެދަލެންޑްސްގެ ރެނޭ ހިންޑިންކް އެވެ. 23 އަހަރުން ދަށުގެ ޓީމާ ހަވާލުވިއިރު ސުޒޭން މިހާރު ވެސް ހުރީ ސީނިއާ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގަ އެވެ. އެނގިފައިވާ ގޮތުގައި މި މަގާމާ އެކު ސުޒޭން ސީނިއާ ޓީމުގެ ޒިންމާ ވެސް އުފުލާނެ އެވެ.
ޒުވާން ގައުމީ ޓީމަށް އެންމެ އަވަހަށް އޮތް މުބާރާތަކީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އެވެ. އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 23 އިން 31 އަށެވެ. ރާއްޖޭގެ އިތުރުން މި ގްރޫޕްގައި ހިމެނެނީ ބަހުރޭން، އަފްގާނިސްތާން އަދި އިރާގް އެވެ. 23 އަހަރުން ދަށުގެ އޭޝިއަން ކަޕުން ފުރުސަތު ލިބޭނީ 11 ގްރޫޕުން އެއް ވަނަ ހޯދާ ގައުމުތަކަށާއި އެއިން ކޮންމެ ގްރޫޕަކުން ދެ ވަނަ ހޯދާ ގައުމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ހަތަރު ގައުމަށެވެ.
ރާއްޖޭގެ ކްލަބްތަކާއި ގައުމީ ޓީމުން ކުރިއަށް އޮތް ތިން މަސްތެރޭ ބައިނަލްއަގްވާމީ ތިން މުބާރާތެއްގައި ވާދަކުރާނެ އެވެ. އެންމެ ފުރަތަމަ އޮތީ މި މަހުގެ 15 އިން 24 އަށް ގަލޮޅު ދަނޑުގައި ކުޅޭ އޭއެފްސީ ކަޕްގެ މެޗުތަކެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ވާދަކުރާއިރު މި މަހުގެ 15 ވަނަ ދުވަހު ކުޅޭ ޕްލޭއޮފް މެޗުގައި ބެންގަލޫރު ބަލިކޮށްފި ނަމަ ކްލަބް އީގަލްސް އަށް ވެސް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ގްރޫޕުން ފުރުސަތު ލިބޭނެ އެވެ. އޭއެފްސީ ކަޕަށް ފަހު ރާއްޖޭގެ ސީނިއާ ޓީމު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާނެ އެވެ. އޮކްޓޫބަރު 01 އިން 13 އަށް އެ މުބާރާތް ވެސް އޮންނާނީ މާލޭގަ އެވެ. ސާފް ޗެމްޕިއަންޝިޕަށް ފަހު ދެން އޮންނާނީ 23 އަހަރުން ދަށުގެ އޭއެފްސީ ކަޕްގެ ކޮލިފައިން މެޗުތަކެވެ.
We have appointed @alisuzain as the head coach of U-23 men’s team. His two assistant coaches will be Sobah and Shaad.
Welcome back to both assistant coaches. #towardsfuture #U23qualifiers pic.twitter.com/aMjmPg9enA
— Bassam Adeel Jaleel (@bassam_jaleeI) August 10, 2021
ސުޒޭނަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ އަދި އެންމެ ކާމިޔާބު އެއް ކޯޗެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ގައުމީ ޓީމުތަކުގަޔާއި އެފްއޭއެމްގައި މަސައްކަތްކޮށްފަ އެވެ. ސުޒޭން ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ގައުމީ ސީނިއާ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ އިތުރުން 2007 ވަނަ އަހަރު 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަންކޮށްފަ އެވެ. އޭގެ ފަހުން ސުޒޭން ވަނީ އެފްއޭއެމްގައި ވެސް މަސައްކަތްކޮށްފަ އެވެ.
ކޯޗިން ކެރިއަރުގެ ކުރީކޮޅު އަތޮޅުތެރޭގެ ޓީމުތަކުން ވެސް ފެނުނު ސުޒޭން ވަނީ ފުރަތަމަ ޑިވިޝަނުގައި ވިކްޓްރީ ސްޕޯޓްސް ކްލަބާއި މާޒިޔާގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މި ދެޓީމުގައި ވެސް ސުޒޭން ވަނީ ދިވެހި ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި، މާޒިޔާއާ އެކު 2015 އަދި 2016 ވަނަ އަހަރު ޗެރިޓީ ޝީލްޑް ސުޒޭން ކާމިޔާބުކުރި އެވެ. 2017 ވަނަ އަހަރު ގދ. ތިނަދޫ ފުޓްބޯޅަ ޓީމަށް އިރުޝާދުދީ އެ ކްލަބަށް ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ސުޒޭން ފުރުސަތު ހޯދައިދިނެވެ.
ކްލަބް ލެވެލްގައި އެންމެ ފަހުން ކްލަބް ގްރީން ސްޓްރީޓްސް އަށް ކޯޗުކަން ކޮށްދިނުމަށް ފަހު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމާ ސުޒޭން ހަވާލުވީ މިދިޔަ އަހަރުގެ ފެބްރުއަރީ 8 ވަނަ ދުވަހު އެވެ. މިދިޔަ ދުވަސްތަކުގައި އެފްއޭއެމުން ފުޓްބޯޅައިގެ ކުރިއެރުމަށް ކުރި ގިނަ މަސައްކަތްތަކެއްގައި ސުޒޭން ވަނީ އަމަލީގޮތުން ބައިވެރިވެފަ އެވެ.