ފުރަތަމަ ސަފްޙާ / ޚަބަރު / ތަކުރާރުކޮށް ބާގީއަށް ގޮވުމުން މޮރީނިއޯ ހިތުގަ ޖެހިއްޖެ
ތަކުރާރުކޮށް ބާގީއަށް ގޮވުމުން މޮރީނިއޯ ހިތުގަ ޖެހިއްޖެ
ޕޯޓޯއާ ދެކޮޅަށް ބެންފީކާ ކުޅުނު މެޗުގައި، ރެފްރީ މޮރީނިއޯއާ ވާހަކަދައްކަނީ. އެ މެޗުގައި މޮރީނިއޯ އަށް ވަނީ ރަތް ކާޑު ދައްކާފައި

ތަކުރާރުކޮށް ބާގީއަށް ގޮވުމުން މޮރީނިއޯ ހިތުގަ ޖެހިއްޖެ

ފަހުމިނެޓް
ފަހުމިނެޓް
9 ގަޑިއިރު ކުރިން 10 މާރޗް 2026

ޕޯޗުގީޒް ލީގުގައި ބެންފީކާ އާއި ޕޯޓޯ ބައްދަލުކުރި މެޗުގައި ޕޯޓޯގެ އެސިސްޓެންޓް ކޯޗު ހޯސޭ މޮރީނިއޯއާ ދިމާލަށް 50 ފަހަރު ބާގީއަށް ގޮވުމުން މޮރީނިއޯ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

ޕޯޓޯގެ ދަނޑުގައި ކުޅުނު މި މެޗު 2-2 އިން އެއްވަރުވެގެން ނިމުނުއިރު މޮރީނިއޯ ކޯޗުކަން ކޮށްދެމުން އަންނަ ބެންފީކާ އިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ޕޯޓޯއިން ދެ ލަނޑު ޖަހާފައި އޮއްވަ އެވެ. މިމެޗުގެ ފަހު ކޮޅު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން މޮރީނިއޯ އަށް ވަނީ ރަތް ކާޑުދައްކައި ބެންޗުން ފޮނުވައިވެސް ލައިފަ އެވެ.

މޮރީނިއޯއަށް ރަތް ކާޑު ދައްކާފައި ވަނީ މެޗުގެ ނަތީޖާ ބެންފީކާ އިން ހަމަހަމަކުރި ހިސާބުން އޭނާ އާއިޕޯޓޯގެ އޮފިޝަލުންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެންނެވެ.

ރަތް ކާޑު ދެއްކި ސަބަބާ ގުޅޭ ގޮތުން މެޗަށް ފަހު މޮރީނިއޯއާ ނޫސްވެރިން ސުވާލުކުރުމުން އޭނާ ބުނެފައިވަނީ "ރެފްރީ އަހަރެން ގާތު ބުނެފައިވަނީ އަހަރެންނަށް ރަތް ކާޑު ދެއްކީ އަހަރެން ޕޯޓޯގެ ބެންޗާ ދިމާއަށް ބޯޅައެއް ޖެހުމުން ކަމަށް. އެކަމަކު އެއީ ކަނޑައެޅިގެން ދޮގެއް."

ޓީމުން ލަނޑު ޖެހީމަ ވަރަށް ގިނައިން އަހަރެން ހުންނާނެ ސަޕޯޓަރުން ތިބޭ ދިމާއަށް ބޯޅަ ޖަހާފަ. އެއީ އެބޯޅަ ލިބޭ ނަސީބުވެރި ސަޕޯޓަރަކު އުފާފާޅުކުރަން. ފަހަރެއްގަ އަހަރެން އެހާ ބޯޅައިގަ ޖަހަން މޮޅު ނުވީމަ ރޭގަ ބޯޅައިގެ މިސްރާބު ބަދަލުވީ ކަމަށް ވެދާނެ. އެކަމަކު އަހަރެން އަސްލު އެ ބޯޅަ ޖެހީ ސަޕޯޓަރުންނާ ދިމާއަށް. 

މޮރީނިއޯ

މޮރީނިއޯއާ އެކު ކުރިމަތިލުމަކަށް ދިޔަ ކަމަށް ފަހުން ރެފްރީ އަށް ފާހަގަވުމުން ޕޯޓޯގެ އެސިސްޓެންޓް ކޯޗު އަދި އާޖެންޓީނާގެ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ލޫކޯ ގޮންޒާލޭސް އަށް ވެސް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.

