ބަންގްލަދޭޝްގައިބަޝުންދަރާ ކިންގްސް އާ ވާދަކޮށް 2-1 އިން ބަލިވެ، ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އަށް އޭއެފްސީ ކަޕް މުބާރާތުގެ ދެ ވަނަ ބުރުގެ ފުރުސަތު ގެއްލިއްޖެ އެވެ.
އިއްޔެ ބަންގްލަދޭޝްގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ މާޒިޔާ އެވެ. މި ގޯލު މެޗުގެ 11 ވަނަ މިނިޓުގައި ޖަހައިދިނީ އޭއެފްސީ ކަޕަށް އެޓީމަށް ގެނައި ގާނާގެ މިޑްފީލްޑަރު އޮބެންގް ރޭގަން އެވެ.
މާޒިޔާގެ މެޗުތައް ބަލާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ގިނަ ބަޔަކު ދެކޭގޮތުގައި ވެސް މާޒިޔާ އަށް މި ސީޒަންގައި ގެނައި ބިދޭސީ އެތަކެއް ކުޅުންތެރިންގެ ތެރެއިން ވެސް ޓީމަށް އެންމެ ފައިދާ ހުރި ކުޅުމެއް ދައްކާ ކުޅުންތެރިއަކީ ރޭގަން އެވެ.
ބަޝުންދަރާ އިން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ ފަހު 10 މިނެޓުތެރޭގަ އެވެ. އެއްވަރުކުރި ގޯލު 80 ވަނަ މިނެޓުގައި ޖަހައިދިނީ އެޓީމަށް ކުޅޭ އުޒްބަކިސްތާނުގެ ޑިފެންޑަރު ބޮބޫބެކް ޔުލްޑަޝޯވް އެވެ. އަދި 88 ވަނަ މިނިޓުގައި މޮޅުކޮށްދިން ގޯލު ޖެހީ ބްރެޒިލްގެ ޒުވާން މިޑްފީލްޑަރު މިގޭލް ފިގުއޭރާ އެވެ.
މާޒިޔާ ވަނީ އޭއެފްސީ ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ގަލޮޅު ދަނޑުގައި 3-1 އިން ބަޝުންދަރާ ބަލިކޮށްފަ އެވެ. އެއަށް ފަހު އިންޑިއާގައި މޯހަން ބަގާނާ ދެކޮޅަށް ކުޅެ 2-1 އިން ބަލިވިއިރު، އޮޑީޝާ އަތުން ބަލިވީ 6-1 އިންނެވެ. އަދި މި މަހު ކުރީކޮޅު ގަލޮޅު ދަނޑުގައި ވަނީ އޮޑީޝާ އަތުން 3-2 އިން ބަލިވެފަ އެވެ.

މާޒިޔާ އާއި ބަޝުންދަރާ ބައްދަލުކުރި މެޗުގެ ތެރެއިން. ބަޝުންދަރާ މޮޅުވީ ފަހަތުން އަރައި 2-1 އިން. ފޮޓޯ: ބަޝުންދަރާ
ގުރޫޕް ސްޓޭޖުގައި މާޒިޔާ އަށް ބާކީ އޮތީ އަންނަ މަހު ގަލޮޅު ދަނޑުގައި މޯހަން ބަގާނާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް މާޒިޔާ މިއަހަރުގެ އޭއެފްސީ ކަޕް ނިންމާލާނީ ގުރޫޕްގެ ފުލުގައި އޮވެ އެވެ.
ގުރޫޕްގެ އެއް ވަނައިގައި އޮތީ 10 ޕޮއިންތް ހޯދާފައިވާ ބަޝުންދަރާ ކިންގްސް އެވެ. އިއްޔެ 5-2 އިން މޯހަން ބަގާން ބަލިކުރި އޮޑިޝާ ދެ ވަނައިގައި އޮތީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. މޯހަން ބަގާނަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ.
ގްރޫޕްގެ އެއް ވަނަ ހޯދަން ފަހު މެޗުގައި ބައްދަލުކުރާނީ އޮޑިޝާ އާއި ބަޝުންދަރާ އެވެ. ނޮކައުޓް ބުރަށް ދާނީ ގުރޫޕްގެ އެއްވަނަ ހޯދާ ޓީމެކެވެ.ިމިއީ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި މާޒިޔާ ވާދަކުރާ ނުވަ ވަނަ ފަހަރެވެ. ފާއިތުވި ތިން ސީޒަނުގައި ރާއްޖޭގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އަށް މި ސީޒަންގައި ވެސް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެބަ އޮތެވެ.
