ފުރަތަމަ ސަފްޙާ / ޚަބަރު / ބްރެޒިލުން އޮލިމްޕިކް ފުޓްބޯޅައިގެ ގޯލްޑް ދިފާއުކުރަން މިއަދު ސްޕެއިންއާ ވާދަކުރަނީ

ބްރެޒިލުން އޮލިމްޕިކް ފުޓްބޯޅައިގެ ގޯލްޑް ދިފާއުކުރަން މިއަދު ސްޕެއިންއާ ވާދަކުރަނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 7 އޮގަސްޓް 2021

ޖަޕާންގެ ޓޯކިޔޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ ފުޓްބޯޅަ އިވެންޓްގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ބްރެޒިލް އާއި ސްޕެއިން ބައްދަލުކުރާނެ އެވެ. މިއީ މި ދެޓީމްގެ ކުރިމަތިލުމެއް އޮލިމްޕިކްސްގެ މި އިވެންޓްގެ ފައިނަލްގައި ފެންނަ ފުރަތަމަ ފަހަރެވެ.

ބްރެޒިލް ފައިނަލުގެ ޖާގަ އެއް ކަށަވަރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި މެކްސިކޯއާ ދެކޮޅަށް ކުޅެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ނިމުނުއިރު މެޗު 0-0 އިން އެއްވަރުވުމުން ނަތީޖާ ނެރެން ޖެހި ޕެނަލްޓީން 4-1 އިން ކުރި ހޯދައިގެންނެވެ. ސްޕެއިން އިން ފައިނަލުގެ ދެ ވަނަ ޖާގަ ކަށަވަރުކުރީ މުބާރާތް ބާއްވާ ޖަޕާން 1-0 އިން ސެމީގައި ބަލިކޮށްގެންނެވެ.

މިއީ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގެ ފައިނަލްގައި ބްރެޒިލް ވާދަކުރާ ފަސް ވަނަ ފަހަރެވެ. މީގެ ކުރިން ކުޅުނު ހަތަރު ފައިނަލުގެ ތެރެއިން 1984، 1988 އަދި 2012 ވަނަ އަހަރުގެ ފައިނަލުގައި ބްރެޒިލް ބަލިވީ އެވެ. އެކަމަކު އަމިއްލަ ގައުމުގައި ކުޅެ 2016 ވަނަ އަހަރުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޖަރުމަނު ބަލިކޮށް ބްރެޒިލް ވަނީ ފުރަތަމަ ފަހަރަށް މުބާރާތް ކާމިޔާބުކޮށްފަ އެވެ. މިއަދުގެ މޮޅާ އެކު މިއީ ބްރެޒިލް ޖެހިޖެހިގެން އޮލިމްޕިކްސް ފައިނަލަށް ދަތުރުކުރި ތިން ވަނަ ފަހަރެވެ.

ސްޕެއިން ވަނީ މީގެކުރިން 1920 ވަނަ އަހަރާއި 2000 ވަނަ އަހަރުގެ އޮލިމްޕިކްސް ފައިނަލުގައި ކުޅެފަ އެވެ. ފުރަތަމަ ފައިނަލުގައި ބެލްޖިއަމް އަތުން ބަލިވިއިރު ދެ ވަނަ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކެމަރޫން އަތުން ބަލިވީ އެވެ. މިއީ 2000 ވަނަ އަހަރަށް ފަހު ސްޕެއިން އޮލިމްޕިކްސްގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ފިރިހެނުންގެ ފުޓްބޯޅަ އިވެންޓުން ބްރޯންޒް މެޑަލް ލިބޭ ޓީމެއް ކަނޑައެޅުމަށް އިއްޔެ ކުޅުނު މެޗްގައި ޖަޕާން އާ ވާދަކޮށް މެކްސިކޯ އިން ވަނީ ކުރި ހޯދައިފަ އެވެ. މެކްސިކޯ އިން ބްރޯންޒް މެޑަލް ކަށަވަރުކުރީ 1-3 އިން ޖަޕާން ބަލިކޮށްގެންނެވެ.

އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ އިވެންޓްގެ ފައިނަލްގައި ސްވިޑަން އާ ކެނަޑާ ވާދަކޮށް ރަން މެޑަލް ހޯދީ ކެނަޑާ އެވެ. މި މެޗުން ކެނަޑާ މޮޅުވީ ސްވިޑަން އިން ލަނޑެއް ޖަހައި ކުރި ހޯދައިފައިވަނިކޮށް ކެނަޑާއިން މެޗްގެ ނަތީޖާ ހަމަހަމަކުރުމާއެކު  ޕެނަލްޓީ ޖަހައިގެންނެވެ. މި އިވެންޓުން ބްރޯންޒް މެޑަލް ހާސިލްކުރީ ތިންވަނަ ހޮވަން ކުޅުނު މެޗްގައި 3-4 އިން އޮސްޓްރޭލިއާ ބަލިކުރުމަށްފަހު އެމެރިކާ އެވެ.

މިއަދު ހަވީރު ކުޅެން ހަމަޖެހިފައިވާ ފިރިހެނުންގެ ފައިނަލް މެޗް ފަށާނީ ރާއްޖޭގެ ގަޑިން16:30 ގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!