"ދަނޑުން ފައިބައިގެން ޗޭންޖިން ރޫމަށް ދިޔަ ވަގުތު އޭނާ އަހަރެންނާ ދިމާއަށް 50 ފަހަރުބާގީއޭ ކިޔާފައި ގޮވި." މޮރީނިއޯ ބުނެފައިވެ އެވެ.

މޮރީނިއޯ ބުނީ ބާގީއޭ ކިޔާފައި ގޮވުމުން އެކަމުގެ ސަބަބު އޮޅުންފިލުވަން ބޭނުންވި ކަމަށެވެ. އަދި، ކެރިއަރުގައި މަސައްކަތްކުރީ އެގޮތަށް ނޫން ކަމަށާއި، ޕޯޓޯއަށް ކޯޗުކޮންދިންއިރު ވެސް އެތައް ގުރުބާނީއެއް ވެފައިވާނެކަމަށް ހިތްހަމަނުޖެހިފައި ހުރި މޮރީނިއޯ ބުންޏެވެ.

އަހަރެން އޭނަ ގާތު އަހަން ބޭނުން އަހަރެންނާ ދިމާއަށް ބާގީއޭ ކިޔާފަ ގޮވީ ކޮން ސަބަބަކާ ހުރެތޯ؟ އަހަރެން ޕޯޓޯއަށް ކޯޗުކޮށްދިން އިރު އެ ކްލަބަށްޓަކައި ފުރާނައިން ގުރުބާންވިން. އޭގެފަހުން އަހަރެން ޗެލްސީއަށް ދިޔައިން. އިންޓައަށް ދިޔައިން. ރެއާލް މެޑްރިޑަށް ދިޔައިން. މުޅި ދުނިޔޭގަ އަހަރެން އެ ގޮތަށް ދަތުރުކުރިއިރު 24 ގަޑިއިރު އަހަރެން ހޭދަކުރީ މަސައްކަތުގަ. އަހަރެންގެ މުޅި ހަޔާތް އެކަމަށް ހުސްކުރިން. އެއީ ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ މީހުން ކަންކުރާ ގޮތަކީ

ބެންފީކާގެ ކޯޗު މޮރީނިއޯ

ބެންފީކާއާ ހަވާލުވުމަށް ފަހު މޮރީނިއޯ ވަނީ އެ ކްލަބުގެ ނަތީޖާތައް ރަނގަޅުކޮށްފަ އެވެ. ލީގުގައި އެޓީމު މިވަގުތު އޮތީ ތިން ވަނައިގަ އެވެ. އެއް ވަނައިގައި ޕޯޓޯ އޮތީ އެޓީމަށް ވުރެ 7 ޕޮއިންޓް ކުރީގައެވެ.

"ސަޕޯޓަރުންގެ ފަރާތުން އަންނަ ފުރައްސާރަ އަކީ އަދި ވަކި އެއްޗެއް. އެކަމަކު އެކުގަ މަސައްކަތްކުރާ ޕްރޮފެޝަނަލް މީހަކު އަހަރެންނާ ދިމާއަށް ބާގީއޭ ކިޔާފަ ގޮވަން ޖެހުނު ސަބަބެއް ނުވިސްނޭ. އަހަރެން ގައްދާރުވީ ކޮންކަމަކަށް. މިހާރު އަހަރެންގެ ހުރިހާ އެއްޗެއް ބެންފީކާއަށް ދޭތީތަ؟ ގައްދާރުވީ ކޮންކަމަކަށް؟ އަހަރެން ރުހޭ ކަމެއް ނޫން އެކުރީ."

މޮރީނިއޯ ވަނީ ޕޯޓޯގައި ހޭދަކުރި ދުވަސްވަރު އެ ޓީމަށް ހަ ތަށި ކާމިޔާބުކޮށްދީފަ އެވެ. އޭގެ ތެރޭގައި ޔޫއެފާ ކަޕްގެ އިތުރުން ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ހިމެނެ އެވެ.

ޕޯޓޯއާ އެންމެ ވާދަވެރި ބެންފީކާއާ މޮރީނިއޯ ގުޅުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ބެންފީކާ އަކީ މީގެ 26 އަހަރު ކުރިން މޮރީނިއޯގެ ކޯޗިން ކެރިއަރު ފެށި ކްލަބެވެ.

ކޮމެންޓްސް