ފައިނަލުގައި 2-1 އިން ސްޕެއިން ބަލިކޮށް ޓޯކިޔޯ އޮލިމްޕިކްސް ފިރިހެން ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން ބްރެޒިލުން ދިފާއުކޮށްފި އެވެ.
ޖަޕާނުގައި ކުޅުނު މެޗުން ބްރެޒިލް ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެޓީމު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފަހު ހާފުގައި ޖެހި ލަނޑުން މޮޅުވެގެންނެވެ.
މެޗުގެ ކުރީކޮޅު ބްރެޒިލުން ވަނީ މޮޅަށް ކުޅެ ސްޕެއިންގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އަދި ބްރެޒިލަށް ވަނީ މެޗުގައި ލީޑު ނަގަން ޕެނަލްޓީއެއް ލިބި ބޭކާރުވެފަ އެވެ. އެކަމަކު 38 ވަނަ މިނެޓުގައި ރިޗާލިސަން ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ޑެނީ އަލްވޭސްގެ އެހީތެރިކަމާ އެކު ބްރެޒިލަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ މަތެއަސް ކުންޔާ އެވެ. މެޗުގެ 61 ވަނަ މިނެޓުގައި ސްޕެއިނަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ޖަހައިދިނީ މިކެލް އޮޔާޒަބަލް އެވެ. އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ 108 ވަނަ މިނެޓުގައި ބްރެޒިލް މޮޅުވީ މަލްކޮމް ޖެހި ލަނޑުންނެވެ.
އަމިއްލަ ގައުމުގައި 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން ބްރެޒިލް ހޯދީ ފައިނަލުގައި ޖަރުމަނު ބަލިކޮށްގެންނެވެ. ދެ ރަން މެޑަލްގެ އިތުރުން އޮލިމްޕިކްސްގައި ބްރެޒިލް ވަނީ ތިން ރިހި މެޑަލް އާއި ދެ ބްރޯންޒް މެޑަލް ހޯދައިފަ އެވެ. ރިހި މެޑަލް ހޯދީ 1984، 1988 އަދި 2012 ވަނަ އަހަރު އެވެ. ބްރޯންޒް ލިބުނީ 1996 ވަނަ އަހަރާއި 2008 ވަނަ އަހަރު އެވެ. ސްޕެއިނަށް އޮލިމްޕިކްސްގެ ހަމައެކަނި ރަން މެޑަލް ލިބުނީ 1992 ވަނަ އަހަރު އެވެ.
މުބާރާތުގެ އަންހެން ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން ސްވިޑެން ބަލިކޮށް ހޯދީ ކެނެޑާ އެވެ. އެޓީމުން ރަން މެޑަލް ކަށަވަރުކުރީ ފައިނަލް މެޗުގެ ކުޅުން ނިމުނުއިރު 1-1 އިން ދެޓީމު އެއްވަރުވެގެން ޖެހި ޕެނަލްޓީގައި 2-3 އިން ކުރި ހޯދައިގެންނެވެ. މިއީ ވިމެންސް ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން އޮލިމްޕިކްސްގައި ކެނެޑާ އަށް ލިބުނު ފުރަތަމަ ފަހަރެވެ.