މި ސީޒަންގައި މާޒިޔާ ނުކުތީ ރާއްޖޭގެ ގައުމީ ޓީމުގެ މެޖޯރިޓީ ކުޅުންތެރިންގެ ސޮއި ހޯދައިގެންނެވެ. އަދި އޭއެފްސީ ކަޕަށް ތައްޔާރުވާން އެޓީމުނން ބިދޭސީ ހަ ކުޅުންތެރިންގެ ސްލޮޓު ވެސް ފުރިހަމަ ކުރި އެވެ. އޭއެފްސީ ކަޕްގެ ކުރިން ގެނައި ބައެއް ބިދޭސީ ކުޅުންތެރިންގެ ކުޅުން ކަމުނުގޮސްގެން ފޮނުވާލައިފައި ވެސް ވެއެވެ.
މާޒިޔާ އިން ސީޒަން ފެށީ ބަލްގޭރިއާގެ ކޯޗު އިވާން ވެންކޯވް ކޮލޭވް އާއެކު އެވެ. ނަމަވެސް އޭއެފްސީ ކަޕް ފެށުމުގެ ކުރިން އޭނާ މަގާމުން ވަކިކޮށް، ބޮސްނިއާގެ މިލޯމިރު ސެސްލިއާ (މިލޯ) އާ ޓީމު ހަވާލު ކުރި އެވެ. ނަމަވެސް ބޭނުންވި ނަތީޖާއާ ގާތަށް ވެސް ނުދެވުނެވެ.
ދިވެހި ލީގުގެ ފެންވަރު ދަށްވުމުން ސަރަހައްދީ މުބާރާތުގައި ނަތީޖާ ދަށްވޭ
އޭއެފްސީ ކަޕްގައި ރާއްޖޭގެ ޓީމުތަކުގެ ނަތީޖާ ދަށްވާ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ބޮއްސުންލާފައިވާ ލީގު ސިސްޓަމެވެ. ގިނަ ޓީމުތައް ލީގުގައި ކުޅެނީ ޓީމަށް ސަސްޕެންޝަނެއް އަންނަން ބޭނުން ނުވާތީ “ގަދަކަމުން” ނެވެ.
ވާދަވެރިކަން ގެއްލިފައިވާ ދިވެހި ޕްރިމިއާ ލީގުގައި އާއްމުކޮށް ލީގަށް ވާދަކުރަނީ ވެސް ދެ ޓީމެކެވެ. ދެން ތިބޭ ޓީމުތަކުގެ އަމާޒަކަށް ވެފައި އޮންނަނީ މެޗަކަށް ފަހު މެޗެއްގައި ނަތީޖާ ރަނގަޅުކުރުން ނޫނީ ރެލިގޭޝަނުން ސަލާމަތް ވުމެވެ.
މި ސީޒަންގައި ދިވެހި ޕްރިމިއާ ލީގުގައި ރެލިގޭޝަނެއް ނެތްއިރު، ދެ ޓީމެއް ވަނީ ލީގުން ވަކިވެފަ އެވެ. މިއާ އެކު ލީގު ކުޅެމުން އަންނަނީ ހަ ޓީމާ އެކު އެވެ.
މާޒިޔާ މިއަހަރުގެ އޭއެފްސީ ކަޕް ފުރަތަމަ މެޗު ކުޅުނީ، އޮގަސްޓް 23 ވަނަ ދުވަހު ލީގު މެޗެއް ކުޅެ، އެއް މަސް ދުވަހުގެ ބްރޭކަކަށް ފަހު އެވެ.
ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބަޝުންދަރާ ބަލިކޮށް މާޒިޔާގެ ފޯމު ދެމެހެއްޓި ނަމަވެސް، އޮކްޓޫބަރު މަހު އިންޑިއާގައި ކުޅުނު ދެ މެޗުން އެޓީމު ބަލިވީ އެވެ. އެއަށް ފަހު މި މަހުގެ ހަތްވަނަ ދުވަހު މާލޭގައި އޮޑީޝާ އަތުން ބަލިވީ މާޒިޔާ ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށެވެ. އޭގެ ފަހުން، އިއްޔެ ބަޝުންދަރާއާ ދެކޮޅަށް ކުޅުމުގެ ކުރިން މާޒިޔާ އަށް ކުލެލަން ލިބުނު ހަމައެކަނި މެޗަކީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާ ދެކޮޅަށް ކުޅުނު މެޗެވެ.
އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖުގެ ފަހު މެޗުގެ ކުރިން މާޒިޔާ، ދިވެހި ލީގުގައި އެއް މެޗު ކުޅޭނެ އެވެ. އެއީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ މެޗެވެ.
ލީގުގައި ކުޅޭ އެންމެ ފަހު ދެ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަދި ވާދަވެރި ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނާނީ، އޭއެފްސީ ކަޕް ފަހު މެޗުގައި މޯހަން ބަގާނާ ދެކޮޅަށް ކުޅުމަށް ފަހު އެވެ.