ރޯމާގެ އާ ކޯޗް ޕޯޗްގަލްގެ ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗް 0-10 އިން ކާމިޔާބުކޮށްފި އެވެ. އިއްޔެ ރޯމާ އިން ކުޅުނު މި މެޗްގައި އެ ޓީމުން ވާދަކޮށްފައިވަނީ އިޓަލީގެ ހަތަރު ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ މޮންޓެކާޓިނީއާ އެވެ.
ކުރިން ރެއާލް މެޑްރިޑާއި، މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ޗެލްސީ އަދި އިންޓަ މިލާނަށް ވެސް ކޯޗްކޮށްދީފައިވާ މޮރީނިއޯ އިޓަލީގެ ރޯމާ އާ ހަވާލުވީ މިދިޔަ މެއި މަހުގެ ތެރޭގަ އެވެ. މޮރީނިއޯ އެންމެ ފަހުން އިރުޝާދުދިން ކްލަބަކީ އިނގިރޭސި ވިލާތުގެ ޓޮޓެންހަމެވެ.
މޮރޯނިއޯގެ އިރުޝާދުގެ ދަށުން ރޯމާ ކުޅޭ ވާދަވެރި ފުރަތަމަ މެޗަކަށް ވާނީ އަންނަ އޯގަސްޓް މަހު ފަށާ އިޓާލިއަން ލީގުގައި އެ ޓީމުން ކުޅޭ ފުރަތަމަ މެޗެވެ. އެ މެޗްގައި ރޯމާ ވާދަކުރާނީ ފޮއޮރެންޓީނާ އާއެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރޯމާއިން ކުޅުނު ފުރަތަމަ މެޗްގައި އެ ޓީމުން 10 ގޯލް ކާމިޔާބުކުރި އިރު ކޮންމެ ހާފެއްގައި އެ ޓީމުން ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. މި މެޗްގައި ލޯން އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑުން ރޯމާއަށް ބަދަލުވި ބޯޖާ މަޔޮރާލް ވަނީ ހެޓްރިކް ހަދައިފަ އެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރޯމާ ކުޅޭ ދެވަނަ މެޗްގައި ވާދަކުރަން ހަމަޖެހިފައިވަނީ ދެވަނަ ޑިވިޝަންގެ ޓީމަކާ އެވެ. މިފަހަރުގެ ޕްރީ ސީޒަންގައި ރޯމާއިން މޮރީނިއޯ ކުރިން ކޯޗްކޮށްދިން ކްލަބެއް ކަމަށްވާ ޕޯޓޯގެ އިތުރުން ރެއާލް ބެޓިސްއާ ދެކޮޅަށްވެސް ރަހްމަތްތެރިކަމުގެ މެޗް ކުޅެން ވަނީ ރާވައިފަ އެވެ.