ފުރަތަމަ ސަފްޙާ / ޚަބަރު / ބެންގަލޫރު މެޗަށް އީގަލްސް އިން ސެންޓޭ، އީސަ އަދި ބަކާ ގެނެސްފި
ފަހުމިނެޓް

ބެންގަލޫރު މެޗަށް އީގަލްސް އިން ސެންޓޭ، އީސަ އަދި ބަކާ ގެނެސްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 27 ޖުލައި 2021

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖަށް ކޮލިފައިވާން އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް އަންނަ މަހު ކްލަބް އީގަލްސް އިން ކުޅެން ހަމަޖެހިފައިވާ ޕްލޭއޮފް މެޗަށް އަލީ ފާސިރު (ސެންޓޭ) އާއި އިސްމާއީލް އީސާ (މެސީ) އަދި މުހައްމަދު އާރިފް (ބަކާ) އެޓީމަށް ގެނެސްފި އެވެ.

މި ތިން ކުޅުންތެރިންގެ ތެރެއިން ބަކާ އާއި އީސަ މިހާރު އަންނަނީ އީގަލްސް ޓީމާ އެކު ފަރިތަކުރަމުންނެވެ. ސެންޓޭ އީގަލްސްގެ ފަރިތަކުރުންތަކާ ގުޅިފައި ނުވިނަމަވެސް ވަރަށް އަވަހަށް ޓީމާ ގުޅޭނެކަމަށް ބެލެވެ އެވެ. މި ތިން ކުޅުންތެރިންގެ އިތުރުން، އިތުރު ކުޅުންތެރިން ހޯދުމުގެ މަސައްކަތް ވެސް އީގަލްސް އިން އަންނަނީ ކުރަމުންނެވެ. މިއީ ޕްލޭއޮފް މެޗުން މޮޅުވެއްޖެ ނަމަ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅެވޭ ގޮތަށް އީގަލްސް އިން ހަދާ ޓްރާންސްފާ ތަކެކެވެ.

އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗުގައި އިންޑިއާގެ ގަދަބާރު ބެންގަލޫރާ ދެކޮޅަށް ގަލޮޅު ދަނޑުގައި އީގަލްސް ނުކުންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. ގަލޮޅު ދަނޑުގައި ކުޅޭ އެއް ލެގުގެ އެ މެޗުން އީގަލްސް މޮޅުވެއްޖެ ނަމަ އެޓީމު އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ސަރަހައްދަށް ނިސްބަތްވާ ގްރޫޕް ޑީ އިން ފުރުސަތު ލިބޭނެ އެވެ. މި ގްރޫޕްގައި މިހާރު ހިމެނެނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ.

އީސަ (ކ) އަދި ބަކާ މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީގެ ޖާޒީގައި. މި ދެކުޅުންތެރިން ވެސް ވަނީ އޭއެފްސީ ކަޕްގެ މެޗުތަކަށް އީގަލްސް އަށް ބަދަލުވެފަ. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ޕްލޭއޮފްގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އީގަލްސް ވަނީ މާލޭގައި 0-2 އިން ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށްފަ އެވެ. ކޮލިފައިންގެ ދެ ވަނަ މެޗުގައި އީގަލްސް ވާދަކުރަން އޮތީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ. އެކަމަކު ކޮވިޑްގެ ހާލަތާއި ގުޅިގެން ޑާކާ އަބަހާނީ އަށް މެޗު ކުޅެން ތަކުރާރުކޮށް ދިން ފުރުސަތުގެ ބޭނުން ނުހިފުމުން އީގަލްސް އަށް އެ މެޗު ލިބި ސީދާ ޕްލޭއޮފަށް ކޮލިފައިވީ އެވެ.

އީގަލްސް އަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބުނީ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ޓީމުގެ ހައިސިއްޔަތުންނެވެ. މިއީ އެ ކްލަބުން އޭއެފްސީ ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މި ގްރޫޕުގެ މެޗުތައް އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހު ކުޅޭގޮތަށް ހަމަޖެހިފައިވަނީ މާލޭގަ އެވެ. އެންމެ ފަހުން ރާއްޖޭގައި ކުޅެން އޮތް ގްރޫޕް ސްޓޭޖުގެ މެޗުތައް އެކި ކޮވިޑާ ގުޅިގެން އުފެދިގެން އައި އެކި ގޮންޖެހުންތަކާ އެކު ކެންސަލްކުރީ އެވެ. މިއީ ރާއްޖޭން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ހޯސްޓްކުރަން ބިޑް ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ.

މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާގައި މޮޅު ކުޅުމެއް ސެންޓޭ ދެއްކިއިރު އޭގެ ކުރީ ސީޒަނުގައި ސެންޓޭ ކުޅުނީ އީގަލްސް އަށެވެ. އީގަލްސް އަށް އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޖާގައެއް ލިބުނުއިރު ސެންޓޭ ވަނީ ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އީސަ އަކީ މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީ އަދި އޭގެ ކުރީ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. އުފެއްދުންތެރި މި މިޑްފީލްޑަރު ވަނީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ވެސް އީގަލްސް އަށް ކުޅެފަ އެވެ. ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ ބަކާ ވަނީ 2012 ވަނަ އަހަރާއި 2017 ވަނަ އަހަރު އީގަލްސް އަށް ކުޅެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!